ރިޕޯޓް

ގެދޮރުގެ ކުލި ކުޑަވާނެ ގޮތަކީ ކޮބާ؟

"އަގު ހެޔޮކޮށް ،އެޕާޓްމަންޓެއް ނެތް ތަ؟، މިހާރު ހާދަ އަގު ބޮޑޭ؟" މިއީ އާވާހަކައެއް ނޫނެވެ. އެކަމަކު މިއީ ދިވެހިން އެންމެ ގިނަ އިން ދައްކަން ޖެހޭ ވާހަކަ އެވެ. ދުވަހެއް ދުވަހަކަށް ގޭގެ ކުލިތައް ބޮޑުވާ ވާހަކަ އެވެ. މިކަމުގެ ލިބޭ މުސާރައިން ނުފުދި، އަތާއި އަނގަޔާ ދިމާ ނުވެގެން ކުރާ، ކުރެވޭ ޝަކުވާ ތަކެވެ. އެންމެންވެސް ބުނަމުންދަނީ ބޮޑުވަމުންދާ ގެދޮރު ކުލި ކުޑަކޮށްދޭށެވެ

ސުވާލަކީ ގެދޮރުގެ ކުލި ކުޑަ ކުރަން ނުވަތަ ކޮންޓްރޯލް ކުރަން އެޅޭނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ މާލޭގެ، ގެދޮރުގެ ކުލި ކުޑަ ކުރެވިދާނެ ހެއްޔެވެ؟

އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި ކުލި ކޮންޓްރޯލް ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް މި މަސައްކަތުގައި އެންމެ މުހިންމު ރޯލެއް އަދާކުރެވޭނީ ދުރާލާ ޕްލޭންކޮށްގެން ކުރެވޭ މަސައްކަތް ތަކެވެ. ހާއްސަކޮށް މާލެ ފަދަ ބައިބޯ ސިޓީތަކުގައި ގެދޮރުގެ އަގު ކޮންޓްރޯލް ކުރާނަމަ ފުރަތަމަ ޖެހޭނީ ޑިމާންޑާ އެއްވަރަށް އިމާރާތްތައް މާކެޓަށް ނެރޭށެވެ. ހާއްސަކޮށް ގެދޮރުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ސޯޝަލް ހައުސިން ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަން ފުއްދައި ދޭށެވެ.

އަހަރުން އަހަރަށް ކުލިވަނީ މަތި!

މާލޭގައި ވޭތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު ވެސް ގެދޮރުގެ ކުލި ވަނީ މަތިވެފަ އެވެ. މުދަލާއި ހިދުމަތުގެ އަގު ތަކަށް އަންނަ ބަދަލު އަންގައި ދިނުމަށް ނޭޝަނަލް ޕްލޭނިން ޑިޕާޓްމަންޓުން ނެރޭ، ކޮންސިއުމާ ޕްރައިސް އިންޑެސް (ސީޕީއައި) ނުވަތަ އިންފްލޭޝަން ހިސާބުތައް ދައްކާ ގޮތުގައި 2014-2015 ވަނަ އަހަރު ގެދޮރުގެ ކުލި މަތިވެފައިވަނީ 3.52 ޕަސެންޓެވެ. ނަމަވެސް 2015-2016 އަށް ވަނީ 3.76 ޕަސެންޓް އިތުރުވެފަ އެވެ.
އަދި އެންމެ ފަހުގެ ސީޕީއައި ހިސާބުތައް ދައްކާ ގޮތުގައި ސެޕްމްބަރު މަހު ގޭގެ ކުލި ވަނީ 1.09 ޕަސެންޓް މަތިވެފަ އެވެ. މިއީ ނިސްބަތުން މަތި އަދަދެކެވެ. މިކަން އެނގެނީ 2015 ވަނަ އަހަރުގެ ތެރޭގައި 15،000ރ. އަށް ލިބެން ހުރި ތިން ކޮޓަރީގެ އެޕާޓްމަންޓުގެ އަގުތައް މިހާރު 18،000ރ. އިން މަތީގައި ހުރުމެވެ. މިކަމުގައި ކުރިން ހުޅުމާލޭގެ އަގުތައް ދަށުގައި އުޅުނުނަމަވެސް، މާލެ- ހުޅުމާލެ ބްރިޖުން ގުޅުވައިލަން ފެށި ހިސާބުން މިހާރު މާލެއެކޭ، ހުޅުމާލެއެކޭ ގެދޮރުގެ އަގުގައި މާކަބޮޑު ފަރަގެއް ނުފެނެ އެވެ. ދެން އުފެދޭ ސުވާލަކީ ގެދޮރުގެ އަގުތައް ދަށަށް ނުދަނީ ކީއްވެގެން ހެއްޔެވެ؟

