މީހުން

ފަޒީލްގެ ހިތް އޮތީ ޖިމްނާސްޓިކްސްގައި!

ބައެއް މީހުންގެ ހުންނަ ސިފަ އެކެވެ. ބޭނުންވާ ކަމެއް ނުވެއްޖެނަމަ ހިތްވަރު ދޫކޮށްލައި، އެ ހިސާބުން "ހަތިޔާރު ބަހައްޓާނީ" އެވެ. އެކަމަކު މިއީ އޭގެ އިނދިކޮޅެވެ. އަހުމަދު ފަޒީލް، އެންމެ ފުރަތަމަ ބޭނުންވީ ޖިމްނާސްޓިކްގެ ދާއިރާއިން ކުރިއަށްދާށެވެ. އެކަމަކު ރާއްޖޭގައި ފުރުސަތު ނެތް އެ ދާއިރާއިން އޭނާ އަށް ދޮރުތައް "ބަންދުވީ" އެވެ. އެކަމަކު އެ ހިސާބުން އޭނާ ހިތްވަރު ދޫކުރީއެއް ނޫނެވެ. އަލުން ހިތްވަރުކޮށް ނުކުތީ އެވެ. ދެން އޭނާ ދިޔައީ ޖިމަށެވެ. މިހާރު އޭނާއަކީ މި ދާއިރާގައި މަޝްހޫރު މޫނެކެވެ.

"ފުރަތަމަ ސަރުކާރުން ސްކޫލްތަކަށް ހިންގާ ޖިމްނާސްޓިކްސް ޕްރޮގްރާމެއްގައި އުޅުނީ. އޭރު ހަމައެކަނި އޮންނަނީ ސްޓްރެޗިން. އެއީ ސްކޫލްގައި އުޅުނުއިރު، އެއީ އެންމެ ފުރަތަމަ ޖިމްނާސްޓިކްގައި ކުރެވުނު މަސައްކަތަކީ،" ގްރޭޑް ފަހެއްގައި ޖިމްނާސްޓިކްސްގެ ރޮނގުން ކުރި މަސައްކަތް ކިޔައިދެމުން ބުންޏެވެ.

ފަޒީލް ސްކޫލްގައި ޖިމްނާސްޓިކް ހެދިނަމަވެސް، ހަގީގަތުގައި އޭނާގެ މިހުނަރު، ހުރިކަން އަންގައި ދިނީ އޭނާގެ ބޭބެ އެވެ. ފަޒީލްއަކީ އާއްމު ދިރިއުޅުމުގައި ވެސް ސިޔާސަ ކުއްޖެކެވެ. ބުރުއެއްލުމަކީ އޭނާގެ އާންމު އާދައެކެވެ. އެއް ދުވަހަކު ބޭބެއެއް އަޅައިދިން ބުރަކުން އޭނާގެ ހަށިގަނޑުގައި ހުރި މި ހުނަރުހުރިކަން އެނގިގެން ދިޔަ އެވެ.

"ފިލްމު ބަލާއިރު ވެސް އެކްޝަން ފިލްމް ބަލަން. އެހެންވެ ވަރަށް ބޮޑަށް ހަލަނިކޮށް އުޅުނީ. ގޭގައިވެސް ތަންތަނުން ފުންމުމާއި ތަންތަނަށް އެރުން ކަހަލަ ކަންކަންކުރަން. ދޮންބެ ލައިބްރަރީ އަކުން ފޮތެއް ހިފައިގެން އައިސް ބަލައިގެން އެއްޗެއް ހަދާލަން ހިނގާށޭ. އެގޮތަށް ހަދައިލިތަނުން ބުރެއް އެޅިއްޖެ، އެ ހިސާބުން އެނބުނީ ބުރު އެޅޭނެކަން،" ފަޒީލް ބުންޏެވެ.

ފަޒީލް، ޖިމްނާސްޓިކްސްގައި ބުރު އަޅަން ފެށުނީ މި ހިސާބުންނެވެ. މިއީ އޭނާގެ މި ހުނަރު ތަރައްގީ ކުރުމަށް އަޒުމު ކަނޑައެޅި ހިސާބެވެ.

"އޭރު ޖިމްނާސްޓިކްސްއެއް ނޭނގެ. އެކަން އޮންނާނީ ސޯޝަލް ސެންޓަރު ތެރޭގައި. ދެން ގޮސް ހަމަ ބުރު އަޅަނީ. އެތަނުގައި ރަނގަޅު ފެސިލިޓީއެއް ނުހުރެ. އެހެންވެ ޓީވީން އެއްޗިިހި ބަލައިގެން ދަސް ކުރީ،" ފަޒީލް ބުންޏެވެ.

