ރިޕޯޓް

ޔަގީން މެނިފެސްޓޯ، ޔަގީން އެބަވޭތަ؟

ގަދަ ކަނޑެއްގައި ދަތުރުކުރަމުން އަންނަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް މިއަދު ހަތަރު އަހަރު ފުރުނީ އެވެ. ސަރުކާރަށް މިއޮތީ ބަހާރު މޫސުން އައިސްފަ އެވެ. އެކަމަކު ސަރުކާރާ އިދިކޮޅުވާ ކޮންމެ ފަރާތްތަކަށް ބިރުވެރިކަމާއި ނާމާންކަން ވަނީ އައިސްފަ އެވެ. މިއަދަކީ ސަރުކާރުގެ ރިޕޯޓް ކާޑް ތައްޔާރުކުރަން ޖެހޭ ދުވަހެކެވެ. ޔަގީން މެނިފެސްޓޯ އަތް މައްޗަށް ލައިގެން ވެރިކަމަށް އައި މި ސަރުކާރަށް ބާކީ އެއް އަހަރު އޮތްއިރު މެނިފެސްޓޯއިން ކިހާ އިންސައްތައެއް ހާސިލުވެއްޖެތޯ ބަލާލަން ޖެހެ އެވެ.

"ނިމިގެން މިދިޔަ އަހަރަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއް،" ރައީސް އަބްދުﷲ ޔާމީން މި އަހަރު ފެށުމުގެ ތަހުނިޔާއާއެކު ދެއްވި "އުފާވެރި" ހަބަރަކީ މިއީ އެވެ. މިދިޔަ 2016 ގައި ވައުދުތައް ފުއްދުމުގައި ކާމިޔާބު ހޯދިއްޖެ ކަމަށެވެ.

މިހާރު 2017 ނިމެނީ އެވެ. ދެން ރައީސް ވިދާޅުވާނީ ހުރިހާ ވައުދުތަކެއް ފުއްދިއްޖެ ކަމަށް ވެސް ވެދާނެ އެވެ. މިހާރު ވެސް ސަރުކާރުގެ ބައެއް ބޭފުޅުން ވަނީ އެފަދައިން ވިދާޅުވާން ފަށާފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ޔަގީން މެނިފެސްޓޯއަކީ، ރައްޔިތުންނާ ވަރަށް ގާތުން ހިދުމަތްތަކެއް ދިނުމަށް ތައްޔާރުކުރި މެނިފެސްޓޯއެކެވެ. ސީދާ ރައްޔިތުންނާ ގުޅުންހުރި ކިތަންމެ ކަމެއް އޭގަ އެބަހުއްޓެވެ. ސަރުކާރަށް އޭގެ ތެރެއިން ފުއްދުނީ ކިހާ މިންވަރެއް ހެއްޔެވެ؟

"ރައްޔިތުންގެ ވެރިކަން، ރައްޔިތުންގެ ހަގީގަތަށް" މި ޝިއާރުގެ ދަށުން ރައީސް ޔާމީން ވަނީ ގިނަ ކަންތައްތަކެއް ކޮށްދެއްވަން ވައުދުވެޑައިގެންފަ އެވެ. އެގޮތުން ތިން ބާރަށް ފުރިހަމަ ބާރުވެރިކަން ދިނުމާއި މިނިވަން އިންސާފުވެރި ޝަރުއީ ނިޒާމެއް ގާއިމުކުރުމާއި އަބުރުވެރި މަޖިލީހެއް ގާއިމުކުރުމަކީ ވައުދެކެވެ. އެކަމަކު އެ ވައުދު ހަނދާން ހުރިހެނެއް ވެސް ހިއެއް ނުވެ އެވެ.

ސަރުކާރަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ ވެސް މިއީ އެވެ. ސަރުކާރު ފެށުނު ދުވަހުން ފެށިގެން ވެސް މިއަދާ ހަމައަށް ވެސް މި އަޑެއް ނުހުއްޓެވެ. ޝަރުއީ ދާއިރާއަށް އަތް ބާނައިގެން އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލާ ވާހަކަ އެވެ. މި ސަރުކާރަކީ އެންމެ ގިނަ ސިޔާސީ މީހުން ޖަލަށްލީ ކަމުގެ ރިކޯޑް ހޯދާފައިވާ ސަރުކާރެކެވެ. ބޮޑެތި ޝައްކުތައް އުފެދޭ ހުކުމްތައް ސިޔާސީ މީހުންނަށް ވަނީ ކޮށްފަ އެވެ. ނަމަވެސް ރައީސް އަބަދުވެސް ވިދާޅުވަނީ ޝަރުއީ ދާއިރާއަށް އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ.

