ހަބަރު

ރާއްޖޭގެ ސޮވަރިން ފަންޑަށް 377 މިލިއަން ރުފިޔާ އެއްކޮށްފި

Nov 15, 2017
1
  • އަންނަ އަހަރު ނިމޭއިރު 855 މިލިއަން ރުފިޔާ
  • ފަންޑަށް ލިބޭ ފައިސާ އިންވެސްޓް ކުރަނީ
  • އެއާޕޯޓް ލޯނު ދެއްކުމަށް ހަރަދު ކުރާނެ

ސަރުކާރުން ބިޔަ މަޝްރޫއުތައް ހިންގުމަށް މިހާރު ނަގަމުން އަންނަ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ސަރުކާރުން އެކުލަވާލާފައިވާ، "ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް"އަށް މިއަހަރު ނިމޭއިރު 377 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް ފިނޭންސުން ލަފާކޮށްފި އެވެ.

މިދިޔަ އަހަރު ސަރުކާރުން އުފެއްދި އެ ފަންޑްގެ ތަފްސީލްތައް މިއަހަރުގެ ބަޖެޓްގައި ސަރުކާރުން ވަނީ ހިމަނައިފަ އެވެ. ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު މަޖިލީހަށް ހުށަހަޅައި މެންބަރުންނަށް ފޮނުވާފައިވާ ބަޖެޓް ފޮތުގައިވާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން އުފައްދާފައިވާ ރާއްޖޭގެ ސޮވަރިން ފަންޑަށް މިހާރު އަންނަނީ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ޖަމާކުރަމުން އެވެ. އެގޮތުން އެއާޕޯޓުން ފުރާމީހުންގެ އަތުން މިދިޔަ އަހަރު ނަގަން ފެށި އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ އާމްދަނީ އާއި ވެލާނާ އެއާޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ހިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީ އެވެ.

އެމްއެމްއޭގެ ބެލުމުގެ ދަށުގައި އޮންނަ އެ ފަންޑާ ގުޅޭ ގޮތުން ބަޖެޓްގައި ލަފާކޮށްފައިވާ ގޮތުގައި މިއަހަރުގެ ނިޔަލަށް 377 މިލިއަން ރުފިޔާ ޖަމާވާއިރު އަންނަ އަހަރު ނިމޭ އިރު އެ ފަންޑަށް 855.1 މިލިއަން ރުފިޔާ އެ ފަންޑަށް ހުންނާނީ ޖަމާކުރެވިފަ އެވެ. ފިނޭންސް މިނިސްޓްރީ އިން ބުނީ އެ ފަންޑަށް ޖަމާވާ ފައިސާއިން ފައިދާ ލިބޭނެ އެކި މާލީ އިންސްޓްރޫމަންޓްތަކަށް އިންވެސްޓްކުރަން ނިންމާފައިވާ ކަމަށެވެ.

ފަންޑަަށް ޖަމާކުރި ފައިސާ

  • އެއާޕޯޓް ޑިވަލޮޕްމަންޓް ފީ - 221.4 މިލިއަން ރުފިޔާ
  • އެމްއޭސީއެލް އިން ލިބޭ ޑިވިޑެންޑް - 561.6 މިލިއަން ރުފިޔާ

ސަރުކާރުން މިއަހަރަށް ހުށަހެޅި ބަޖެޓްހައި ލަފާކުރީ، 1.1 ބިލިއަން ރުފިޔާ އެ ފަންޑަށް ލިބޭނެ ކަމަށެވެ.

މިނިސްޓްރީ އިން ބުނީ ސޮވަރިން ފަންޑުން ހަރަދުކުރަން ނިންމާފައި ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ނަގާ ލޯނުތައް އަނބުރާ ދެއްކުމަށް ކަމަށެވެ. މީގެ އިތުރަށް ބޮޑެތި މަޝްރޫއުތައް ނަގާ އެހެން ލޯނުތައް ދެއްކުމަށް އެ ފަންޑްގައި ހުންނަ ފައިސާ ހަރަދު ކުރާނެ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އަދި ދިގު ރާސްތާއެއްގައި ބައެއް ތަރައްގީގެ މަޝްރޫއުތަކަށް ވެސް އެ ފައިސާ ހަރަދު ކުރުމަށް ރާވާފައިވާ ކަމަށް ބަޖެޓްގައިވެ އެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫއަށް އެއް ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން އާ ރަންވޭއަކާއި ޓާމިނަލް އިމާރާތެއް އަޅާއިރު އެ މަޝްރޫއަށް ސައުދީ އަރަބިއްޔާ އާއި ޗައިނާ އެކްޒިމް ބޭންކް އަދި ޔޫއޭއީ އިން ވަނީ ލޯނު ނަގައިފަ އެވެ.