އިމާރާތް ކުރާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި މާލޭގައި ގެދޮރުގެ ކުލި ދަށަށް ނުދިއުމުގެ މައިގަނޑު ސަބަބަކީ ސޯޝަލް ހައުސިން ނޭޅުމެވެ. މީގެ ސަބަބުން ގެދޮރަށް އޮތް ޑިމާންޑް ދަށް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އާބާދީގެ 80 ޕަސެންޓް މި އުޅެނީ މާލޭގައި. ގިނަ މީހުން އުޅެނީ ކުއްޔަށް. އެހެންވީއިރު، މާލެ ސަރަހައްދަށް ސޯޝަލް ހައުސިންގެ މުހިންމުކަން ބޮޑީ. ސޯޝަލް ހައުސިން ގިނަ އަދަދަކަށް ނެރެވިއްޖެނަމަ ގެދޮރުގެ އަގުތައް އޮޓަމެޓިކުން ދަށްވާނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ހަމައެކަނި ފްލެޓު ދީގެން ނުފުދޭ!

ދެން އޮތް ސުވާލަކީ ގެދޮރުވެރިކަން ހައްލުކޮށް އަގުތައް ތިރި ކުރުމަށް ބޭނުންވަނީ ކިތަށް ފްލެޓު ހެއްޔެވެ؟ ރާއްޖޭގައި ގެދޮރުވެރިކަން ހައްލު ކުރުމަށް ބޭނުންވަނީ ކިތަށް ފްލެޓުކަން ބެލިފައެއް ނުވެ އެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި 20،000 ސޯޝަލް ހައުސިން ފްލެޓު އެޅިއްޖެނަމަ، މާކެޓަށް "އެނގުންވާނެ" އެވެ. ޑިމާންޑް ދަށްވާނެ އެވެ.

ކިތަންމެ ގިނަ ފްލެޓެއް އެޅިއަސް ނުވާނެ. މި ކަމަށް ބޭނުންވަނީ އިހުލާސްތެރިކަން. ފްލެޓު އަޅައި އެ ހައްގު ނޫން މީހުންނަށް ދީގެން މީގެ ފައިދާއެއް ނުވާނެ. މިކަމުން އިތުރަށް ހައުސިން މާކެޓު ވާނީ ގޯސް
ކުންފުންޏެއްގެ ވެރިއެއް

ނަމަވެސް، ސޯޝަލް ހައުސިން ހަމައެކަނި އެޅުމުން ނުނިމެ އެވެ. އެ ފްލެޓުތައް ދޭއިރު، އެ ދެވެނީ އެންމެ ބޭނުންތެރި މީހުންނަށް ތޯ މިއީ ވެސް ބަލަން ޖެހޭ ކަމެވެ. މިސާލެއްގެ ގޮތުގައި ދާދި ފަހުން ސަރުކާރުން ދިން ފްލެޓުތައް ފުދެ އެވެ. ހުޅުމާލެ އިން ދިން 600 އެއްހާ ފްލެޓު ވެސް ދިން ގޮތާ މެދު ގިނަ ބަޔަކު ޝަކުވާ ކުރި އެވެ.

"ކިތަންމެ ގިނަ ފްލެޓެއް އެޅިއަސް މި ކަމަށް ވެސް ބޭނުންވަނީ އިހުލާސްތެރިކަން. ފްލެޓު އަޅައި އެ ހައްގު ނޫން މީހުންނަށް ދީގެން މީގެ ފައިދާއެއް ނުވާނެ. މިކަމުން އިތުރަށް ހައުސިން މާކެޓު ވާނީ ގޯސް،" ނަން ނުޖެހުމަށް އެދި ކުރިން ވާހަކަ ދެއްކި ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.

ފްލެޓު ދިނުމަށްފަހު، އެކަން ރަނގަށް ނުބެލެހެއްޓުމަކީ ވެސް ބޮޑު މައްސަލައެކެވެ. މީގެ ނަތީޖާ މިހާރު ފެންނަނީ އައިބޭ އިންނެވެ. ފްލެޓު ދޭއިރަށް ލާރި ހުރި މީހުން ފްލެޓު ނަގައި، އައިބޭގައި ކުއްޔަށް ޖަހަނީ އެވެ. ދާދިފަހުން ދޫކުރި ފްލެޓު ލިބުނު ބައެއް މީހުން މިހާރު އެދަނީ ފްލެޓު ދޫކުރަމުންނެވެ. އެހެންވީއިރު ކިތަންމެ ވަރަކަށް ފްލެޓު "ބެހިއަސް" މީގެން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

ކުލި ކޮންޓްރޯލް ގާނޫނު: މިވެސް ހިޔާލެއް!

