ހަބަރު

މުސާރަ ކަނޑާ ގަވައިދާއި ކިޔަވަން ޖެހޭ ގަވައިދު ސީއެސްސީން ބާތިލުކޮށްފި

އޮފީހުން ބޭރުގައި އުޅޭ ވަގުތުތަކުގައި މުސާރައިން ކެނޑުމަށާއި ވަކި ދަރަޖައަކުން މަތީގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން މަތީ ތައުލީމު ހާސިލުކުރަން މަޖުބޫރުވާ ގޮތަށް ހެދި ގަވައިދު ސިވިލް ސާވިސް ކޮމިޝަން ސީއެސްސީ އިން ބާތިލުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި އެ ދެ ގަވައިދު ބާތިލުކުރިކަން އިއުލާނުކޮށްފައިވާއިރު އެ އެކަމުގެ ސަބަބު ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ދެ ގަވާއިދަކީ ވެސް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި ދެ ގަވައިދެވެ.

ރަސްމީ ގަޑީގައި ބޭރުގައި އުޅޭ މުވައްޒަފުންގެ މުސާރައިން ކެނޑަން ކޮމިޝަނުން ކަނޑައެޅި އުސޫލަށް އަމަލު ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އޮތީ ބުނެފައެވެ. އެގޮތަށް ލަފާ ދިނީ ފިޝަރީޒް މިނިސްޓްރީން އެކަމުގައި އޭޖީގެ ލަފައަކަށް އެދުމުންނެވެ. މުވައްްޒަފުންގެ މުސާރައިން އުނިކުރެވޭނެ ހާލަތްތައް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާއިރު އެ ނޫން ހާލަތެއްގައި މުސާރައިން އުންޏެއް ނުކުރެވޭނެ ކަމަށް ވެސް އޭޖީން ފިޝަރީޒް މިނިސްޓްރީ އަށް ދިން ލަފާގައި ބުނެފައިވެ އެވެ.

ސީއެސްްސީން އެންމެ ފަހުން ހެދި ގަވައިދަކީ ވަކި ދަރަޖައަކުން މަތީގެ މަގާމުތަކުގައި ތިބި މުވައްޒަފުން ޑިޕްލޮމާ ފެންވަރަށް ކިޔަވަން ނުވަތަ ވަޒީފާ ދޫކޮށްލަން މަޖުބޫރުވާ ގޮތަށް ހެދި ގަވައިދެވެ. އެ ގަވާއިދުގަައިވާ ގޮތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ޑިޕްލޮމާ ހާސިލް ނުކޮށްފިނަމަ ވަޒީފާ ގެއްލޭނެ ކަމަށް އެ ގަވާއިދު އިއުލާނުކުރި ސާކިއުލާގައި ވެއެވެ.