ހަބަރު

ޤައުމީ ދުވަހުގެ ސައިލެންޓް ޑްރިލް އުތުރުގެ ބައެއް ރަށްރަށަށް

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފް ސައިލެންޓް ޑްރިލްގެ ހަރަކާތްތައް އުތުރުގެ ބައެއް ރަށްރަށުގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މިގޮތުން މިމަހު 19 ވަނަ ދުވަހު ހަވީރު ހަވީރު 17:00 ގައި ހއ.އުތީމު ބަނދަރު ސަރަޙައްދުގައި ބާއްވާ އެމްއެންޑީއެފް ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށްވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން ސައިލެންޓް ޑްރިލްގެ ހަރަކާތްތައް މި މަހު 20 ވަނަ ދުވަހު ހއ.ބާރަށު ބަނދަރު ސަރަޙައްދުގައި ބާއްވާގޮތަށް ހަމަޖެހިފައިވާއިރު މިމަހު 21 ވާ އަންގާރަ ދުވަހު ހއ.ދިއްދޫ ބަނދަރު ސަރަޙައްދުގައި މި ހަރަކާތްތައް ބާއްވާގޮތަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ހދ.ހަނިމާދޫ ބަނދަރު ސަރަޙައްދުގައި މިމަހު 22 ވާ ބުދަ ދުވަހު ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ބާއްވާނެއެވެ. މި ހުރިހާ ރަށެއްގައިވެސް ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 17:00 ގައެވެ.

އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ސައިލެންޓް ޑްރިލްގެ ހަރަކާތްތަކަކީ އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެކެވެ. މިހެވިކަމުގައި ކޮމާންޑު ދިނުން ނުހިމެނޭ އިރު، ގެމައިގެ ހުރިހާ ހަރަކާތެއްވެސް ވަކި ސީކުއެންސަކަށް ކުރިއަށްދާއިރު ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން ސުކޫތެއް ގެނައުން ހިމެނިފައިވެއެވެ.