ރިޕޯޓް

"ވެއްޓެނީ ވެއްޓެނީ"، ނުވެއްޓުނީ ކީއްވެ؟

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރި "ބަހާރު މޫސުން" ދަނީ ފާހަގަ ކުރަމުންނެވެ. ހަތަރު އަހަރު ރައީސް ޔާމީން ފުރިހަމަ ކުރައްވާފައިވަނީ ސިޔާސީ ގޮތުން ގަދަ ކަނޑެއްގަ އެވެ. ސިޔާސީ އެކި އޮއިވަރުގައި އެކި ފަރަށް ސަރުކާރުގެ އޮޑި ލައްވާން ދިޔައެވެ. ނަމަވެސް ދަތުރު ހުއްޓުމަކަށް ނުގެނެސް ވަޑައިގަންނަވަނީ ކުރިއަށެވެ. ހަތަރު އަހަރުގެ ދަތުރެއް ރައީސް ޔާމީން ފުރިހަމަ ކުރެއްވިއިރު، އެންމެ ގިނައިން އިވުނު އެއް އަޑަކީ "ވެއްޓެނީ ވެއްޓެނީ" އެވެ.

ސަރުކާރަށް ހިންދެމިލައިގެން އޮވެވުނީ އެންމެ އަހަރަކު އެވެ. ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން މިވީ ތިން އަހަރަކީ ސަރުކާރަށް ވައްޓާލަން ނުވަތަ ބަދަލު ކުރަން ގިނަ މަސައްކަތްތަކެއް ކުރި ދުވަސްތަކެކެވެ. އެންމެ ފުރަތަމަ ވެސް އެކަމަށް ނުކުމެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅިވަޑައިގެންނެވެ. ބޮޑެތި މުޒާހަރާތަކެއް ކުރި އެވެ. ނަމަވެސް އެ މުޒާހަރާތައް "ވަނދުކޮށްލައި" ދިފާއީ އައްޑަނެއްގެ ގޮތުގައި އޭރު އަހުމަދު އަދީބު ސަރުކާރުގައި ހުންނެވި އެވެ. "ވެއްޓެނީ ވެއްޓެނީ" ގޮވަމުން ދިޔަސް އެކަމެއް ނުވި އެވެ. އިދިކޮޅުގެ އަޑު ފަނޑުވި އެވެ.

ދެން ވެސް ހަމަ "ވެއްޓެނީ ވެއްޓެނީ" އެވެ. ދަތެއް ހެލޭހެން ސަރުކާރު ހެލެމުންދާ ކަމާއި ވަރަށް އަވަހަށް ވެއްޓޭނެ ކަމުގެ އުއްމީދުތައް އިދިކޮޅު ފަރާތްތަކުން ދިޔައީ ދައްކަމުންނެވެ. އޭރު ސަރުކާރުގެ އައްޑަނަ އަދީބު ވެސް ވަނީ "ބޭވަފާތެރިވެގެން" ޖަލަށްލެވިފަ އެވެ. ރައީސް ޔާމީން ވައްޓާލަން އެކިއެކި ހަރަކާތްތައް ހިންގާފައިވާއިރު އޭގެ ތެރެއިން އެމަނިކުފާނަށް އެންމެ އަސަރުކުރީ ތިން ކަމެއްގެ އެވެ. އެ ތިން ހާދިސާ ރައީސް ޔާމީން ސިފަކުރައްވަނީ އެމަނިކުފާނުގެ ގައިގާ އެޅި ބޮނޑިއެއްގެ ގޮތުގަ އެވެ.

"ފުރަތަމަ ބޮނޑިއަކީ އަޅުގަނޑާ އެންމެ ކައިރިން އަޅުގަނޑު މަރާލަން ދިން އުދުވާނީ ހަމަލާ، [ފިނިފެންމާ ޗޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުން]، ދެވަނަ ބޮނޑިއަކީ އަޅުގަނޑުމެންގެ ޕާޓީގެ އެންމެ އިސް ސަފުގައި އުފެދުނު ކޯޅުން، [ރައީސް މައުމޫންއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުން]، ހައްތަހާވެސް ޕާޓީއަށް ނުރައްކާއަށް އަންނަ ކަންތައް، ތިންވަނަ އުދުވާނަކީ ތިންވަނަ ތަފާލަކީ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންގެ ލޯތްބާއެކު ހޮވި މެންބަރުންތަކެއް އަޅުގަނޑުމެން ދޫކޮށްލާފަ ނިކުމެ ކުރި ބަޣާވާތް،" ރައީސް ވިދާޅުވެފައިވެ އެވެ.