އަމިއްލަ އަށް ޖިމްނާސްޓިކްގެ ހުނަރު ދަސް ކުރުމުގެ އިތުރުން، ފަޒީލް ވަނީ އެނގުނު އެއްޗިހި އެހެން މީހުންނަށް ދަސްކޮށް ދިނުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ. މިގޮތުން ޔޫތު ސެންޓަރުގެ އެތެރޭގައި އިންނަ ހޯލެއްގައި މި ކްލާސްތައް ނަގައި ދިންނަމަވެސް، އެކަމުގައި ގިނަ ހުރަސްތަކާ ކުރިމަތިވި އެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ޖާގައިގެ ދަތިކަމެވެ.

"އެތަނުގައި އުޅެނިކޮށް ނުކުންނަން ޖެހުނީ އެތަނުން. އެކަމަކު ވާގޮތަކީ ޔޫތު ސެންޓަރު އޮފީހުން ބޭނުންވެގެން ޖިމްނާސްޓިކްސް ހެދި ތަން ދޭން ޖެހެނީ. އެހެންވެ ބްރޭކް އަންނާނީ ކުދިން ފޫހިވާން ފެށީ. އެހެންވެ ސްކޫލް ކުދިންނަށް ކިޔައި ދިނުން ހުއްޓައިލީ،" ފަޒީލް ބުންޏެވެ.

އޭނާ ވަނީ ޖިމްނާސްޓިކްސް އެސޯސިއޭޝަން ހަދައިގެން، މި ދާއިރާއިން ބައެއް ތަމްރީންތައް ވެސް ފުރިހަމަ ކޮށްފަ އެވެ. މިގޮތުން ހަންގޭރީގައި ޖިމްނާސްޓިކްގެ ރޮންގުން ތަމްރީންވި އެވެ.

"ހަގީގަތުގައި ބޭނުންވީ ކޯޗިން ކޯހެއް ނޫން. ބޭނުންވީ އަމަލީ ބައި އިތުރަށް ދަސްކުރަން. ބޭނުންވީ ޓްރެއިނިން. އެކަމަކު ލިބުނު ފުރުސަތު ބޭނުން ހިފީ. ފުރަތަމަ ނުދާން ވެސް އުޅުނިން. އެކަމަކު ފަހުން ދިޔައީ،" ފަޒީލް ބުންޏެވެ.

މި ތަމްރީން ކޯސްވީ ޖިމްނާސްޓިކްސްގެ ރޮނގުން ފަޒީލްގެ ހުނަރު ތަރައްގީ ކުރުމަށް ހުޅުވުނު ދޮރަކަށެވެ.

"ހަންގޭރީގައި ހެދި ކޯހުން އެނގުނީ މިއީ ވަރަށް ސޭފްޓީ ބޭނުންވާ ކަމެއްކަން. ވަރަށް ރަނގަޅު ފެސިލިޓީ އޮވޭ. އެތަންތަނުގައި އޮންނަނީ ޕިޓް. ބިމުގެ ލެވަލް އަށް ސްޕޮންޖާ އެއްޗިހި އަޅައިގެން ހަދާފަ އޮންނަނީ. އެހެންވެ އެއްވެސް ބިރެއް ނެތި ބުރު އަޅާލެވޭ. މިއީ ތަފާތަކީ ވަރަށް ފެސިލިޓީ ރަނގަޅު އެތަނުގައި،" ފަޒީލް ބުންޏެވެ.

ފަޒީލް ގަބޫލުކުރާ ގޮތުގައި ރާއްޖެއަކީ ޖިމްނާސްޓިކްސްގެ އެންމެ ބޮޑަށް ކުރިއެރުވޭނެ އެއް ގައުމެވެ. ސަބަބަކީ ދިވެހި ކުދިންގެ ހުނަރުވެރިކަން ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެކަމަކު އެކަމަށް ބޭނުންވަނީ ހުއްޓުމެއްނެތި، ކުރަން ޖެހޭ ބުރަ މަސައްކަތް ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެ ދާއިރާއިން ފަޒީލަށް ހުނަރު ދައްކާލަން ފުރުސަތު ތަކެއް ނުލިބުނުނަމަވެސް، އޭނާ ވަނީ މި ދާއިރާއާ ގުޅުންހުރި އެހެން ދާއިރާއަކަށް މިހާރު ނުކުމެފަ އެވެ.

ޑްރަމް ޖެހުމުގެ ހުނަރު ދައްކައިލަނީ--
ފަޒީލްގެ ބައެއް އެނިމޭޝަން މަސައްކަތްތައް--

"ޖިމް ލައިފް" ގެ އިތުރުން، އޭނާއަކީ ވަރަށް ބޮޑަށް ޑްރަމް ވެސް ޖަހަ އެވެ. ހެވީމެޓަލް އަށް ޝައުގުވެރިކަން ހުންނަވަރުން ކުރިން ކޮންމެ ވެސް ވަރަކަށް ރިސޯޓު މިއުޒިމުގައި ވެސް އުޅުނެވެ. އެކަމަކު އެކަން ދޫކޮށްލީ، ރިސޯޓުތަކުގައި މަޑުމައިތިބި މިއުޒިކް ކުޅެން ޖެހޭތީ އެވެ.

