ހަބަރު

ހދ. ގެ ބޮޑު ދެ ފަޅެއް ތަރައްގީ ކުރަން ނިންމައިފި

ފަތުރުވެރި ކަމަށް ހދ. އަތޮޅުގެ ބޮޑު ދެ ފަޅެއް ތަރައްގީ ކުރަން ނިންމަވައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކަން އިއުލާން ކުރައްވައިފި އެވެ.

ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ހދ. ކުޅުދުއްފުއްށީގައި "އުދުހޭ" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހދ. އަތޮޅުގައި ފަތުރުވެރިކަމަށް ތަރައްގީ ކުރާނެ ބޮޑެތި ފަޅުތަކާއި ފަޅު ރަށްތައް އެބަހުރި ކަމަށެވެ. އަދި ސިނާއީ މަސައްކަތްތައް ކުރާނެ ބޮޑެތި ރަށްތައް ވެސް އެ އަތޮޅުގައި އެބައޮތް ކަމަށެވެ.

"ފިތްކަނޑައިގެން ދާހާ ބޮޑު ދެ ފަޅު އެބައޮތް، އަޅުގަނޑަށް ލިބިފައި އޮތް ތަފާސް ހިސާބުތައް ގޯސް ނޫން ކަމަށް ވަންޏާ އެއް ފަޅަކީ 785 ހެކްޓަރު، އަނެއް ފަޅަކީ އެއްހާސް ކޮންމެސް ހެކްޓަރެއް، މި ފަޅުތައް ތަރައްގީ ކުރުމަށް، މި ރަށްތައް ތަރައްގީ ކުރުމަށް މާލެ ގޮސް މާދަމާ ގެޒެޓް ކުރެވޭތޯ ބަލާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި އަޅާ އެއާޕޯޓު ނިންމާ ދަތުރުތައް ފެށުމުން ފަތުރުވެރިކަމަށް ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގައި 1،500 އެނދު އިތުރުކުރެވޭނެ ކަމަށެވެ. އަދި ހަމައެކަނި ރިސޯޓުގެ ވަޒީފާތަކަށް ބަލާއިރު 4،000 އެއްހާ ވަޒީފާ އުފެދޭނެ ކަމަށެެވެ. އަދި އެންމެ ކުޑަކޮށްވެސް އެ އިންވެސްޓްމަންޓަށް 200 މިލިއަން ރުފިޔާ އަށްވުރެ ބޮޑު އަދަދެއް އަރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރިސޯޓުތައް ތަރައްގީ ކުރަން ދެ އަހަރު ދުވަސް ބޭނުން ނުވާނެ ކަމަށާއި އެއް އަހަރު ދުވަހުގެ ތެރޭގައި ރިސޯޓު ތަރައްގީކުރެވޭނެ ކަމަށެވެ.

"މިވަރުންވެސް ރައަޅުގަނޑުމެން ބޮނބި ފާ ކުރަން ޖެހޭނެތޯ؟ ށ. އަތޮޅާއި، ހއ. އާއި، ހދ. މި ދާއިރާތަކަށް ބަލަންޏާ މިއީ ވަރުގަދަ ސަރަހައްދެއް، ކުޅުދުއްފުށި މިވަނީ މި ސަރަހައްދުގެ މައިނާރަށް،" ރައީސް ވިދާޅުވި އެވެ.

ހދ. އަތޮޅުގެ ބޮޑު ދެ ފަޅެއް ތަރައްގީކުރަން ރައީސް ނިންމެވިއިރު މިހާތަނަށް އެ އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރެވިފައެއް ނުވެ އެވެ. އެހެން ނަމަވެސް ހދ. ނާގޯށި ރިސޯޓަކަށް ތަރައްގީކުރަން ވަނީ އަނެއްކާވެސް، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ވަނީ ހަވާލުކޮށްފަ އެވެ. ނާގޯށި ތަރައްގީ ކުރަނީ ރަޝިޔާ ކުންފުންޏެއް ކަމަށްވާ ތްރީކޭ އިންޓަނޭޝަނަލުންނެވެ. އެ ކުންފުނިން އެ ރިސޯޓުގެ 50 ޕަސެންޓް މަސައްކަތް ވަނީ ކޮށްފަ އެވެ. މި ރިސޯޓަކީ 600 އެނދުގެ ރިސޯޓެކެވެ. އެ ރިސޯޓަކީ އެ އަތޮޅުގައި ހުޅުވާ ފުރަތަމަ ރިސޯޓަށް ވެެގެންދާނެ އެވެ.