އެކަމަކު ފެންނަ މަންޒަރުން އެ ލައްގަނޑު ނުފިލާވަނިކޮށް ރައްޔިތުންގެ މަޖިލީސް ވެސް ވަނީ މިހާތަނަށް ފެނުނު އެންމެ އަބުރުވެރި ނޫން މަޖިލީހަށް ވެގެން ގޮސްފަ އެވެ. ޕީޕީއެމްއިން މެންބަރުންތައް "ލުހެލައިގެން" ގެންދިޔަ އެވެ. އޭގެ ތެރެއިން ގިނަ މެންބަރުން "ލުހިގެން" އަނެއްކާ އަނެއް ކޮޅަށް ދިޔަ އެވެ. މަޖިލީހުގެ ރައީސްގެ އިތުރުބާރު ނެތް ކަމަށް 45 މެންބަރުން ސޮއިކުރުމުން ވެސް މައްސަލަ ކޮށްލީ ބޭރެވެ. އޭގެ ފަހުން ހަމަޖެހިލައިގެން އެންމެ ޖަލްސާއެއް ވެސް ނުބޭއްވެ އެވެ. ސައްހަ ޖަލްސާއެއް ނުބޭއްވޭ ކަމަށް ވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ. ޖުމްލަ 12 މެންބަރެއްގެ ގޮނޑިއާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ ދާއިރާތައް ތަމްސީލްކުރާނެ މެންބަރަކު ނެތެވެ. އެއް މެންބަރަކު އަނެއް މެންބަރަކު ގަޔަށް ފެން ޖެހުމާއި މާރާމާރީ ހިންގުންފަދަ އަމަލުތައް މި މަޖިލީހުން ފެނިގެންދިޔަ އެވެ. ރައްޔިތުންގެ އަސާސީ ގިނަ ހައްގުތަކެއް މި މަޖިލީހުން ހަނިކުރި އެވެ. ވަރަށް އަބުރުވެރި ނޫންތޯ އެވެ؟

"ކޮންމެ ދިވެއްސަކަށް އުޅެވޭނެ ތަނެއް ހަމަޖައްސައިދިނުން"، ހަމަޖެހިއްޖެ ހެއްޔެވެ؟ ނުޖެހެ އެވެ. މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމުގެ ޕްރޮގްރާމް ހިންގިފައިވާ މިންވަރު ވަރަށް މަދެވެ. ފްލެޓްތައް ދެވުނީ އެންމެ ބުރެއްގަ އެވެ. އެއީ 661 ފްލެޓެވެ. އޭގެ ފަހުން ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫއެއް ވަނީ އިއުލާންކޮށްފަ އެވެ. ހުޅުމާލޭގައި އަޅާ އުސް ޓަވަރުތަކެއްގެ މަސައްކަތް މާދަމާ ފަށާނެ އެވެ. ނަމަވެސް ސަރުކާރަށް ދެން ބާކީ އެއް އަހަރެވެ. އެ ބޮޑު ވައުދު އެއް އަހަރުން ފުއްދަނީ ކިހިނެއް ހެއްޔެވެ؟ މިދިޔަ ހަތަރު އަހަރު އެ މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ މެނިފެސްޓޯގައިވާ ގޮތާ ހިލާފަށެވެ.

މެނިފެސްޓޯގެ އެކަންކަމަށް މިހާތަނަށް ދެވެން އޮތީ "ޔޫ" ރިޕޯޓެވެ. އެކަމަކު "އޭ" ރިޕޯޓް ހޯދާފައިވާ ކަންކަން މަދެއް ނޫނެވެ. ފުރަތަމަ ކަމަކީ އުމްރާނީ ވަސީލަތްތަކުން ފަހި ކުރިމަގެއް ހޯދައިދިނުމެވެ. މި ސަރުކާރުން ރަށްރަށުގައި ހިންގާ މަގު ހެދުމުގެ މަޝްރޫއުތަކާއި ނަރުދަމާ އާއި ފެނުގެ މަޝްރޫއާއި ބަނދަރު ހެދުމުގެ މަޝްރޫއުތައް މަދެއް ނޫނެވެ. ނިންމި މަޝްރޫއުތައް ވެސް މަދެއް ނޫނެވެ. އެއީ އިދިކޮޅުން ވެސް ދެބަސްނުވާ ހަގީގަތެކެވެ.

