ވިޔަފާރި

ސާދަ ބުރީގެ 25 ޓަވަރުގެ ބިންގާ އެޅުން ބުދަދުވަހުގެ ރޭ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަޅާ 14 ބުރީގެ 25 ޓަވަރުގެ ބިންގާ ބުދަ ދުވަހުރޭ އަޅަން ތައްޔާރު ވެއްޖެ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ބުދަ ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި "ހިޔާ" ފްލެޓުތަކުގެ ބިންގާ އަޅުއްވައި ދެއްވާނީ ރައީސް އަބްދުﷲ ޔާމީން އެވެ.

އެނގިފައިވާ ގޮތުގައި މި ފްލެޓުތަކަކީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާއިލާތަކަށް ހާއްސަކޮށް އަޅާ ފްލެޓުތަކެވެ. ނަމަވެސް، މި މަޝްރޫއާ ބެހޭ ގޮތުން، ހުޅުމާލެ ތަރައްގީކުރާ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އެޗްޑީސީއިން ދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް ފަށަން ތައްޔާރު ވަމުންނެވެ. މި މަޝްރޫއު ފެށުމަށްޓަކައި ބޭރުގެ ބައެއް ކުންފުނިތަކުން ވަނީ ސާމާނާއި މުވައްޒަފުން ތިބޭ އިމާރާތްތައް ވެސް ވަނީ އަޅާފަ އެވެ. އަދި ސަރުކާރުން ބުނެފައިވަނީ މި އަހަރު 7،000 ފްލެޓުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަންނަ އަހަރު 8،000 ފްލެޓުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައިވެ އެވެ.