ވިޔަފާރި

އުރީދޫން ކަލަ ރަން ރާއްޖޭގައި ބާއްވަނީ

  • ދުވުން އޮންނާނީ ޑިސެމްބަރު ދެވަނަ ދުވަހު
  • މި ދުވުމުގެ ދިގު މިނަކީ ފަސް ކިލޯ މީޓަރު
  • ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށް ބައިވެރިވެވޭ

ދުވުމުގެ ތެރޭގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް، ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ، "ކަލަ ރަން" އުރީދޫން ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

"ޔުނިކްސް ސްޕޯޓްސް" އާއި އެކު ކުރިއަށްގެންދާ މި ދުވުން ބާއްވާނީ އަންނަ މަހުގެ ދެވަނަ ދުވަހު، ހުޅުމާލޭގަ އެވެ. މި ފަދަ ދުވުންތައް ދުނިޔޭގެ އެކިހިސާބުތަކުގައި މަގުބޫލުކަން ހޯދާފައިވާއިރު، ރާއްޖޭގެ ގިނަ ދުވުންތެރިންނެއް ވަނީ އުރީދޫ ކަލަ ރަން އަށް ހޫނު މަރުހަބާ އެއް ކިޔާފަ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި، އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ފޯރިގަދަ ރަން ދިވެހި ދުވުންތެރިންނާއި ހަމައަށް ގެނެސްދެވުމަކީ، ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ދުވުންތެރިންގެ އަދަދު ދަނީ އިތުރުވަމުން. ދުވުމަކީ ގިނަ ގުނަ ފައިދާ ހިމެނޭ ކަމަކަށްވެފައި، މި ކަމަށް އިތުރު ހިއްވަރެއް ދިނުމުގެ ގޮތުން، އަޅުގަނޑުމެން މި ތައާރަފްކުރަނީ މި ދާއިރާ އަށް މުޅިން އައު އަދި ތަފާތު އިވެންޓެއް،" ނަޖީބު ވިދާޅުވި އެވެ.

ކަލަ ރަން ލޯންޗް ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މަޝްހޫރު ދުވުންތެރިޔާ، އަހުމަދު އާތިފާއި ފިލްމީ ތަރި އައިޝަތު ރިޝްމީ އާއި މަރިޔަމް އައްޒަ ވެސް ބައިވެރި އެވެ.

އުރީދޫ ކަލަ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަ ރަންގައި ކޮންމެ ކިލޯމީޓެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަޔާއި ޖޮގްކޮށް އަ ދުވެފަ ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ އެވެ.

މި ދުވުމުގައި ހަތް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، އެއްވެސް ފީ އަކާ ނުލާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ހަމަ އެހެންމެ، ކަލަރ ރަންގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތަށް ހިމެނޭ ކިޓެއް ވެސް ގަންނަން ލިބޭނެ އެވެ. މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން www.ooredoo.mv/ColorRun މެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރކުރެވޭނެ އެވެ.

ކޮންމެ އަހަރަކު ވެސް، އެ އަހަރެއްގެ އުރީދޫ ކަލަ ރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަ އެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ޕަސެންޓެއްގެ ފައިސާ އެފަރާތަށް ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފަ އެވެ. އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަގުފަހިކޮށްދެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އެހެން ގައުމުތަކުގައި ބާއްވާ ކަލަ ރަން