ވިޔަފާރި

ރާއްޖެ ޕްރޮމޯޓް ކުރަން އަންނަ އަހަރަށް 50 މިލިއަން ރުފިޔާ

ރާއްޖޭ ޕްރޮމޯޓް ކުރަން އަންނަ އަހަރަށް ވެސް ސަރުކާރުން 50 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނައިފި އެވެ. "އަވަސް" އަށް ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ މި އަހަރުވެސް ރާއްޖެ ޕްރޮމޯޝަން ބަޖެޓަކީ 50 މިލިއަން ރުފިޔާ ކަމަށާއި، މިއީ ރާއްޖެ އިޝްތިހާރު ކުރަން ސަރުކާރުގެ "ކޮންޓްރިބިއުޝަން" ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މިއީ އެކަށީގެންވާ އަދަދެއް. މީގެ އިތުރުން ވެސް އެހެނިހެން ދާއިރާތަކުން ޓޫރިޒަމް ޕްރޮމޯޝަނަށް ފައިސާ ލިބޭނެ. މީގެ ތެރޭގައި ރިސޯޓުތައް ވެސް ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަންނަ އަހަރު ރާއްޖެ ޕްރޮމޯޓް ކުރަން ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މިއީ އެކަށީގެންވާ އަދަދެއް. މީގެ އިތުރުން ވެސް އެހެނިހެން ދާއިރާތަކުން ޓޫރިޒަމް ޕްރޮމޯޝަނަށް ފައިސާ ލިބޭނެ. މީގެ ތެރޭގައި ރިސޯޓުތައް ވެސް ހިމެނޭ
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު

މި އަހަރު ރާއްޖެ ޕްރޮމޯޓް ކުރަން ވެސް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވަނީ 50 މިލިއަން ރުފިޔާ އެވެ. އަދި މި ބަޖެޓު ކުޑަކަމަށް ބުނެ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ފަދަ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ރާއްޖެ ޕްރޮމޯޓް ކުރަން 50 މިލިއަން ރުފިޔާ ކަނޑައެޅިއިރު، ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގައި އަލަށް ގިނަ ރިސޯޓުތަކެއް ހުޅުވާފައިވެ އެވެ. މިގޮތުން މިދިޔަ އަހަރު 11 ރިސޯޓެއް ހުޅުވިއިރު، މި އަހަރު 25 ރިސޯޓެއް ހުޅުވަން ސަރުކާރުން އޮތީ އަމާޒު ހިފައިފަ އެވެ. އަދި މި ދައުރު ނިމޭއިރު، 50 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.