ފަޒީލް ޖިމްނާސްޓިކްގެ ބައެއް ހުނަރުތައް ދައްކައިލަނީ--

"ޖިމްނާސްޓިކްސް ހަދާނެ ތަންކޮޅެއް ނެތީމަ ޖިމް ފެށީ. އެހެންވެ ކަސްރަތު ކުރަން ޖިމަށް ދިޔައީ. މިހާރު އަދި ކިރިއާ މި ޖިމް ހަގީގަތުގައި ފެށުނީ. ފިޓްނަސް ދާއިރާއަކީ ވެސް މަސައްކަތް ކުރަން ރަނގަޅު ދާއިރާއެއް. އެކަމަކު އަބަދުވެސް ޖިމްނާސްޓިކަށް ޝައުގުވެރިވަނީ،" ފަޒީލް ބުންޏެވެ.

ޖިމްނާސްޓިކްސް ހަދާނެ ތަންކޮޅެއް ނެތީމަ ޖިމް ފެށީ. އެހެންވެ ކަސްރަތު ކުރަން ޖިމަށް ދިޔައީ. މިހާރު އަދި ކިރިއާ މި ޖިމް ހަގީގަތުގައި ފެށުނީ. ފިޓްނަސް ދާއިރާއަކީ ވެސް މަސައްކަތް ކުރަން ރަނގަޅު ދާއިރާއެއް. އެކަމަކު އަބަދުވެސް ޖިމްނާސްޓިކަށް ޝައުގުވެރިވަނީ
ފަޒީލް

ފަޒީލްވަނީ ބޮޑީ ބިލްޑިންގެ ބައެއް މުބާރާތްތަކަށްވެސް އަރާފަ އެވެ. ދެހާސް ވަނަ އަހަރު އުމުން 19 އަހަރުގައި މިސްޓަ މޯލްޑިވްސްގައި ވާދަކުރި އެވެ. އެފަހަރު އޭނާ ވާދަކުރި ފްލައި ވެއިޓް ބައިން ހަތަރު ވަނަ ހޯދި އެވެ. އޭގެ ފަހުން އެންމެ ފަހުން ބޭއްވި މިސްޓަ މޯލްޑިވްސް މުބާރާތުން ވެސް އޭނާ ވަނީ ދެވަނަ ހޯދާފަ އެވެ. އޭނަ ވާދަ ކުރި ފިޒީކް (ލައިިޓް ވެއިޓް) ބައިގެން އޭނީއަކީ ދެވަނަ އެވެ.

"ޖިމްނާސްޓިކްސް ހަދާތީ ފިޒިކް އިނދޭ. އެހެންވެ ވަރަށް ފަސޭހަ. މާކަބޮޑު އުނދަގުލެއް ނުވޭ،" ފަޒީލް ބުންޏެވެ.

ފަޒީލް ބޮޑީ ބިލްޑިންގްގައި އުޅުނުނަމަވެސް ވަކިން ހާއްސަ އެއްޗެއް ނުކަ އެވެ. މުބާރާތަށް ހާއްސަ ޑައިޓެއް ކުރިއަސް، އާއްމު ދިރިއުޅުމުގައި ކައި އުޅެނީ، ދިވެހިންގެ ކެއުމެވެ.

ފަޒީލްގެ ބައެއް އެނިމޭޝަން މަސައްކަތްތައް--

"ކޮންމެ ދުވަހަކު ވެސް ޖިމަށް ދާން. އެހެންވީމަ ކަންނޭނގެ އެއްވެސް ބަދަލެއް ނާންނަނީ. ވަރަށް ގިނަ އިން ކަން. ކޮންމެ ދުވަކު ވެސް ބަލަން ޖިމްނާސްޓިކްގެ އެތިކޮޅެއް ހަދައި ލެވޭތޯ،" 37، އަހަރުގެ ފަޒީލް ބުންޏެވެ.

ފަޒީލް މި މަސައްކަތުގައި އެންމެ ބޮޑަށް އެހީތެރިވެދެނީ، އާއިލާއެކެވެ. އަދި ހެމަ ގިމްގެ އެކުވެރިންނެވެ. ޖިމަށް ދިޔައަސް އޭނާގެ ހިތް އަބަދު ވެސް އޮންނާނީ ޖިމްނާސްޓިކްގަ އެވެ. ޖިމްނާސްޓިކްއަށް ހާއްސަ ފުރުސަތެއް ލިބޭއިރަށް އެ ދިމާއަކަށް އޭނާ ދާނެކަން ޔަގީނެވެ.