ދިވެހި ސިނަމާ

ބޮސް ނުބަލާ މީހުންނަށް މޭކިން ހަދިޔާކޮށްފި

މިދިޔަ މަހުގެ 31 ވަނަ ދުވަހު އައިޝަތު ރިޝްމީ ޑައިރެކްޓްކޮށް ފާތިމަތު ނަހުލާ ޕްރޮޑިއުސް ކުރި ދިވެހި ފިލްމު "ބޮސް" އޮލިމްޕަހުގައި އެޅުވުމުން ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތެވެ. އެ ފަހުން އޮލިމްޕަހުގައި އަދި އަތޮޅުތަކުގައި އެޅުވި ޝޯތައް ފުލްވެ ބޮސް އަށް ދިޔައީ ތައުރީފް އޮހެމުންނެވެ.

ގިނަ ބަޔަކު ބަލަން ބޭނުންވެފައި ތިބި އެ ފިލްމުގެ މޭކިން މިވަނީ އެންމެނަށް ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލާފަ އެވެ. ބޮސް ގެ ފޭސްބުކް ޕޭޖުގައި މޭކިން ޕޯސްޓު ކުރިއިރު ފިލްމުގެ ޕްރިމިއާގައި ބައިވެރިވި މީހުންނަށް އެރޭ ވަނީ މޭކިން ގެ ސީޑީ އެއް ހަދިޔާކޮށްފަ އެވެ.

ބޮސް މޭކިން ޕާޓް 1. --

ފިލްމުގެ މޭކިން ފޭސްބުކްގައި ޕޯސްޓުކުރި އިރު އޭގައި ޑައިރެކްޓަރާއި ތަރިންނާއި ޓެކްނިކަލް މީހުންގެ ތަޖުރިބާތައް ވަނީ ހިއްސާކޮށްފަ އެވެ. ނަހުލާގެ މި ހަދިޔާ، ބޮސް ނުބަލާ މީހުންނަށް ރަނގަޅު ހަދިޔާއަކަށް ވެގެންދާނެ އެވެ.

ބޮސް އަކީ ލޯތްބާއި ހިތާމަ ފެނިގެންދާ ފިލްމެކެވެ. ސިނެމްސްޓޯން އިން ސިނެމެޓޮގްރަފީ ހަދައިދީފައިވާ އެ ފިލްމަކީ ފޯކޭ ކޮލިޓީގައި އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ބޮސް ސިފަ ކުރަނީ ބޮސް ދިނުމުގެ ގޮތުގަ އެވެ. ފިލްމު ބެލި ގިނަ މީހުން ވަނީ އެ ފިލްމަކީ ނަހޫ ސްޓައިލްގެ ފިލްމެއް ކަމަށް އެއްބަސްވެފަ އެވެ.

ބޮސް މޭކިން ޕާޓު 2. --

ފިލްމުގެ ލީޑް ރޯލުން މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުތް މުހައްމަދު ޔުނާން ފެނިގެން ދިޔައި މިހާރު ފިލްމީ ދާއިރާގައި އެންމެ މަގުބޫލު އެއް ބަތަލާ މަރިޔަމް އައްޒަ އެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި ފާތިމަތު އާޒިފާ، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) އަދި އަލީ ޝަމީލްވެސް ފެނިގެންދިޔަ އެވެ.

ފިލްމުގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)، އައިޝަތު މާއިން ރަޝީދު، ޝަލަބީ އިބްރާހީމް، މަރިޔަމް އަޝްފާ، އިބްރާހިމް އަލީ (ކުޑަ އިއްބެ)، ކޮމަންޑޫ އައްޔަ އަދި އަހުމަދު ނަބީލް އެވެ.