ވިޔަފާރި

ޗައިނާ ޓޫރިސްޓުން މަދުވާތީ ސަރުކާރު ކަންބޮޑުވެފައި

ރާއްޖެއަށް މީގެ ދެ އަހަރު ކުރިން ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރަމުން ދިޔަ، ޗައިނާ މާކެޓު އަހަރުން އަހަރަށް ދަށްވަމުންދާތީ، ބަޖެޓުގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޖެޓުގައި މެދު ރާސްތާއަށް ބަލާއިރު ޓޫރިޒަމް ދާއިރާއިން ސަމާލުވާންވީ ކަންތައްތަކުގެ ތެރޭގައި، ޗައިނާ މާކެޓު ވިދިވިދިގެން ދަށްވަމުންދާ މައްސަލަ ފާހަގަ ކޮށްފައިވެ އެވެ. ބަޖެޓުގައިވާ ގޮތުން ޗައިނާ މާކެޓަކީ "ގްލޯބަލް ފައިނޭންސް ކްރައިސިސް" އަށް ފަހު ރާއްޖޭގެ ޓޫރިޒަމް ދުވެލި ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރި މާކެޓު ކަމަށްވީ ނަމަވެސް، 2015 ވަނަ އަހަރުން ފެށިގެން ޗައިނާ މާކެޓު އަހަރުން އަހަރަށް ދަށްވަމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"ޗައިނާ ފަދަ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް މާކެޓަކުން ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު، ދަށްވަމުން ދިއުމަކީ މިކަމާމެދު ފިޔަވަޅުތަކެއް އަޅައި، މިސްރާބު ބަދަލު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ގެއްލިގެންދާނެ އުފެއްދުންތެރިކަމެކެވެ." ބަޖެޓް ފޮތުގައި ވެއެވެ.

ބަޖެޓުގައިވާ ގޮތުން، ރާއްޖެ އިގްތިސާދު ކުރު އަދި މެދުރާސްތާއަށް ވެސް އޮތް އެންމެ ބޮޑު ގޮންޖުހުމަކީ އިގްތިސާދު އެއް ސިނާއަތެއްގެ މައްޗަށް ބުރަވެފައި އޮތުމެވެ. އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިނގާ ކަމެއްގެ ސަބަބުން ޓޫރިޒަމް ދާއިރާ އަށް ލޮޅުމެއް އަތުވެއްޖެނަމަ ރާއްޖޭގެ އުފެދުންތެރިކަމަށް އަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ޗައިނާ މާކެޓު ދަށްވި ނަމަވެސް މި އަހަރު މިހާތަނަށް ބަލާއިރު ޔޫރަޕު މާކެޓު ވަނީ ބޮޑުތަނުން ރަނގަޅު ވެފައެވެ. އެކަން ބަޖެޓުގައި ވެސް ފާހަގަ ކޮށްފައިވެ އެވެ. ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޔޫރަޕުން މި އަހަރުގެ މިހާތަނަށް 449,833 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި 407,160 މީހުންނާ އަޅާބަލާއިރު 10.5 ޕަސެންޓް އިތުރުވެފަ އެވެ. ނަމަވެސް ޗައިނާ މާކެޓުން މި އަހަރުގެ މިހާތަނަށް އައިސްފައިވަނީ 236,728 މީހުންނެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރި 259,679 މީހުންނާ އަޅާބަލާއިރު 8.8 ޕަސެންޓް ދަށް އަދަދެކެވެ.