ހަބަރު

އިދިކޮޅު ލީޑަރުންނާ ހެދި ފ. އަތޮޅުގެ މަޝްރޫއު ބީވެއްޖެ: ރައީސް

ފ. އަތޮޅުގައި ސައުދީ އަރަބިއްޔާއިން ތަރައްގީ ކުރުމަށް ޝައުގުވެރިވި، މަޝްރޫއު ހުއްޓުމަކަށް އައިސް އެ މަޝްރޫއު ބީވެގެން ހިނގައްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ ދެމެހެއްޓެނިވި ހައްލުގެ މަޝްރޫއު "ހިޔާ" އިފްތިތާހު ކުރުމަށް މިރޭ ހުޅުމާލެ ފޭސް ދެއެއްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފ. އަތޮޅުގެ މަޝްރޫއު ބީވެގެން ދިޔައީ އިދިކޮޅު ސިޔާސީ ލީޑަރުންގެ ސަބަބުން ކަަމަށެވެ.

"އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައީ ފެއްސާއި ރަތާ ހުދުގެ އެއްވެސް މައްސަލައެއް އަޅުގަނޑާއި ހަމައަކަށް ނާދެއޭ، ފ. އަތޮޅުގައި އަޅަން އަޅުގަނޑުމެން ނިންމި ބިޔަ މަޝްރޫއު އަޅުގަނޑުމެންނާ ބީވެގެން ދިޔައީ ކޮންބައެއްގެ މަސައްކަތުންތޯ، ކީއްވެގެންތޯ އެ މަސައްކަތްތަކަށް ސޮއިކުރި އެތައް ބަޔަކު ފަހުން ނާންނަން ނިންމީ، އެއީ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ދައްކަވާފައި ހުރި ވިޔާނުދާ ވާހަކަތަކެއްގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.

އިންވެސްޓަރުންނަށް މަރުހަބާ ނުކިޔާ ތަނަކަށް އިންވެސްޓަރުން ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފ. އަތޮޅު މަޝްރޫއު ހުއްޓުމަކަށް އައިސްފައިވާ ކަމުގެ އިޝާރާތެއް މީގެކުރިން ރައީސްވަނީ ދެއްވާފަ އެވެ. އެހެން ނަމަވެސް އެ މަޝްރޫއު ހުއްޓުނު ކަމަކަށް މީގެކުރިން ރައީސް ވިދާޅެއް ނުވެ އެވެ. އެ މަޝްރޫއާ ގުޅޭގޮތުން މީގެ ކުރިން ރައީސް ވިދާޅުވެފައި ވަނީ އެ މަޝްރޫއު ހުއްޓުމަކަށް ނާންނާނެ ކަމަށެވެ. އަދި ސައުދީއާ އެކު އެކަމުގެ މަޝްވަރާތައް އަދިވެސް ހިނގަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް އޭގެ ފަހުން ދީފައެއް ނުވެ އެވެ.

އެ މަޝްރޫއު ރާއްޖެ ގެނެވުންނަމަ އެއީ ރާއްޖޭގައި މިހާތަނަށް ހިންގޭނެ އެންމެ ބޮޑު ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓަށް ވާނެ އެވެ. އެ މަޝްރޫއަށް ސައުދީގެ ބޮޑެތި އިންވެސްޓަރުންތަކެއް ތިބީ ޝައުގުވެރިވެފަ އެވެ.