ހަބަރު

ސަލާމަތީ މަޖިލީހަށް ރާއްޖެ ކުރިމަތިލީ ހަމަހަމަކަން ގަބޫލުކުރާތީ: މިނިސްޓަރު

އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް ރާއްޖޭން ކުރިމަތިލީ ބޮޑަސް ކުޑަޔަސް ގައުމުތަކުގެ މެދުގައި ހަމަހަމަ ކަން އޮންނަން ޖެހޭނެ ކަމަށް ރާއްޖޭން ގަބޫލުކުރާތީ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން އިންތިޒާމްކޮށްގެން ބަނޑޮސް މޯލްޑިވްސްގައި މިއަދު ބޭއްވި އެމްބެސެޑޯރިއަލް ވޯކްޝޮޕެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބައިނަލް އަގުވާމީ ގުޅުންތަކާ މެދު ރާއްޖޭން ގަބޫލުކުރާ ގަބޫލުކުރުން ބިނާވެފައި ވަނީ ތަފާގު ގިނަ ގައުމުތަކުގެ ބައިވެރިވުން އޮތުމަކީ އދ. ވަރުގަދަވާނެ ކަަމަށް ރާއްޖޭން ގެންގުޅޭ ވިސްނުމުގެ މައްޗަށް ކަމަށެވެ.

"ބޮޑަސް ކުޑަޔަސް ގައުމުތަކުގެ މެދުގައި ހަމަހަމަ ކުރުމާއި އިންސާވުވެރި ވުމަކީ މިޒަމާނުގެ ބައިނަލް އަގުވާމީ ގުޅުންތަކުގެ ބިންގާ ބައްޓަން ކުރާ ކަންތައްތައް. ބޮޑެތި ލަނޑުދަނޑިތައް ހާސިލު ކުރުމުގެ އަޒުމް ކަނޑައަޅަން އަހަރެމެންނަށް ހިތްވަރު ލިބެނީ މި ގަބޫލުކުރުމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ ޖަމާއަތް އެއޯސިސްއާ އެކު ރާއްޖޭން ކުރާ މަސައްކަތަކީ އެއްބައިވަންތަކަމާ އެކު މަސައްކަތް ކުރުމުން ކަންތައްތައް ހާސިލުވާނެ ކަމުގެ ހެއްކެއް ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދެއްކެވުމުގެ ކުރިންް ޑރ. އާސިމް ހަނދާން އާކުރެއްވީ ރާއްޖެއަށް އދ.ގެ މެމްބަރުކަންދޭން މީގެ 52 އަހަރު ކުރިން ފުރަތަމަ ހުށަހެޅި އިރު ގައުމުތަކުން ދެއްކި ވާހަކަތަކެވެ. ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ގައުމެއްގެ ގޮތުގައި ދެމި އޮވެވޭނެ ކަމާ މެދު އޭރުގައި ސުވާލު އުފެއްދިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން 2019 ވަނަ އަހަރުން 2020 ވަނަ އަހަރަށް ކުރަން ރާއްޖޭން ކުރިމަތިލާފައި ވާއިތު އެކަން ހާސިލުވާނެ ކަމުގެ ޔަގީން ކަން އެބަ އޮތްކަން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވަނީ ކުރިން ވިދާޅުވެފައެވެ. މިދިޔަ އޮކްޓޯބަރުމަހުގެ ފަހުކޮޅު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރ. މީދޫގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ވެރިކަން ބަދަލު ކުރަން އިދިކޮޅު ފަރާތްތަކުން ބޭރުގެ ފަރާތްތަކުގެ އެހީގައި ކުރާ މަސައްކަތައް ދިވެހި ދައުލަތުން ރައްދު ދޭނީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރަކަށް ވެގެން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ބައިނަލްއަގުވާމީ ބޮޑު އާއިލާއެއް ތެރޭގައި މަސައްކަތް ކުރާ އިރު ކުދި އަދި ބޮޑެތި ގައުމުތަކުގެ މެދުގައި ތަފާތު ކުރުންތަކާއި އިމްތިޔާޒާއި ސިޔާސީ ބާރުވެރިކަމާއި ފައިސާގެ ނުފޫޒުވެރިކަމުގެ ތަފާތު ކުރުންތައް އޮންނަ ކަމަށެވެ. ނަމަވެސް ބޮޑެތި މައްސަލަތަކުގައި ވޯޓާ ހަމަޔަށް ދާއިރު ކުދި ގައުމުތައް އެކަހެރި ނުކުރެވޭނެ ކަމަށެވެ. އެހެން ގައުމުތަކާ އެއް ހަމައެއްގައި ވޯޓު ދިނުމުގެ ހައްގު ލިބެން ޖެހޭ ކަމަށެވެ.