އެއް ލައްކަ ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ބޯހިޔާވެހިކަމުގެ ދެމެހެއްޓެނެވި ހައްލުގެ މަޝްރޫއުގެ ދަށުން މިރޭ ހުޅުމާލެ ފޭސް ދެއެއްގައި ބިންގާއެޅި ފްލެޓްތަކުގައި އަންނަ އަހަރު މީހުން ދިރިއުޅެން ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަމުގެ ދެމެހެއްޓެނިވި ހައްލުގެ މަޝްރޫއު "ހިޔާ" އިފްތިތާހު ކުރުމަށް މިރޭ ހުޅުމާލެ ފޭސް ދެއެއްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިރޭ ބިންގާއެޅި 62 ޓަވަރުގެ ހުރިހާ މަސައްކަތެއް 2019 ވަނަ އަހަރު ނިންމާލެވޭނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މިއަޅާ ބިންގާތައް އިރާދަކުރެއްވިއްޔާ 2018ގައި މީހުން ވަންނާނެ، އަދި އެ ޓަވަރުތަކަށް މީހުން ވަނުމަށްފަހު އެ ޓަވަރުތަކުގެ ބާކީ ނިންމާއިރު އެއީ އެމީހުން ދިރިއުޅޭ އެޕާޓްމަންޓްތަކެއް ނޫން، އެއަށްވުރެ މަތީގައި ހުންނަ އެޕާޓްމަންޓްތައް ނިންމާ އިރާދަކުރެއްވިއްޔާ 2019 ވަނަ އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭނެ،" ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 36 ޓަވަރުގައި 10،080 ހައުސިން ޔުނިޓް އަޅާނެ އެވެ. ފްލެޓްތަކުގައި އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭނެ އެވެ.
ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން ސަރުކާރުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކާއި އެހެން ރައްޔިތުން ވެސް ހިމެނޭ ގޮތަށް އެއް ލައްކަ ރައްޔިތުންނަށް ބޯހިޔާވެހިކަން ހަމަޖެހިގެން ދާނެ އެވެ.
ރައީސް ވިދާޅުވީ މިރޭ ބިންގާއެޅި ފްލެޓުތަކުގެ މަސައްކަތް ނިންމާލުމުން އެއް ލަައްކަ މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ. އެ ފްލެޓްތަކާއި، ރައީސްގެ ވެރިކަމުގައި އަތޮޅުތެރޭގަ އާއި މާލޭގައި އަދި ހުޅުމާލޭގައި އަޅާފައިވާ އެޕާޓްމަންޓްތައް އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ހުރި ފްލެޓުތައް ނިންމާލުމުން ދެ ލައްކަ މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި 62 ޓަވަރުގެ މަސައްކަތް 2019 ވަނަ އަހަރުގެ ތެރޭގައި ނިމޭނެ، އަދި އެ ޓަވަރު ތަކުން ނިމޭ ބައިބައި 2018 ވަނަ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުން އެތަނަށް ވަންނަ އިރު އެމީހުންނާ ސަލާމްކޮށްލަން ހަމަ މިތަނުގައި ހުރުމަކީ އަޅުގަނޑުގެ އުފަލަކަށްވާނެ، އިރާދަކުރެއްވިއްޔާ އެކަންވެސް ވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުޅުމާލޭގައި 25 ބުރިއަށް އިމާރާތްކުރަން ހުއްދަ ދިނީ އެރަށުގެ ރިސޯސަސް ހެޔޮ ގޮތުގައި ބޭނުންކުރަން ކަމަށެވެ. މީގެ ކުރިން ހުޅުމާލޭގައި އިމާރާތް ކުރުމުގެ ހުއްދަ ދީފައި އޮންނަނީ ފަސް ބުރިއަށް ކަން ރައީސް ފާހަގަކުރެއްވި އެވެ.