"އޭ ސްޓާ" ހޯދާފައިވަނީ ސިއްހީ ނިޒާމަށް އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމުންނެވެ. ސިއްހީ ދާއިރާއަށް އެންމެ ބޮޑު އިންގިލާބެއް މި ސަރުކާރުން ވަނީ ގެނެސްފަ އެވެ. އައިޖީއެމްއެޗްގައި މިހާތަނަށް ނުލިބޭ އެތައް ބޮޑެތި ފަރުވާތަކެއް މި ހަތަރު އަހަރު ތެރޭ ފަށާފައިވެ އެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާދޭ ސެންޓަރެއް ވަނީ ހަދާފަ އެވެ. ޓްރީޓޮޕްގެ ނަމުގަ ބޮޑު އަމިއްލަ ހޮސްޕިޓަލެއް އެ އަންނަނީ ފަރިވަމުންނެވެ. އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތެއް ވެސް އެއޮތް ގޮސް ނިމެނީ އެވެ. މިހާރު ވެސް ސިއްހީ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ކުރިއަށް އޮތް އެއް އަހަރު ތެރޭގައި މި ވައުދު ސަރުކާރުން އެއްކޮށް ފުރިހަމަކުރާނެ ކަމަށް ބެލެވެ އެވެ. ހަމައެހެން ތައުލީމީ ދާއިރާއަށް ވެސް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން ހުރިހާ ސްކޫލެއް ޑިޖިޓަލައިޒްކޮށް ފޮތްތަކުގެ ބަދަލުގެ ޓެބްލެޓް ދިނުމުގެ އަމާޒަކީ ތައުރީފު ހައްގުވާ ބަދަކެވެެ.

މަސްވެރިންނަށާއި ދަނޑުވެރިންނަށް ވެސް ސަރުކާރުން ބޮޑު ވައުދުތަކެއްވެފައިވެ އެވެ. އެ ވައުދުތައް ފުއްދިފައިވާ ކަމަށް ވެސް އެ ދާއިރާގެ މިނިސްޓަރު ވިދާޅުވެ އެވެ. ނަމަވެސް ފަސް އަހަރު ދުވަހުގެ ތެރޭގައި 10،000 ޒުވާން މަސްވެރިން އުފެއްދުމަށާއި މުސާރައިގެ ގޮތުގައި އަތޮޅަކަށް 12 މިލިއަން ރުފިޔާ ވެއްދުމަށް ކުރާ މަސަކަތެއް ހުޅުވައިދޭ ދޮރުތަކެއް ނުފެނެ އެވެ. ހަމައެހެން ދަނޑުވެރިޔަކަށް އެވްރެޖް ގޮތެއްގައި 10،000 ރުފިޔާގެ އާމްދަނީއެއް ލިބުމަށާއި އަތޮޅަކަށް ހަ މިލިއަން ރުފިޔާގެ އަމްދަނީއެއް ލިބޭނެ މަގު ކޮށައިދިނުމަށް އަލަށް ކުރި ކަމެއް ނުފެނެ އެވެ. ޓޫރިޒަމް ދާއިރާއިން ކޮންމެ އަހަރަކު 10 ރިސޯޓް ހުޅުވާނެ ކަމަށް ބުނެވީ ވައުދު ދަނީ ހާސިލުވަމުންނެވެ. އެ އަދަދަށްވުރެ ހުޅުވޭ ރިސޯޓްގެ އަދަދު އިތުރުވާނެ ކަމަށް ވެސް ބެލެވެ އެވެ. ނަމަވެސް އެ ދާއިރާއިން މުސާރައިގެ ގޮތުގައި ކޮންމެ އަތޮޅަކަށް 30 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެފައިވާ ވައުދު ނުފެދެ އެވެ. މި ސަރުކާރަށް ވެސް އެވަނީ ހދ. އަތޮޅުގައި ރިސޯޓެއް ހުޅުވޭ ގޮތް ނުވެފަ އެވެ. ޓޫރިޒަމްގެ ދާއިރާއިން އެ އަތޮޅަށް ވަންނަ އާމްދަނީއެއް ނެތެވެ.