ދެން އޮތް ސުވާލަކީ ގާނޫނެއް ހަދައިގެން، ރާއްޖޭގެ ގެދޮރުގެ އަގު ކޮންޓްރޯލް ކުރެވިދާނެ ހެއްޔެވެ؟ މި ހިޔާލު ކިހިނެއް ވާނެ ބާ އެވެ؟ އަދި މިއީ ދުނިޔޭގައި ކޮށްއުޅޭ ކަމެއް ހެއްޔެވެ؟

ދުނިޔޭގެ ބައެއް ގައުމުތަކުގައި "ރެންޓް ކޮންޓްރޯލް" ގާނޫނުތައް ހަދައި، އަމަލު ކުރަމުންވެސް ދެ އެވެ. ހާއްސަކޮށް ޔޫރަޕުގެ ބޮޑެތި ގައުމުތަކުގައި މިކަން ކުރެ އެވެ. މިގޮތުން ޔޫރަޕުގެ އެންމެ ބޮޑު އެއް ގައުމު ކަމަށްވާ ޖާމަނީގައި ވެސް މިފަދަ ގާނޫނެއް އޮވެ އެވެ. ޖަރުމަނުގެ ވެރިރަށް ބާލިންއަށް ބަލާއިރު، މީހުން ދިރިއުޅެލަން އެންމެ ރަނގަޅު ތިން ކޮޓަރީގެ އެޕާޓްމަންޓެއް 400 ޔޫރޯ (ގާތްގަނޑަކަށް 6،880ރ.) އަށް ލިބެ އެވެ. އަދި އެމެރިކާގެ ބޮޑެތި ސިޓީތަކުގައި ވެސް ރެންޓް ކޮންޓްރޯލްކޮށްފައިވެ އެވެ. އަދި މިކަމުގެ ސަބަބުން ހެޔޮ ފައިދާ ދަނީ ކުރަމުންނެވެ.

ނިއުޔޯކް ސިޓީގައި 2014 ވަނަ އަހަރު ހެދި، ގެދޮރާއި ވަޒީފާގެ ދިރާސާއެއް ދައްކާ ގޮތުން، ރެންޓް ކޮންޓްރޯލް ގާނޫނުގެ ސަބަބުން ގެދޮރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ބާރަށްވެފައިވެ އެވެ. މިއަށް ވުރެ ކައިރިއަށް އޭޝިޔާ އަށް ބަލާއިރު ފިލިޕީންސްގައި ވެސް އެ ފަދަ ގާނޫނެއް އޮވެ އެވެ. އެ ގައުމުގައި މީގެ ކުރިން އަހަރަކު އެވްރެޖު ގޮތެއްގައި ގެދޮރުގެ ކުލި 10 ޕަސެންޓް ދިޔައީ މަތިވަމުންނެވެ. ނަމަވެސް މިހާރު އަމަލު ކުރަން ފެށި އާ ގާނޫނުގެ ސަބަބުން ކުލި މަތިވަމުން ދިޔަ ދިއުން ވަނީ ހަމައަކަށް އެޅެން ފަށާފަ އެވެ.

ރާއްޖޭގައި ވެސް އެ ފަދަ ގާނޫނެއް ހަދައިފާނެ ހެއްޔެވެ؟ އަދި އެ ފަދަ ގާނޫނީ ބާރުވެރިކަމެއްގެ ދަށުން، ކުލި ކޮންޓްރޯލް ކުރެވިދާނެ ބާ އެވެ؟ އެކަން ދޫކޮށްލާނީ ރައްޔިތުން ހޮވާފައި ތިބި މަންދޫބުންނަށެވެ. ކޮންމެއަކަސް ކޮންމެ ގޮތެއްގައި ނަމަވެސް ގެދޮރުގެ ކުލި ކުޑަވާނެ ގޮތެއް ހޯދަން އެބަ ޖެހެ އެވެ. މިހާރު ހަގީގަތުގައި ރައްޔިތުން އެންމެ ބޭނުންވާ އެއް ކަމަކީ މިއީ އެވެ.