ލައިފްސްޓައިލް

ގެމަނަފުށީ މަސްވެރިންގެ ތާސް ކުޅުން މޫދުގައި

ގެމަނަފުށީ މަސްވެރިންނަކީ ތަފާތު ބައެކެވެ. މަސްވެރިކަމަށް ކަނޑުމައްޗަށް ނުކުމެ ހޭދަވާ ދުވަސްތަކުގެ ފޫހި ފިލުވާލައި އާއިލާ އާއި ދުރުގައި ހުންނަން ޖެހުމުން އެ ލިބޭ މާޔޫސްކަމުން ދުރުވާން އެ މީހުން ކުޅިވަރުތުތައް ކުޅެނީ ތަފާތު ގޮތަކަށެވެ. އާންމުކޮށް ބަޔަކު ފޫހި ފިލުވަން ކުރާނޭ ކަމަށް ހިތަށް ނާރާ އެތައް ކަމެއް މި މަސްވެރިން ކޮށްފާނެ އެވެ.

އެގޮތުން އެމީހުން ވަނީ ދޯނިމަތީގައި ފުޓުސަލްވެސް ކުޅެފަ އެވެ. ތްރީ އޮން ތްރީ އަށް ކުޅޭއިރު އެ ދަނޑުގެ ދިގު މިނަކީ 25 ފޫޓެވެ. ބޯޅަ މޫދަށް ވެއްޓިދާނެތީ ދެ ފަރާތުން ހުރީ އެންދަމާ ދާ ވެސް ދަމާފަ އެވެ. ކުޑަ ކުޑަ ދެ ގޯލުވެސް ބަހައްޓާފައި ހުއްޓެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން އެމީހުންގެ މި ކުޅިވަރަށް ވެސް ހުއްޓުނެވެ.

އަނެއްކާވެސް ގެމަނަފުށީ މަސްވެރިން މިވަނީ ތަފާތު ކަމެއް ކޮށްފަ އެވެ. މި ފަހަރު ތާސް ކުޅުނީ އެވެ. ކަނޑުމަތީގަ އެވެ. އެކަމަކު ދޯނީގައި ތިބެގެނެއް ނޫނެވެ. މޫދުގައި ތިބެ އެވެ. ދޯނީގައި ތާސްބައި ކުޅުމަކީ އެމީހުން ގަބޫލުކުރާ ގޮތުގައި އެހާ ރަނގަޅު ކަމެއް ނޫނެވެ. އެހެންވެ އެރަށު އެއްވެސް ދޯންޏަކުން ކަނޑުމަތީގައި ތާސްބައެއް ނުކުޅެ އެވެ. ތާސްބައި ކުޅެނީ އެން ދަމަން ދާ ހިފައިގެން މޫދަށް ފައިބާ ފަސް ވަރަކަށް މީހުންނެެވެ. އެ މީހުން އެ ކުޅިވަރު ކުޅެނީ މޫދަށް އެރި ތިބެގެން އެވެ.

"އެން ދަމަން ފައިބައިގެން އުޅޭ މީހުން ތާސްބައި ކުޅޭނީ މޫދުގައި، އަނެއްހެން ވެސް މީހުން ފައިބއިގެން އުޅޭނެ ކުޅެން، ކައްޕިވެސް، ދޯނީގައި ތާސްބައެއް ނުކުޅޭނެ، އެއީ އެހާ ރަނގަޅު ކަމެއް ނޫން، އެން ދަމަން ފައިބައިގެން އެހެން ތިބޭއިރު ފޫހި ފިލުވާލަން ކުރާ ކަމެއް އެއީ، ވަރަށް ކުރިން ފެށިގެން މޫދުގައި ތާސްބައި ކުޅޭ،" ގެމަނަފުށީގެ ޒުވާން މަސްވެރިއެއް ކަމަށްވާ ހަސަން ސާޖިން އަވަސް އާ ވާހަކަ ދައްކަމުން ބުންޏެވެ.

މަސްވެރިކަން ކުރުމަށް ކަނޑުމައްޗަށް ނުކުމެ ފޫހި ފިލުވާލަން ކުރާނެ ކަމެއް ނެތިގެން ފޫހިވެގެން އުޅެން ނުޖެހޭކަން އެ ދާއިރާގައި ޒުވާނުން ހަރަކާތްތެރިވާ މިންވަރަށް ބަލައިލުމުންވެސް އެނގެއެވެ. ހަމައެކަނި ގެމަނަފުއްޓަށް ބަލައިލާއިރުވެސް އެ ރަށުގެ މަސްވެރިންގެ 80 ޕަސަންޓަކީ ޒުވާނުންނެވެ. އެ ޒުވާނުން ބުނާގޮތުގައި އެ މަސައްކަތް މާބުރައެއްވެސް ނޫނެވެ. އެހާމެ ރަނގަޅު އާމްދަނީއެއް ލިބެ އެވެ. އެމީހުން ފުޓްބޯޅަ ވެސް ކުޅެލަނީ މަސްވެރިކަމުގެ ތެރޭގަ އެވެ.

ކަންނެލި މަސްވެރިކަމަށް ރަށުން ފުރައިގެން ދާން ޖެހެނީ ގިނަ ދުވަސް ތަކަކަށެވެ. ހަފްތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ހޭދަކުރަން ޖެހެނީ ކަނޑުމަތީގަ އެވެ. ރަށު ފަސްގަނޑުގައި ހޭދަކުރާ ދުވަހަށްވުރެ ގިނަވާނީ ކަނޑުމަތީގައި ހޭދަކުރާ ދުވަހެެވެ. މަސްވެރިންގެ މުޅި ދިރިއުޅުން އޮންނަނީ ކަނޑުމަތީގައި ކަހަލަ ގޮތަކަށެވެ.

މަސްވެރިކަން ކުރާ ދޯނިތަކަށްވެސް ޒަމާނީ ތަރައްގީ އައިސްފައިވުމުން މަސްވެރިކަމުގައި އުޅޭ ދުވަސްތަކުގައި ޓީވީ އާއި ލެޕްޓޮޕް ފަދަ ތަކެތިން ސީރީޒް އާއި ފިލްމު ބެލުން ފަދަ ކަންކަން އެ މީހުން ވެސް ކުރެ އެވެ. ކުޅިވަރުގެ ގޮތުގައިވެސް ރާޒުވާ ފަދަ ކުޅިވަރުތައް ކުޅެ އެވެ. ސާޒިން ބުނާ ގޮތުގައި ގެމަނަފުށީގެ މަސްދޯނިތަކުގައި ރާޒުވާ ކުޅެއެއް ނޫޅެ އެވެ. އެކަމަކު އެ މީހުންގެ ތެރޭގައި ވެސް ލަވަ ކިޔުމާއި ނެށުމުގެ ފޯރިވެސް ވަރަށް ބޮޑަށް އޮވެ އެވެ.