ހަބަރު

ސިންގަޕޫރު ކޯޓަށް ހާޒިރު ނުވުމުން ނާޝިދަށް ޖޫރިމަނާއެއް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ސިންގަޕޫރުގެ ހައި ކޯޓަށް ހާޒިރުވެވަޑައިގަންނަވަން ކުރި އަމުރާ ހިލާފުވެވަޑައިގެން ކޯޓުގެ ހުރުމަތް ކެނޑުއްވުމުން 12،000 ޑޮލަރުން (185،000ރުފިޔާ) އިން އޭނާ ޖޫރިމަނާކޮށްފި އެވެ.

ސިންގަޕޫރުގެ ސްޓްރެއިޓްސް ޓައިމްސް ނޫހުން ބުނީ ނާޝިދު ކޯޓަށް ހާޒިރުވާން އެންގީ އޭޑީކޭ ޓްރެވަލްސް އިން 2011 ގައި ސިންގަޕޫރުގެ ފޯމެންޓޯ އެސޯސިއޭޓެޑް ސިންގަޕޫރު ހޯލްޑިން ކުންފުނިން ނެގި 1.5 މިލިއަން ޑޮލަރުގެ ލޯނެއްގެ މައްސަލައިގައި ބޭއްވި އަޑުއެހުމަކަށް ހާޒިރު ނުވެގެން ކަމަށެވެ. އޭޑީކޭ ޓްރެވަލްސް އިން ލޯނު ނެގީ ޕާސަނަލް ގެރެންޓާއެއްގެ ގޮތުގައި ނާޝިދު ހަމަޖައްސައިގެންނެވެ.

ސިންގަޕޫރު ހައި ކޯޓުގައި ބޭއްވި އަޑުއެހުމަކަށް ނާޝިދު ހާޒިރު ނުވެގެން 2015 ވަނަ އަހަރުވެސް ނާޝިދު ޖޫރިމަނާކޮށްފައި ވެއެވެ.

ފޯމެންޓޯ ކުންފުނިން ދައުވާ ކުރުމުން ސިންގަޕޫރުގެ ކޯޓަކުން ވަނީ ނެގި ލޯނު އަނބުރާ ދައްކަން އޭޑީކޭ ޓްރެވަލްސްގެ މައްޗަށް 2014 ވަނަ އަހަރުވެސް ހުކުމެއް ކޮށްފަ އެވެ. އަދި އެ ފަހަރު ދައުވާ ކުރީ ދަރަނީގެ ގޮތުގައި ފޯމެންޓޯ އަށް ނެގޭނެ ހަރު މުދަލެއް ހުރި ނަމަ، އެ މުދަލެއް ނަގައިދިނުމަށް އެދި އެވެ.

ސްޓްރެއިޓްސް ޓައިމްސް ނޫހުގައި ބުނީ ކޯޓަށް ހާޒިރުވެވަޑައިނުގެންނެވުނީ މަޖިލީހުގެ ޖަލްސާތަކާއި ސިޔާސީ ބައްދަލުވުންތަކަށް ވަޑައިގަންނަވަން ޖެހުމުން ކަމަށް ކޯޓަށް ޖަވާބުދާރީވެވަޑައިގެންނެވުމުގައި ނާޝިދު ވިދާޅުވި ކަމަށެވެ. އެގޮތަށް ޖަވާބު ދެއްވުމުން ނާޝިދުގެ ވާހަކަތަކަށް ރިއާޔަތްކޮށް، މިދިޔަ ހޯމަ ދުވަހަށް ކޯޓުން އަޑުއެހުން ފަސް ވެސް ކުރި އެވެ. ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ނާޝިދުގެ ވަކީލުން އެދިވަޑައިގަތީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ކުރިއަށް ނުގެންގޮސް، ކުޑަ ޖޫރިމަނާއަކުން ނުވަތަ އިންޒާރަކުން މައްސަލަ ނިންމައި ދިނުމަށެވެ.

ނަމަވެސް ޖުޑިޝަލް ކޮމިޝަނަރު ވަނީ ކޯޓުގެ އަމުރާ ނާޝިދު ގަސްދުގައި ހިލާފުވެވަޑައިގެން ކޯޓުގެ ހުރުމަތް ކެނޑުއްވި ކަމަށް ނިންމަވައިއިފަ އެވެ.

ފޯމެންޓޯ ކުންފުނިން ސިންގަޕޫރު ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.

ފޯމެންޓޯ ކުންފުނިން އޭޑީކޭ ޓްރެވަލްސް އަށް ނަގާފައިވާ 1.5 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކެމުގެ ސަބަބުން، ފާއިތުވީ ހަ އަހަރު ދުވަހުގެ ތެރޭގައި އިތުރުވި އިންޓްރެސްޓާއެކު މިހާރު ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ ދެ މިލިއަން ޑޮލަރަށް އަރައިފަ އެވެ