ލަވަ ކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ފެޝަނާއި ބުރުގަލާއި ގުޅޭގޮތުން އަބަދުވެސް މީހުން އޭނައަށް އަންނަނީ ފާޑު ކިޔަމުންނެވެ. ހެދުން އެޅުމާއި އޭނާގެ ފެޝަނަށް ކިތަންމެ ގިނަ ފާޑު ކިއުންތަކެއް އަމާޒު ވި ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ ލަވަ ކިއުމުގައި އަޝްފާ ދިޔައީ ދުވަހެއް ދުވަހަށް އުހަށް އަރައި ފިޔަޖަހަމުންނެވެ. ހަފްލާތަކުގައި އަޝްފާގެ ހެދުން އެޅުމާއި ބުރުގާ އެޅުމަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދަނިކޮށް އަޝްފާ މިވަނީ ބުރުގާ ބާލާފަ އެވެ.
އަވަސް އަށް އެކަން އަޝްފާ ކަށަވަރު ކޮށްދިން ނަމަވެސް އެކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނޫން ކަމަށް އަޝްފާ ބުންޏެވެ. އަޝްފާ ބުރުގާ ބޭލި ފަހުން ބޭރު ތެރޭގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އަވަސްގެ ކިޔުންތެރިޔަކު ވެސް ވަނީ އަވަސްއާ ހިއްސާކޮށްފަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި އަވަސް އަށް ދިން އިންޓަވިއުއެއްގައި އަޝްފާ އޭރު ބުނެފައިވަނީ ބުރުގާ ބޭލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
"ބުރުގާ އެޅީ ހަމަ އަމިއްލައަށް ބޭނުންވެގެން. ފެމެލީ ތެރޭގައި ވަރަށް ވާހަކަ ދެކެވިގެންނާވެސް އެކީގައި. އަމިއްލައަސް ބޭނުންވެގެން ހަމަ އެޅީ." އަޝްފާ ބުނެފައިވެ އެވެ.
އެ އިންޓަވިއުގައި އަޝްފާވަނީ ބުރުގާ އެޅުމާއި ފެޝަނާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް ދައްކާފަ އެވެ. އަޝްފާ އޭރު ބުނެފައިވަނީ މީހުން ކިތަންމެ ވަރަކަށް އޭނާއަށް ފާޑު ކީ ނަމަވެސް އެކަމާ ދެރަ ނުވާ ކަމަށެވެ.
"އެގޮތަށް މީހުން ފާޑު ކިއަސް ނުވޭ ދެރައެއް. ވަރަށް ރަނގަޅު ކޮމްޕްލިމެންޓްއެއް. ޕާފެކްޓްކޮށް މީހުން ހަދާ އެއްޗެހީގައި ޝޭޕް ވައިސްކޮށް، އޭއްޗެސްގައި، ވިއްކަން ހަދާ ޕްރޮޑަކްޓެއް ދޯ އެއީ. އެހެންވީމަ އޭތި ނުހަދާނެތާ ގޯސް ކޮންނެއް. އެ ރަނގަޅު ވީމަ އޭ ކޮމްޕްލިމެންޓް ދޭނީ. ނުނަގަން ނެގެޓިވްކޮށް އެއްވެސް އެއްޗެއް އެހެން ބުނާ. " އަޝްފާ ބުނެފައިވެ އެވެ.
ކުރިއަށް އޮތްތާގައި ކިޔާ ކޮންމެ ފާޑު ކިޔުމަކީވެސް ކޮމްޕްލިމެންޓެއް ކަމަށް ބަލައި އަޝްފާ ހުރީ ކުރިއަށްދާން ތައްޔާރަށެވެ. އަޝްފާ ބުނެފައިވަނީ ހެދުން އެޅުމަކީ އެހެން މީހަކަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ހުރިހާ ކަމެއްގައިވެސް ފިރިމީހާ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)ގެ އެއްބާރުލުން ލިބޭ ކަމަށެވެ.
"ފާޑު ކިޔާށޭ އެވެސް ހަމަ ޕޮޒިޓިވް ކަމެކޭ އޭއްޗާ ނުލާ އެނެތީމަވެސް ފޫހިވާނޭ އެއްވެސް ވަރަކަށް ފާޑު ކިއުމެއް ނެތީމަ. ކިޔައްޗޭ ބުނާނީ. ކިތަންމެ ވަރަކަށް ފާޑު ކިއަސް އޯކޭ. އެއްވެސް ވަރަކަށް ދެރައެއްވެސް ނުވޭ. މިފަހުން ލިބޭ ކޮމްޕްލިމެންޓްސް ވަރަށް ހިންހަމަޖެހޭ ހަމަ. އެހަމަ ޕާފެކްޓްވީމައޭ ހިތަށް އަރަނީ." އަޝްފާއަށް ފާޑު ކިޔާ މީހުންނަށް އަޝްފާ އޭރު ދިން ޖަވާބަކީ އެއީ އެވެ.
ބުރުގާ ބޭލުމުގެ ކުރިންވެސް ބުރުގާ ނާޅާ ނަގާފައިވާ ގިނަ ފޮޓޯ އަޝްފާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ. ފެޝަން އަދި ލަވަ ކިޔުމުގައިވެސް އެތައް އަންހެން ކުދިންނެއްގެ އިންސްޕިރޭޝަނަކީ އަޝްފާ އެވެ.