ހަބަރު

މާފްދިން ޕާކިސްތާނުގެ 11 ގައިދީއަކު އަދިވެސް ރާއްޖެ ޖަލުގައި

ޑްރަގް ޓްރެފިކް ކުރުމުގެ މައްސަލަ ތަކުގައި ރާއްޖޭގައި ޖަލަށް ލާފައި ތިބި ޕާކިސްތާނުގެ 11 މީހަކަށް މީގެ ދެ އަހަރު ކުރިން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު މައާފުދެއްވާފައިވާ ކަމަށާއި އެހެން ނަމަވެސް އެމީހުން އަދިވެސް ގައުމަށް ނުގެންދެވޭ ކަމަށް ޕާކިސްތާނު ނޫހަކުން ބުނެފިއެވެ.

ޕާކިސްތާނުގެ ދަ ނޭޝަން ނޫހުން މިއަދު ބުނީ ރާއްޖޭގައި ތިބި ޕާކިސްތާނުގެ 11 މީހަކަށް ރައީސް ޔާމީނު މީގެ ދެ އަހަރު ކުރިން އެގައުމަށް ވަޑައިގެންނެވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން މައާފު ދެއްވިކަން އެ ނޫހަށް ލިބިފައިވާ ލިޔެކިއުންތަކަކުން އެނގޭ ކަަަމަށެވެ. އަދި އޭގެ އިތުރުން އުމުރު ދުވަހުގެ ޖަލުހުމެއް ތަންފީޒުކުރަމުން އަންނަ މީހަކަށް ރާއްޖޭން ފަރުވާ ކުރެވެން ނެތިގެން ޕާކިސްތާނުގެ ޖަލަކަށް ބަދަލުވާން ވެސް އެދިފައިވާ ކަމަށެވެ.

ލިބިފައިވާ ކަމަށް ބުނާ ލިޔެކިއުންތަކާ ހަވާލާދީ ނޫހުން ބުނީ ޕާކިސްތާނު މީހުންނަށް ރައީސް މައާފް ދެއްވިކަން މާލޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނަށް އެންގެވީ 2015 ވަަނަ އަހަރު، އޭރު ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފު ( މުންދު ) ކަމަށެވެ.

ޝަރީފު މިހާރު ހުންނެވީ ރާއްޖޭގެ ސަފީރުގެ ހައިސްޔަތުން އަވަށްޓެރި ސްރީލަންކާގައެވެ.

ނޫހުން ބުނީ ރާއްޖޭގައި މާފު ދީފައި ތިބި ޕާކިސްތާނު މީހުން އަނބުރައި ގައުމަށް ނުގެންދެވި ވަނީ އެގައުމުގެ ސަރުކާރުން އެކަން އެގޮތަށް ކުރަން ބޭނުން ނުވެގެން ކަމަށެވެ. އެގޮތުން އެކަމާ ބެހޭ އެެއްވެސް މަސައްކަތެއް ނުކުރުމަށް ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓްރީން އެގައުމުގެ ފޮރިން މިނިސްޓްރީއަށާއި ރާއްޖޭގައި ހުންނަ މިޝަނަށް އަންގާފައިވާ ކަމަށް ވެސް އެނޫހުންް ބުންޏެވެ.

ޕާކިސްތާނުގެ ދަ ނޭޝަން ނޫހުގެ ހަބަރުގައި ހަމަ އެކަނި ހަވާލާދީފައި ވަނީ އެ ނޫހަށް ލިބިފައިވާ ލިޔެކިއުންތަކަށެވެ. އެގައުމުގެ ސަރުކާރުގެ އެއްވެސް އޮފިޝަލެއްގެ ބަހެއް ހަބަރުގައި ހިމަނާފައެއް ނުވެއެވެ.

މިކަމާ ބެހޭ ގޮތުންް ރާއްޖޭގެ ކަރެކްޝަނަލް ސާވިސްގެ ކޮމެންޓެއް ހޯދަން ގުޅުމުން ފަހުން ޖަވާބެއް ދޭނެ ކަމަށް ބުނި ނަމަވެސް އަދި ކޮމެންޓެއް ނުލިބެއެވެ.