ސަރުކާރާއި ޕީޕީއެމްގެ ތެރެއިން ވެރިކަން ބަލިކަށިވާފަދަ ކަންތައްތަކެއް ހިނގައިދިޔައިރު އޭގެ ފައިދާ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ނަގަން މަސަކަތްކުރި އެވެ. އެ ދުވަސްވަރު ވެސް "ވެއްޓެނީ ވެއްޓެނީ" ގެ އަޑުގަދަވި އެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަރުކާރަށް ތާއީދު އަނބުރާ ގެންދެވުމުން ވެސް އެ އަޑު އިތުރަށް ގަދަވި އެވެ. ސަރުކާރުގެ ނިމުން އެންމެ ގާތްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް 45 މެންބަރުން ތެދުވެވަޑައިގަތުމާ ގުޅިގެންނެވެ. އެފަހަރު ދެން އެ ދިޔައީ ވެއްޓެން ކަމަށް ގަބޫލުކުރި މީހުން ނުކުރާ މީހުންނަށް ގިނަ ވާނެ އެވެ. އެކަމަކު އޭގެ ފަހުން ވެސް މަސްތަކެއް ފާއިތުވެއްޖެ އެވެ. އަދިވެސް ނުވެއްޓެ އެވެ. ކީއްވެ ހެއްޔެވެ؟ ހުދުމުހުތާރުކަމާއި ގަދަ ބާރުން ހެއްޔެވެ؟ ނޫނީ ތާއީދު އޮތީ ހެއްޔެވެ؟

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވާ ގޮތުގައި ރައްޔިތުން ބޭނުން ވަނީ ތަރައްގީ އެވެ. އެކަން ރައީސް ޔާމީން ރައްޔިތުންނަށް ދަނީ ރަނގަޅަށް ފޯރުކޮށްދެމުންނެވެ. ދުވަހަކު ވެސް އުއްމީދު ނުކުރާ ވަރުގެ ބިޔަ މަޝްރޫއުތައް ރައީސް ޔާމީން ހިންގަވަމުންދާއިރު އެކަމަކީ އެމަނިކުފާނަށް ރައްޔިތުންގެ މެދުގައި އޮންނަ ތާއީދު އިތުރުވަމުން ދާނެ ކަމެއްގެ ގޮތުގައި ރިޔާޒު ސިފަކުރެއްވި އެވެ.

"ރައްޔިތުން ބޭނުމެއް ނުވާނެ ވަކި މީހަކު ވެރިކަމަށް ގެންނާކަށް، އެމީހުން ބަލާނީ އެމީހުންގެ ހުރި ދަތިތަކާއި އުނދަގޫތަކަށް އަދި ގައުމުގެ މަސްލަހަތަށް، ބަލާއިރު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މީން ޒަމާނަކު ވެސް ރާއްޖެ ނުދެކޭ ތަރައްގީ އާއި ކުރިއެރުން މިތަނަށް ލިބިއްޖެ، އެހެންވީމަ އެއީ މިއަދު ރައްޔިތުން ބޭނުންވާ ކަމަކީ، ބޯހިޔާވެހިކަމަށް ބެލި ނަމަވެސް ކިޔަވާ ކުދިންނަށް ބެލިޔަސް، އިގްތިސޯދަށް އައިސްފައިވާ ކުރިއެރުންތަކަށް ބެލި ނަމަވެސް، މީގެ ކުރީގަ އެތައް ބައިވަރު ވައުދުތަކެއް ވެގެން ވެރިކަމަށް އައިސްފަ ހުރީ، އެމީހުން ދައުރު ނިމިގެން ނުވަތަ އިސްތިއުފާ ދެއްވާފައި ދިޔައިރު މީގެ ފަސް ޕަސެންޓް ވެސް ހާސިލެއް ނުވޭ، ދައުލަތް އޮތީ ދަރާފަ،" ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

