ހަބަރު

ފްލެޓް ލިބުނު މީހުން ޖެނުއަރީ މަހު ފްލެޓްތަކުގައި އުޅެން ފަށާނެ

ހުޅުމާލޭގައި އަޅާފައިވާ ސޯޝަލް ހައުސިން ފްލެޓުތަކުގެ ތެރެއިން މިހާތަނަށް ފްލެޓު ލިބުނުކަން އިއުލާނުކޮށްފައިވާ ފަރާތްތަކުން އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އެތަނުގައި ދިރިއުޅެން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ ދެމެހެއްޓެނިވި ހައްލުގެ މަޝްރޫއު "ހިޔާ" އިފްތިތާހު ކުރުމަށް މިރޭ ހުޅުމާލެ ފޭސް ދެއެއްގައި ބާއްވާ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ 704 ފަރާތަކަށް ފުލެޓު ލިބުނުކަން އިއުލާނުކޮށް އެ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

"ކުރިއަށް އޮތް އަހަރު ސްކޫލް ހުޅުވާ ކިޔަވައިދޭން ފެށުމުގެ ކުރިން އަޅުގަނޑުމެން ޔަގީންކަން ދޭ ކަމަކީ މި ހުރިހާ ފަރާތްތަކަށްވެސް އެ ފަރާތްތަކުގެ ފްލެޓުތައް ހަވާލުކުރެވި އެ ފްލެޓުތަކުގައި ދިރިއުޅެވޭނެ ކަމުގެ ޔަގީންކަން، މި 704 އާއިލާއަކީ ވަރަށް ނިކަމެތިކޮށް ވަރަށް ހާލުގައި އުޅެމުން ދިޔަ ފަރާތްތަކެއް،" މުއިއްޒު ވިދާޅުވި އެވެ.

އެ ފްލެޓުތަކުގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންގޮސްފައިވަނީ ކަމާބެހޭ އެންމެހާ މުއައްސަސާތައް ގުޅިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އެ ފްލެޓުތައް ދީފައިވާނީ އެ ފްލެޓުތައް އެންމެ ހައްގު ފަރާތްތަކަށް ކަމަށާއި އެކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ޝަރުތުތައް ހަމަވެ، ފްލެޓު ލިބޭ 661 އަށް ވުރެ ގިނަ މީހުންގެ ނަންތައް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ވަނީ އާންމުކޮށްފަ އެވެ. އެފްލެޓްތައް ދޭން ނިންމާފައިވާ ފަރާތްތަކުގެ ތެރެއިން މާލެ ކެޓަގަރީ އެކެއްގައި ހިމެނެނީ 500 މީހުންނެވެ. އަދި ކެޓަގަރީ ދޭއްގައި ހިމެނެނީ 161 މީހުންނެވެ.