ވިޔަފާރި

ރިސޯޓް ކުލިން މި އަހަރު 1.9 ބިލިއަން ރުފިޔާ ލިބޭނެ

ރިސޯޓުތަކުން ކުލީގެ ގޮތުގައި މި އަހަރުގެ ނިޔަލަށް 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އިއްޔެ ހުށަހެޅި ބަޖެޓްގައި އަންދާޒާ ކޮށްފި އެވެ.

"2018 ވަނަ އަހަރު" ގެ ބަޖެޓް ފޮތުގައިވާ ގޮތުން، ރިސޯޓުތަކުގެ ކުލިން މި އަހަރު ލިބޭނެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ އަންނަ އަހަރު ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހުޅުވުމެވެ. މި ރިސޯޓުތައް ހުޅުވާނެ ކަމަށް ބެލެވޭތީ ރިސޯޓު ކުލި 16.9 ޕަސެންޓް އިތުރުވާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ. އެބައި ވަންނާނީ މިއަހަރު އެ ސެކްޓަރުން ލިބޭނެ ކަމަށް އަންދާޒާ ކުރި ބައިގެ ތެރެއަށެވެ.

މި އާމްދަނީ ބަޖެޓުގައި ހިމަނާފައިވަނީ އަންނަ އަހަރު އަލަށް ގިނަ ރިސޯޓުތަކެއް މާކެޓަށް ނުކުތުމާއެކު ކުލި ނުދައްކާ ފަރާތްތަކުން ކުލި ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބަލައިގެންނެވެ.

މި އަހަރު ހުޅުވި ބައެއް ރިސޯޓުތައް

* ކ. ކޮއްދިއްޕަރު: ގްރޭންޑް ޕާކް
* ރ. ދިގަލި ރިސޯޓް
* ޅ. ފުށިފަރު
* ގއ. މާކިއޫ ކޫއްޑޫ
* ދ. ކަނޑިންމަ ރިސޯޓް

ރިސޯޓު ކުލިން ލިބޭނެ އާމްދަނީ އިތުރުވާނެ ކަމަށް އަންދާޒާ ކުރިއިރު، މި އަހަރު އިތުރު 25 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މިދިޔަ އަހަރު އިތުރު 11 ރިސޯޓެއް ހުޅުވި އެވެ. މި އަހަރުގެ މިހާތަނަށް ވެސް ގިނަ ރިސޯޓު ތަކެއް ހުޅުވާފައިވެ އެވެ.

ސަރުކާރުން ބުނެފައިވަނީ މި ދައުރު 50 ރިސޯޓެއް ހުޅުވައި އިތުރު ވަޒީފާތަކެއް އިތުރު ކޮށްދޭނެ ކަމަށެވެ.