ހަބަރު

ސްކޫލް ފޮތްތަކުގެ ބަދަލުގައި ހުރިހާ ކުދިންނަށް ޓެބްލެޓް ދެނީ

ސްކޫލް ތަކަށް ކިޔަވަންދާއިރު ގެންދާ ޓެކްސްޓް ފޮތްތަކުގެ ބަދަލުގައި ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ހޯދައިދޭން އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓު ރައްޔިތުން މަޖިލިހަށް ހުށަހަޅުއްވައި ދެއްވަމުން، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވީ އަންނަ އަހަރަކީ ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެންނާނެ އަހަރަކަށްވާނެ ކަމެވެ. މިގޮތުން ރާއްޖޭގެ ހުރި ސްކޫލް ޓިޖިޓަލް ކުރުމުގެ މަޝްރޫއެއް އަންނަ އަހަރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހުރިހާ ސްކޫލްތަކެއް ޑިޓިޖަލައިޒް ކުރުމުގެ މަޝްރޫއާއި، އާ މުޤައްރަރު ތަންފީޒް ކުރަން ނިންމައި، މި ކަމަށް 254 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ. ސްކޫލް ޑިޓިލައިޒޭޝަން މަޝްރޫއާއެކު ޓެކްނޮލޮޖީއިން ކިޔައިވޭނެ ގޮތްތަށް ފުރިހަމަ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ދަރިވަރުން ގެންދަން ޖެހޭ ބަރު އަތް ދަބަސް، މުޅިން ޓެބްލެޓަކަށް ބަދަލު ކުރެވޭނެ ކަމަށެވެ.

"މީގެ ސަބަބުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް މީގެން ފަސޭހަކަން ލިިބިގެންދާނެ. ކިޔަވައި ދިނުމާއި ހޯމްވޯކް ދިނުމާއި ކިލާހުގައި ކުދިންގެ ފެންވަރު ބެލުމަށް އެއް ހަމައެއްގައި ގެނެސްދެވޭނެ. މި މަޝްރޫއުގެ ސަބަބުން ޓެކްސް ފޮތްތައް ޗާޕު ކުރުމަށް ސަރުކާރުން ކުރާ ހަރަދު މެދު ރާސްތާގައި ކުޑަ ވެގެންދާނެ. މުސްތަގުބަލުގައި މިހާރުން ކުރާ ހަރަދު ކުޑަވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލް ޓިޖިޓަލައިޒޭޝަން މަޝްރޫއަށް ފައިސާ ކަންޑައެޅިއިރު، މި މަޝްރޫއުގެ ދަށުން، ބައެއް ސްކޫލްތަކުގައި ތަޖުރިބާ ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް މިހާރު ދަނީ ހިންގަމުންނެވެ.