މިއުޒިކް

"ރަން ޒަމާން" ޝޯގެ ޓިކެޓް ބުކް ކުރެވޭ ވެބްސައިޓް ލޯންޗުކޮށްފި

ރާއްޖޭގެ މިއުޒިކީ އުދަރެހުގެ އެންމެ އަލިގަދަކޮށް ވިދި ކުރީގެ ފަންނާނުންނާއެކު "ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް" އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އާއި ގުޅިގެން ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ޝޯއަށް ބޮޑު ތަރުހީބެއް ލިބުމާއެކު އަނެއްކާވެސް މިވަނީ އިތުރު ޝޯއެއް އިންތިޒާމްކޮށްފަ އެެވެ.

"ރަންޒަމާން" ޝޯ އިންތިޒާމްކޮށް އެ ޝޯއަށް ޓިކެޓު ވިއްކަން ވަނީ ފަށާފަ އެވެ. ޓިކެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ޓިކެޓު ގަތުމަށް ހާއްސަ ވެބްސައިޓެއް މިހާރު ވަނީ ލޯންޗުކޮށްފަ އެވެ. އަދި އެކަމަށް ހާއްސަ ހޮޓްލައިނަށް ގުޅައިގެންވެސް ޓިކެޓު ގަނެވޭނެ އެވެ. އޮންލައިންކޮށް ޓިކެޓު ގަންނަން ބޭނުންވާ ފަރާތްތަކުން http://tickets.shoppingmaldives.com/ އަށް ޒިޔާރަތްކޮށްގެން ޓިކެޓު ގަނެވޭނެ އެވެ. އަދި ރަން ޒަމާން ޝޯގެ ހޮޓްލައިން ނަމްބަރު 7993246 އިން ލިބޭނެ އެވެ. ޓިކެޓުގެ އަގު އުޅެނީ 200 ރުފިޔާ އަދި 500 ރުފިޔާ އަށެވެ.

އެ ޝޯ ބާއްވާނީ އަންނަ މަހު ހަތެއް އަދި އަށެއް ގައި އޮލިމްޕަހުގަ އެވެ. ކުރީގެ ފަންނާނުން އަދި މިހާރުގެ ފަންނާނުންނާއެކު ޖުމްލަ 23 ފަންނާނުން އެ ޝޯގައި ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި އަބްދުﷲ ރަމީޒާއި މަހްމޫދާ ޝަކީބާއި ފާތިމަތު ރައޫފާއި އަބްދުއްރައޫފާއި ޝަފީގާ ހިމެނެ އެވެ. ތަރިންގެ ލަވަތައް މިއަދުވެސް ފަނޑުވުމެއްނެތި ވިދަ އެވެ. މިއަދުވެސް އެ ފަންނާނުން މަގުބޫލެވެ. އެ ފަންނާނުންގެ އަޑު އިވޭނެ އިރަކަށް އިންތިޒާރު ކުރެ އެވެ.

އެ ޝޯގެ ޓިކެޓުތައް ސްޕޮންސާކޮށްފައިވަނީ ތައި ޕްލޭސް ރެސްޓޯރެންޓުންނެވެ. ޓިކެޓު ގަންނަ ފަރާތްތަކުން ޓިކެޓު ހިފައިގެން ދިއުމުން ހުޅުމާލޭގައި ހުންނަ ތައި ފުޑް ޕްލޭސް ރެސްޓޯރެންޓުން 15 ޕަސަންޓު ޑިސްކައުންޓު ލިބޭނެ އެވެ.

އެ ޝޯއަށް ހާއްސަކޮށް ސްވެނިއާ ޓީޝާޓުވެސް ވިއްކާނެ އެވެ. އަދި ކުރީގެ ފަންނާނުންގެ ބަޔޯގްރަފީ މެގަޒިން އެއްވެސް ނެރެން ވަނީ ނިންމާފަ އެވެ. އެ މެގަޒިން ނެރޭނީ މި މަހު ނުވަތަ އަންނަ މަހުގެ ފަހުކޮޅެވެ. މި ޝޯއިން ލިބޭ ރެވެނިއުގެ 10 ޕަސަންޓު ފައިސާ ހަދިޔާ ކުރަން ނިންމާފައިވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ.

ޝޯ އާ އިތުރު ޕާޓްނަރުންތަކެއްވެސް މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން ވޯޑްރޯބް ސްޕޮންސަރެއްގެ ގޮތުގައި ގޯޖަސް ޓެއިލާސް ވަނީ ގުޅިފަ އެވެ. އަދި ފޮޓޯގްރަފީ ޕާޓްނަރުގެ ގޮތުގައި ރިޝްވާން ފޮޓޮގްރަފީ ވަނީ ގުޅިފަ އެވެ.

ރަންޒަމާން ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ. ސައުންޑް އެންޑް ލައިޓްސް ޕާޓްނަރުގެ ގޮތުގައި ސޮއިކޮށްފައިވަނީ އިވެންޓް މޯލްޑިވްސް އެވެ. ޗެރިޓީ ޕާޓްނާ އަކަށް ކެންސާ ސޮސައިޓީ، މީޑިއާ ޕާޓްނާ (ޓީވީ) އަކަށް ރާއްޖެ ޓީވީ، ސެލޫން ޕާޓްނާ އަކަށް ސްކިން ކޭންޑީ އަދި ރެސްޓޯރެންޓް ޕާޓްނާ އަކަށް ސޮއިކޮށްފައިވަނީ ވިލެޖް ކޮފީ އެންޑް ޓީ އެވެ.