ޔަގީން މެނިފެސްޓޯގައިވާ ބައެއް ކަންކަމަކީ މިހާތަނަށް ލޮލަށް ވެސް ފެނިފައިވާ ކަންކަމެއް ނޫނެވެ. އަޑެއް ވެސް ނީވެ އެވެ. ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް ކޮބައި ހެއްޔެވެ؟ ކޮންމެ އަތޮޅަކަށް ޓޫރިޒަމް ތަރައްގީ ކުރާނެ ރަށެއް ކޮބައި ހެއްޔެވެ؟ ގައުމާއި މުޖްތަމައު އަލުން އަމާން ކުރެވިފައި ކޮބައި ހެއްޔެވެ؟ މަރާމާރީ އާއި ބޮޑެތި މަރުތައްވީ އިތުރެވެ. މިކަންކަމަށް ބަލާފައި ސަރުކާރުގެ ހަތަރު އަހަރަށް ދޭނެ ރިޕޯޓެއް އަންދާޒާކޮށްލެވޭނެ އެވެ.

ދެން އޮތީ މެނިފެސްޓޯގެ ބޭރުގެ ބައެއް ވާހަކަތެކެވެ. ސަރުކާރުން ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާއިރު އެއާއެކު ކޮރަޕްޝަނާއި ދަރަނީގެ އަޑުގަދަވާ ވާހަކައެކެވެ. ހުޅުލެ އާއި މާލެ ދެމެދު އަޅާ ބްރިޖާއި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޮޑުކުރުމުގެ މަޝްރޫއު އާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަޝްރޫއަކީ ހަގީގަތު ވެސް ބޮޑެތި މަޝްރޫއުތެކެވެ. ކުރެވޭނެ ކަމަށް ހީކުރި މަޝްރޫއުތަކެއް ވެސް ނޫނެވެ.

އެފަދަ ބޮޑެތި މަޝްރޫއުތައް ހިންގާއިރު އޭގެން ހަގީގަތުގައި ލިބެންޖެހޭ އުފާ ނުލިބި ވަނީ މަޝްރޫއުތައް ހިންގަން ނަގާ ދަރަނީގެ ބޮޑުކަމުންނެވެ. ކަންކަން ވާނެކަން ދެއްކުމަށް ގައުމު ދަރުވާލުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ ބަޔަކަށް ނުފެންނާތީ އެވެ. މިފަހުން ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ ލައްގަނޑު މި ސަރުކާރަށް ޖެހިފައިވާއިރު ކޮރަޕްޝަންގެ އެކިއެކި ތުހުމަތުތައް ސަރުކާރުގެ އެކި ވެރިންނަށް އަބަދުވެސް ދަނީ ކުރެވުންނެވެ. އޮޑިޓް ރިޕޯޓްތަކުންނާއި އޭސީސީގެ ރިޕޯޓްތަކުން ވެސް ކޮރަޕްޝަން އާންމުވެފައިވާ މިންވަރު ފެނިގެންދެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި ކުންފުންޏަކުން ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ފައިސާތަކެއް ޖަމާވިކަން އެނގެ އެވެ.

އިދިކޮޅު ފަރާތްތަކުން ކޮރަޕްޝަނާއި ދަރަނީގެ ވާހަކަ ދައްކަމުންދާއިރު ސަރުކާރުން ބުނަނީ ދަރަނި އަދާކުރާނެ ކަމަށެވެ. މިހާތަނަށް ވެސް ދަރަނި ދައްކާފައިވަނީ މި ސަރުކާރުން ކަމަށެވެ. ދަރަންޏާ ގުޅޭ ގޮތުން ވެސް ރައީސްގެ ވައުދެއް އޮވެ އެވެ. ފަހު ދެ އަހަރު އަރަނި ބަޖެޓެއް ހުށަހެޅުމެވެ. ނަމަވެސް އެހެނެއް ނުވެ އެވެ. މި ސަރުކާރުގެ އެންމެ ފަހު އަހަރަށް ވެސް ހުށަހަޅާފައިވަނީ ދަރަނި ބަޖެޓެކެވެ. ރައީސް މިހާރު ވިދާޅުވަނީ އެހެން ދައުރެއް ދެއްވައިފިނަމަ ހުރިހާ ދަރަންޏެއް އަދާކުރައްވާނެ ކަމަށެވެ.

ކޮންމެއަކަސް ހަތަރު އަހަރު ސަރުކާރަށް ފުރިފައިވާއިރު ސަރުކާރުން ރައްޔިތުންނަށް ދައްކަނީ ތަރައްގީ އެވެ. އިދިކޮޅުން ދައްކަނީ ކޮރަޕްޝަނާއި ދަރަންޏެވެ. ރައްޔިތުންނަށް މީގެން ބޮޑަށް ފެންނަނީ ކޮން އެއްޗެއްކަން އެނގޭނީ އަންނަ އަހަރުންނެވެ. ޔަގީން މެނިފެސްޓޯ ޔަގީންވި މިންވަރެއް ވެސް އެނގޭނީ އޭރަށެވެ.