ވިޔަފާރި

ދިރާގުން އަންނަ މަހު އައިފޯން 10 ވިއްކަން ފަށަނީ

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން، އައިފޯން 10 ނުވަތަ އައިފޯން އެކްސްގެ ޕްރީ އޯޑަރު މި މަހުގެ 24 އިން ފެށިގެން ނަގާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ ޕްރީ އޯޑަރުތައް ނަގާނީ ވެބްސައިޓު މެދުވެރިކޮށް ކަމަށެވެ. އަދި ފޯނުތައް އަންނަ މަހުގެ އެކަކުން ފެށިގެން ދޫކުރާނެ ކަމަށެވެ. މި މަހު 24 އިން ފެށިގެން ޕްރީ އޯޑަރަށް ހުޅުވާލި ނަމަވެސް ފޯނުގެ އަގުތައް އަދި އިއުލާނެއް ނުކުރެ އެވެ. ދިރާގުން ބުނީ ޕްރީ އޯޑަރަށް ހުޅުވާލާ ދުވަހު އަގުތައް ހާމަކުރާނެ ކަމަށެވެ.

ދިރާގުން މިހާރު ވަނީ އައިފޯން އަށެއްވެސް ވިއްކަން ފަށާފަ އެވެ. އެ ފޯނުވެސް އެޕަލް އިން ނެރެފައިވަނީ އައިފޯން 10 ނެރުނު ދުވަހު އެވެ. ދިރާގުން އައިފޯން 10ގެ ޕްރީ އޯޑަރު ނަގަން ތައްޔާރުވަމުން އަންނަ އިރު ބައެއް އަމިއްލަ ފަރާތްތަކުން މިހާރު ވަނީ އައިފޯން 10 މާލެ ގެނެސް ވިއްކަން ފަށާފަ އެވެ. އެ ފޯނުގެ އަގުތައް 20،000 ރުފިޔާއިން މައްޗަށް އަރަ އެވެ.

އައިފޯން 10 އަކީ އަކީ އެޕަލް އައިފޯނަށް 10 އަހަރު ވުމާ ގުޅިގެން އެޕަލްއިން ނެރޭ އައިފޯންގެ ހާއްސަ އެޑިޝަން އެވެ. އެޕަލް އައިފޯން 10 އަކީ އެޕަލްގެ އެހެން ފޯނުތަކާ ޑިޒައިން މުޅިން ތަފާތު ފޯނެކެވެ. މިފޯނަކީ މިހާތަނަށް އެޕްލްއިން ހޯމްބަޓަންއަކާ ނުލާ ނެރޭ ފުރަތަމަ އައިފޯންނެވެ.

އައިފޯންގެ ފަހުގެ މި ވާޝަންތަކަށް އަންނާނެ އެންމެ މުހިންމު އެއް ފީޗާއަކީ ފޯން ހުޅުވުމަށް ފޭސް އަޑީ ބޭނުން ކުރެވުމެވެ. ފޭސް އައިޑީއަކީ އިންސާނާގެ މޫނު ސްކޭން ކޮށްލެވޭ ފީޗާއެކެވެ. އެގޮތުން މި ފީޗާއިން ފޯނު އަންލޮކް ކޮށްލެވޭނެ އެވެ. މީގެ އިތުރުން އެޕަލް ޕޭގައި ވެސް މި ފީޗާ ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށް އެޕަލްއިން ބުނެއެވެ.

މި ފޯނަށް އެހެން އައިފޯންތަކާއި ތަފާތުވާނެ އަނެއްފީޗާއަކަށް ވާނީ އެނިމޯޖީއެވެ. އެގޮތުން މި ފޯނުގައި ފަރުމާކުރެވިފައިވާ ފޭސް ސެންސަރ ތަކުގެ އެހީގައި ފޯނުގެ އެމޯޖީތަށް އެނިމޭޝަންގެ ސިފައިގައި ފެންނާނެ އެވެ. މި ފޯނުގައި މީގެ އިތުރަށް ދެން ހިމެނޭ ފިޗާތާކަކީ އެޕަލްއިން ހަމަ މި ފޯނު ނޭރުމަށް ބޭއްވި އިވެންޓުގައި ލޯންޗްކުރި އައިފޯން 8 ގެ ފީޗާތަކެވެ. އެގޮތުން މި ފޯނުގައި ހިމެނޭ ކެމެރާވެގެންދާނީ 12 މެގަޕިކްސެލްގެ ކެމެރާއަކަށެވެ. އަދި މީގެ އިތުރުން އެޕަލްގެ އާ އޭ11 ބައޮނިކް ޕްރޮސެސާވެސް މި ފޯނުގައި ހިމެނޭނެއެވެ.

އެޕަލްއިން މިހާތަނަށް ނެރުނު އެންމެ ވަރުގަދަ އަދި އެންމެ މޮޅު ފޯނަށް ވެގެން ގޮސްފައިވަނީ މި ފޯނެވެ. އެޕަލްއިން ސިފަކުރާ ގޮތުގައި މި ފޯން ވެގެންދާނީ ސްމާޓްފޯންތަކުގެ ކުރިމަގަށެވެ.

އެޕަލްއިން އިއުލާން ކުރި ގޮތުގައި މި ފޯނުގެ އަގުތަށް ފެށޭނީ 999 ޑޮލަރުންނެވެ. މި ފޯނުގެ ނެރުމަށް ހަމަޖެހިފައިވާނީ ދެ ކުލައިގަ އެވެ. އެއީ ސްޕޭސް ގްރޭ އަދި ހުދެވެ.