ހަބަރު

ޓީބީ ނައްތައިލުމުގެ މަޝްވަރާތަކަށް ހެލްތު މިނިސްޓަރު ރަޝިޔާއަށް

ނުރައްކާތެރި ބައްޔެއް ކަމަށްވާ ޓިއުބާކިއުލޯސިސް ( ޓީބީ) ދުނިޔެއިން ނައްތައިލުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވަޑައިގެންނެވުމަށް ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބުރާހީމް މިރޭ ރަޝިޔާއަށް ފުރާވަޑައިގެންެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އިންތިޒާމުކޮށްގެން ދުނިޔޭގެ ގައުމުތަކުގެ ހެލްތު މިނިސްޓަރުންނަށް ބާއްވާ އެ ބައްދަލުވުން އޮންނާނީ މިހިނގާ ނޮވެމްބަރު މަހުގެ 16-17 ގައި ރަޝިޔާގެ ވެރިރަށް މޮސްކޯގައެވެ.

ރަޝިޔާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރަސްމީ ފާލަން ކައިރީގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރު ރާއްޖޭން ޓީބީ ނައްތައިލުމަށް ކުރާ މަސައްކަތަށް އެ ބައްދަލުވުމުން ހެޔޮ ހަބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެގޮތުން ރާއްޖެއަށް އެހީތެރިކަން ދޭން ތިބި ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކާ އެކު ބައްދަލުވުމުގެ ހަވާސާގައި ބައްދަލުވުންތައް ބާއްވަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"... އަދި އެހެނިހެން ގައުމުތަކުން އަޅުގަނޑުމެންނަށް މިކަމުގައި ލިބޭނީ ކޮންކަހަލަ އެހީތެރިކަމެއްތޯއާއި އަދި މިކަމުގައި ކުރިއެރުން ހޯދާފައިވާ ގައުމުތަކުން ، ކުރިއެރުންތައް ހޯދާފައި ވަނީ ކޮންކަހަލަ އުސޫލުތަކެއް ބޭނުންކޮށްގެން ކަން މި ބައްދަލުވުމުގައި ދަސްވެގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭން ޓީބީ ނައްތައިލުމަށް ކުރާ މަސައްކަތުގައި ލިބިފައި ވަނީ ކިހާވަރެއްގެ ކުރިއެރުމެއްތޯ ދެންނެވުމުން އޭނާ ވިދާޅުވީ ވަރަށް ކުރިއްސުރެ ރާއްޖޭން އެކަމުގައި ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އާބާދީ އެ ބައްޔަށް ހޭލުންތެރިކޮށް، ފަރުވާ ކުރުން ރަނގަޅު ކުރެވިފައި ވާތީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބަލީގެ ހާލަތު އޮތީ ވަރަށް ބޮޑަށް ރަނގަޅުކުރެވިފަައި ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަވަށްޓެރި ގައުމުތަކުން އަންނަ މައްސަލަތައް ކަމަށެވެ.

"... އަޅުގަނޑުމެންގެ އަވަށްޓެރި ބައެއް ގައުމުތަކަކީ ޓީބީގެ މައްސަލަ ދުނިޔޭގެ ނިސްބަތުން ބަލާއިރު ބޮޑެތި ގައުމުތައް. އެހެންވީމާ އެކަމަށް ހައްލު ހޯދުން އަސްލުގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު ދައްޗަކަށް މިވަނީ،" ނާޒިމު ވިދާޅުވިއެވެ.

މޮސްކޯގައި ބާއްވާ ބައްދަލުވުމުގައި 100 އަށް ވުރެ ގިނަ ގައުމުތަކުގެ މަންދޫބުން ބައިވެރިވާނެއެވެ. އަދި ޑަބްލިއުއެޗްއޯގެ ސަރަހައްދީ ޑަައިރެކްޓަރުންނާއި ބައެއް ޖަމިއްޔާތަކުގެ މަންދޫބުންނާ އެކު ބައިވެރިންގެ އަދަދު 1000 އަށް ވުރެ ގިނަވާނެއެވެ. ބައްދަލުވުން ހުޅުއްވައިދެއްވުމަށް ހަމަޖެހިފައި ވަނީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއެވެ.