ވިޔަފާރި

ދިއްފުށީ ފަޅު ދެނީ ފަސް މިލިއަން ޑޮލަރުގެ ފީއަކަށް

ރިސޯޓު ތަރައްގީ ކުރަން ކ. ދިއްފުށީ ފަޅު ކުއްޔަން ދޭ ފަރާތަކުން އެކުއެޒިޝަން ފީގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ބިން ހިއްކައިގެން ތަރައްގީ ކުރާ ގޮތަށް، ކުއްޔަށް ދޭ ކ. ދިއްފުށީ ފަޅުގެ ބިޑް ކާމިޔާބުކުރާ ފަރާތަކުން ހަތް ދުވަހުގެ ތެރޭގައި އެކުއެޒިޝަން ފީގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.

މި ފަޅު ކުއްޔަށް ދޭނީ 50 އަހަރަށެވެ. މިތަން ހަވާލުކުރާ ތާ ތިން އަހަރުގެ ތެރޭގައި މިތަން ތަރައްގީ ކުރަން ޖެހެ އެވެ.

ދިއްފުށީ ފަޅު ޓޫރިޒަމް މިނިސްޓްރީން އަލުން ބިޑަށް ލާފައިވާއިރު، އެ ފަޅަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއީލަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއް ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފަ އެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ގަނޑުގެ ތެރޭގައި ހިމެނޭ ހިޔާނާތުގެ ކުށެއް ސާބިތުވެ ޖަލު ހުުކުމެއް ތަންފީޒު ކުރަމުންދާ ހާމިދުގެ ފަރާތުން އޭނާގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުންތަކާ ހިލާފަށް އަމަލު ކުރަމުންދާތީ ހާމިދުގެ ކުންފުނިތަކަށް ފޫނުބެދޭވަރުގެ ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެނބޫދޫ ފަޅުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-

އެ އާއިލާ އިން ބުނެފައިވާ ގޮތުގައި އެއްބަސްވުމާ އެއްގޮތަށް ފަޅުގެ އެންމެހައި މަސައްކަތްތަކެއް ކުރިއަށް ދަނިކޮށް، ފަޅު އަލުން ވިއްކާލުމަށް ބިޑަށް ހުޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ހާމިދުގެ އެންމެހައި ވިޔަފާރިތައް ބިނާވެފައިވަނީ ގިނަ އަހަރުތަކެއްގެ ތެރޭގައި އޭނާގެ ބުރަ މަސައްކަތުން ހޯދާފައިވާ ހަލާލު ފައިސާއިން ކަމަށެވެ.

ރަށްފަޅުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-

ސަރުކާރުން ވަނީ މާލެ އަތޮޅު ބައެއް ފަޅުތައް ތަރައްގީކޮށް އިންޓަގްރޭޑެޓް ކޮންސެޕްޓަށް ރިސޯޓު ތަރައްގީ ކުރުމަށް ނިންމައި ވަނީ ބައެއް ކުންފނިތަކާ ވެސް ހަވާލުކޮށްފަ އެވެ. މިގޮތުން މާލެ އިން ފުރައިގެން 20 މިނެޓުން ދެވޭ ހިސާބުގައި އޮންނަ އެނބޫދޫ ފަޅުގައި ތަރައްގީ ކުރަނީ ތައިލެންޑުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސިންހާ ކުންފުނިންނެވެ. މި މަޝްރޫއުގެ ދަށުން، އެފަޅުގައި ޑިއުޓީ ފްރީއާއި ފްރެންޗައިޒް ރެސްޓޯރެންޓްތައް ވެސް ހަދާނެ އެވެ. މީގެ އިތުރުން ރަށްފަޅުގައި ސިންގަޕޫރުގެ ޕޮނިޓިއާކް ލޭންޑް ކުންފުނިން ތިން ރިސޯޓުގެ އިތުރުން ޓްރެއިނިން ދޭނެ މަރުކަޒެއް ވެސް ހަދާނެ އެވެ.

މާލެ އަތޮޅުން ބައެއް ފަޅުތައް ހިއްކައިގެން ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކެއް ފަށާފައިވާއިރު، މި ދައުރުގައި އިތުރު 50 ރިސޯޓު ހުޅުވަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ދިޔައަހަރު 11 ރިސޯޓެއް ހުޅުވިއިރު، މި އަހަރު 25 ރިސޯޓު ހުޅުވާނެ ކަމަށް ބުނެފައިވެ އެވެ.