އެއާ ހިލާފަށް މި ސަރުކާރަށް މިވީ ހަތަރު އަހަރު ތެރޭގައި ރަށްރަށަށް ވެސް ބޮޑެތި ތަރައްގީތަކެއް ރައީސް ޔާމީން ގެނެސްދެއްވާފައިވާކަން ރިޔާޒު ފާހަގަ ކުރެއްވި އެވެ. ރަށްރަށުގެ ރައްޔިތުން ހެވިފައި ތިބީ، އެ ރަށްރަށުގެ ނަރުދަމާ އާއި ފެނުގެ މަޝްރޫއު އަދި ބަނދަރު ހެދުމާއި މަގު ހެދުމާއި ބިން ހިއްކުންފަދަ މަޝްރޫއުތައް ސަރުކާރުން ބާރު ސްޕީޑްގައި ކުރިއަށް ގެންދާތީ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ސަރުކާރުން އަބަދުވެސް ވިއްކަނީ ތަރައްގީ އެވެ. އިދިކޮޅުން ވެސް އެ ތަރައްގީ ގެންނަ ކަމަށް ގަބޫލުކުރެ އެވެ. ނަމަވެސް ތަރައްގީ ގެންނަނީ އޮބަހައްޓައިގެން ފަސާދައިގެން ތެރެއިން ކަމަށް އަބަދުވެސް ތުހުމަތުކުރެ އެވެ. ރައީސް ޔާމީން ސަރުކާރު ދަމަހައްޓަނީ ތަރައްގީއިން ނޫން ކަމާއި އިދިކޮޅު ލީޑަރުން "ދުއްވާލައި"، ރައްޔިތުންގެ ހައްގުތައް އޮބަހައްޓައިގެން ކަމަށް އިދިކޮޅުން ސިފަކުރެ އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ ބަސްމަގު ވެސް ހުންނެވީ އެހެނެވެ. ރިޔާޒު ވިދާޅުވި ގޮތުގައި ރައީސެއްގެ މަގާމު ގެއްލޭނެ އޮތީ ދެ ގޮތެކެވެ. އެއީ އަމިއްލަ އިސްތިއުނާ ދެއްވުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމެވެ. އެކަން ވިޔަ ނުދިނުމަށް ރައީސް ޔާމީން ވަނީ މަޖިލިސް އޮބަހައްޓާފަ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މަޖިލީހުގަ މިހާރު ރައީސް ޔާމީނަކަށް މެޖޯރިޓީއެއް ނެތް، މަޖިލީހުގެ ވަރަށް ގިނަ މެންބަރުންތަކެއް އެވަނީ ގާނޫނާ ހިލާފަށް ކަނޑާލާފަ ކަމަށް ބުނެފަ، މަޖިލީހަށް ނުވަދެވޭ ގޮތް ހަދާފަ، އެހެން ނޫންނަމަ ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ ރައްޔިތުންނަށް އެނގި، ހަގީގަތް ސާފުވެގެން ދިޔައީ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރެވޭނަމަ، އެ މަސައްކަތްތައް ކުރިޔަ ނުދީ ހުއްޓުވާފަ ގަދަ ބާރުން ސަރުކާރުން ކަންތައްތަކެއް ހިންގުން އެއީ އެމަނިކުފާނު މަޖިލީހުގެ ތެރޭގައި ޖަވާބުދާރީ ނުކުރެވުނު ސަބަބަކީ،" ކުރީގެ ސީޕީ ރިޔާޒު އަބްދުﷲ ވިދާޅުވި އެވެ.

ރިޔާޒު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ހިންގާ އަމަލުތައް ހާމަވެ ސަރުކާރަށް ޕްރެޝަރު އަންނާނެފަދަ ދޮރުތައް ރައީސް ޔާމީން ވަނީ ބަންދުކުރައްވާފަ އެވެ. އެގޮތުން ރައްޔިތުންށް މުޒާހަރާ ކުރެވޭނެ ގޮތާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް މީޑިއާއަށް ބިރު ދައްކާކަން ރިޔާޒު ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ވޯޓަކީ ރައީސް ޔާމީން ބިރުފުޅު ގަންނަ ކަމެކެވެ. ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވެސް އެމަނިކުފާނު ބަލިވެފައިވުމަކީ ރައްޔިތުން ތިބި ގޮތް ސާފުވާ ކަމެއްގެ ގޮތުގައި ރިޔާޒު ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ދަނީ ކުރިއަށް އޮތްތާ އެމަނިކުފާނާ ކުރިމަތިލައްވާނެ ކަމަށް ބެލެވޭ ހުރިހާ ސިޔާސީ ލީޑަރުން ހިފައި ހައްޔަރުކޮށްގެން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ސިޔާސީ ބޭފުޅުންނަށް ހުކުމްތައް ނެރެނުދޭ ފަނޑިޔާރުންނާމެދު ވަގުތުން ވަގުތަށް ފިޔަވަޅު އަޅާކަމުގެ ތުހުމަތު ވެސް ރިޔާޒު ކުރެއްވި އެވެ.

އިދިކޮޅުން ސިފަ އެ ކުރަނީ ރައީސް ޔާމީނަކީ ހުދުމުހުތާރު ވެރިޔެއްގެ ގޮތުގަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓާފައިވަނީ ގަދަބާރުންނެވެ. އެއީ ތަރައްގީ ގެނެސްދޭތީ، ރައްޔިތުންގެ އޮތް ތާއީދުގެ ސަބަބުން ދެމިގެންދާ ވެރިކަމެއް ނޫނެވެ.

ބާކީ ސަރުކާރަށް އޮތީ އެއް އަހަރެވެ. މިހާރު އިދިކޮޅުން ވެސް ވަނީ ސަރުކާރު ބަދަލުކުރުމުގެ ހިޔާލު ދޫކޮށް 2018 އަށް ކެންޑިޑޭޓެއް ހޯދުމުގެ ބުރަ މަސައްކަތް ފަށާފަ އެވެ. ދެހާސް އަށާރައަށްފަހު ރައީސް ޔާމީންނަށް ދެމިހުރެވޭނެތޯ ކަނޑައެޅިގެން ދާނީ އެ ވޯޓުންނެވެ. ރައްޔިތުން ނުކުމެ، ތަރައްގީ މޮޅުކޮށް ނުވަތަ ހުދުމުހާރުކަން ބަލިކުރާނެ އެވެ. އެ ބާރުވެރިކަން ދައްކާނީ ރައްޔިތުންނެވެ.