ވިޔަފާރި

ނެޓްގެ ހިދުމަތަށް އާރްއޯއެލް އިން ޕޭރަންޓަލް ކޮންޓްރޯލެއް

ފިލާވަޅު ދަސްނުކޮށް އިންޓަނެޓަށް ވަދެ ވަގުތުތައް ހޭދަ ކުރުމާއި، ގޭމް ކުޅުމާއި ކާޓޫނު ބަލަން ކުދިން ވަގުތު ހޭދަކުރާ މައްސަލައަކީ ބެލެނިވެރިންގެ އާންމު ޝަކުވާ އެކެވެ. އެކަމަށް ހައްލެއް ގެންނަން ރައުޓާ އޮފް ކޮށްލެވޭނީވެސް ގޭގައި ހުންނަ ވަގުތެއްގަ އެވެ. އޮފީހުގައި ނުވަތަ ބޭރުގައި އުޅެނިކޮށް ކުދިންގެ ކިޔަވާ ވަގުތު ޖެހުމުން ވައިފައި އޮފް ކޮށްލެވޭނެ ގޮތެއް ނޯވެ އެވެ. ގޭގައި ހުރެ އެ ވަގުތުތަކުގައި ވައިފައި އޮފް ކުރުމަކީ ގޭގައި އުޅޭ އެހެން މީހުންނަށްވެސް އުނދަގޫވާ ކަމެެކެވެ.

އާރްއޯއެލް އިން މިއޮތީ އެކަމަށް ހައްލެއް ގެނެސްފަ އެވެ. އާރްއޯއެލްގެ "ނެޓްވެލޭ" އެޕްލިކޭޝަނުން ގޭގެ އިންޓަނެޓު ކޮންޓްރޯލް ކުރެވޭނެ އެވެ. އެޕް ސްޓޯރުން އަދި ޕްލޭސްޓޯރުންވެސް މިހާރު ނެޓް ވެލޭ ލިބެން ހުންނާނެ އެވެ.

ނެޓްވެލޭ އަޅާ އިންޓަނެޓުގެ ކޮންޓްރޯލް ހޯދާށެވެ. އެއިން ވަކިވަކި ޑިވައިސްތަކަށް ވައިފައި އޮފް ކޮށްލެވޭނެ އެވެ. އެ އެޕްލިކޭޝަން ހާއްސަކޮށްފައިވަނީވެސް ޕޭރެންޓަލް ކޮންޓްރޯލް އަށެވެ. ގޭގައި ހޯމް ނެޓްވޯކެއް ގާއިމްކޮށް އަދި ގެއިން ބޭރުން މީހުން އަންނަ މީހުންނަށް އިންޓަނެޓު ދޭ އިރު ވަކި ނެޓްވޯކެއް ބޭނުންކުރެވޭނެ އެވެ.

ވައިފައި ޕާސްވޯޑް ހެކްކޮށް ކައިރި ގެތަކުގައި އުޅޭ މީހުން އިންޓަނެޓު ބޭނުން ކުރަން ފެށުމުން އެޕް މެދުވެރިކޮށް ޕާސްވޯޑް ބަދަލުކުރެވޭނެ އެވެ. އިތުރު ޑިވައިސްއެއް އިންޓަނެޓު ބޭނުންކުރަން ފެށުމުން ނޮޓިފިކޭޝަންވެސް އަންނާނެ އެވެ. އަދި އެންމެ ގިނައިން ބޭނުންކުރާ ފަސް އެޕްލިކޭޝަންވެސް އެނގޭނެ އެވެ. ބޭނުންކުރާ މިންވަރާއެކުގަ އެވެ.

"މީގެ ހުރިހާ ފީޗާއެއްވެސް ހުންނާނީ ސެކިއުރިޓީ ވަރަށް ހައިކޮށް. އޭގެ އިތުރުން ސްޓްރީމްކުރާ ޓޮޕް ފައިވް އެޕްލިކޭޝަންވެސް އެނގެން ހުންނާނެ،" އާރްއޯއެލްގެ ޕްރޮޑަކްޓް މެނޭޖަރު މުހައްމަދު މުއައްޒިން ވިދާޅުވި އެވެ.

އިތުރު މައުލޫމާތު އާރްއޯއެލްގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި މިހާރަށްވުރެ އިތުރު ފީޗާތައްވެސް އަދިވެސް އަންނާނެ ކަމަށް މުއައްޒިން ވިދާޅުވި އެވެ.