ހަބަރު

އެންމެ ކުޑަ މުސާރަ ވެސް 37 ޕަސެންޓަށް ބޮޑުކުރަނީ

އަންނަ އަހަރުގެ ކުރީގެ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރަ 37 ޕަސެންޓަށް އިތުރުވެގެން ދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް 234 މިލިއަން ރުފިޔާ ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާފަ އެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިވިލް ސާވިސްގެ ތިން މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ކަމަށެވެ.

"ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ ހާލު ރަނގަޅުވެގެން ދާނެ، ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ މުސާރަ ބޮޑުވެގެން ދާނެ، އާ އަހަރު ފެށުމާއެކު މާސް ލަސްތަކެއް ނުވެ ސިވިލް ސާވިސް އާއި ފިނޭންސް މިނިސްޓްރީން ގިންތިތަކެއް ކަނޑައަޅާނެ، އެންމެ ދަށު ގިންތިތަކުގަ ތިބި މީހުން އެންމެ ކުޑަ މުސާރައިގަ ތިބި މީހުންގެ މުސާރަ ސަތޭއަކުން 37 ބޮޑުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ދެން ތިބި މުވައްޒަފުންނަށް 25 ޕަސެންޓްގެ ކުރިއެރުމަށް މުސާރައަށް ލިބިގެންދާނެކަން ވެސް ރައީސް ހާމަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނަށް ސިވިލް ސާވިސްގެ މުހިންމުކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ މުވައްޒަފުންގެ އަގު ވެސް ވަޒަން ކުރައްވާ ކަމަށެވެ. މީގެ ކުރީ ސަރުކާރުތަކުން އެ މުވައްޒަފުން ކުރިއެރުވުމަށް މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރު މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 24،000 މުވައްޒަފުން މަސައްކަތް ކުރާ މިއީ އެންމެ މުސާރަ ކުޑަ އެއް ދާއިރާއެވެ. އަދި ނިސްބަތުން މުސާރައިގެ ބޮޑު ފަރަގެއް ވެސް އޮވެ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުލިބެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެއަށް ގެންދަން ލިބެނީ ޑިގްރީ ފުރިހަމަކޮށްފައި ތިބޭ މުވައްޒަފުންނަށެވެ. މިކަމުގެ ސަބަބުން ސަރުކާރު މުވައްޒަފުން ޝަކުވާ ވަނީ ބޮޑުވެފަ އެވެ.