ހަބަރު

އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރެން އެމްޑީޕީއިން ތާއިދުކޮށްފި

އިދިކޮޅު ހުރިހާ ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރެން، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއިން ތާއިދުކޮށްފި އެވެ. އެގޮތަށް އެމްޑީޕީއިން ނިންމީ މިއަދު ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރި ގަރާރަކުންނެވެ.

މިއަދު ބޭއްވި ގައުމީ މަޖިލީހަށް ފަހު މީގެ ކުޑަ އިރުކޮޅެއް ކުރިން އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި މިއަދު ގައުމީ މަޖިލީހުން ފާސްކުރި ގަރާރު ވަނީ އާއްމުކޮށްފަ އެވެ. އެ ގަރާރުގައި ބުނެފަައި ވަނީ އަންނަ ރިޔާސީ އިންތިހާބަށް އިދިކޮޅުން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ގުޅިފައިވާ ޕާޓީތަކުން މަޝްވަރާކޮށްގެން ކަމަށެވެ. ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގައި ކުރާ މަޝްވަރާތަކުން ގޮތެއް ނިންމުމަށް، އެމްޑީޕީގެ ތެރެއިން ހުށަހަޅާނެ ނަމެއް ނޮމިނޭޓް ކުރާނީ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަކުން ކަމަށް ވެސް ގަރާރުގައި ބުނެފައި ވެއެވެ.

އެއް ކެންޑިޑޭޓަކު ނެރެން ޖެހޭ ކަަމަށް އެމްޑީޕީން ގަބޫލުކުރާ ގިނަ ސަބަބުތަކެއް ގަަރާރުގައި ފާހަގަކޮށްފައި ވެެެއެވެ. އެގޮތުން ފާހަގަކޮށްފައިވާ އެއް ކަމަކީ އިލެކްޝަން ކޮމިޝަނާއި ރާއްޖޭގެ އެހެން މިނިވަން މުއައްސަސާތައް ވެސް ސަރުކާރުގެ ނުފޫޒުގެ ދަށުވެފައިވާ ކަަމަށް އެޕާޓީން ގަބޫލު ކުރުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ނަގާލައިި ސިފައިން ލައްވާ އެތަން ކޮންްޓްރޯލް ކުރަމުންދާ ކަމަށް ގަބޫލު ކުރެވުމަކީ ވެސް ސަބަބެއްގެ ގޮތުގަައި ފާހަގަ ކޮށްފައި ވެއެވެ.

އެމްޑީޕީ ގައުމީ މަޖިލިސް އިއްތިފާގުވި ގަރާރުގައި ބުނެފައި ވަނީ އެއް ކެންޑިޑޭޓަކު ނެރެގެން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އިންތިހާބުގައި ބަލިކުރަން ޖެހޭ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ ހިޔާލު އެންމެ ފުރަތަަމަ ފާޅު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ސްރީލަންކާގައި ހުންނަވައިގެން އެމްޑީޕީ އަހަރީ ދުވަހު އެޕާޓީއަށް ފޮނުއްވި ބަޔާނެއްގައި ނަޝީދު ވިދާޅުވީ އެއް ޕާޓީއަކަށް ރާއްޖޭގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތެއް އޮތް ކަމަށް އެމަނިކުފާނު ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވައި އެ ރައުޔަށް ދެން ތާއީދުކޮށްފައި ވަނީ އަދާލަތު ޕާޓީންނެވެ. ޖުމްހޫރީ ޕާޓީން އެކަމުގައި އަދި ގޮތެއް ނުނިންމައެވެ. އިދިކޮޅު ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅެއް ކަަމަށްވާ ކުރީގެ ރައީސް މައުމޫނުއަބުދުލް ގައްޔޫމު ވިދާޅުވެފައި ވަނީ އެވާހަކަ ދައްކަން އަދި މާ އަވަސް ކަމަށެވެ.