މިއުޒިކް

Nov 19, 2017

ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްއިން ކޮންމެ އަހަރަކު ނެރެމުން އަންނަ ގައުމީ ލަވަ އަލްބަމް ނެރެފިއެވެ. މިއީ އެ އަލްބަމް ނެރުނު 16 ވަނަ އަހަރެވެ.

"ބަހުރުވަ" ނަމުގައި ނެރުނު މި ވީޑިއޯ އަލްބަމް މި އަހަރު ފަރުމާކޮށްފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމެވެ. އެ އަލްބަމްގައި ހިމެނޭނީ އަށް ލަވަ އެވެ. އެ އަލްބަމް ނެރެފައި ވަނީ މިއަދު ޓީވީއެމްއިން ގެނެސްދިން ގައުމީ ދުވަހުގެ ހާއްސަ ޕްރޮގްރާމްގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީއެވެ.

ބަހުރުވައަށް ޅެން ހައްދަވާފައިވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ހަސަން ލަބީބް، ފަތުހުﷲ ސޯލިހު، އަބްދުﷲ އަފީފް، އަޝްރަފް އަލީ، އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު، އަބްދުލްޖަލީލް އިސްމާއިލް އަދި މުހައްމަދު އަބްދުލް ގަނީއެވެ. އަލްބަމްގައި ހިމެނޭ ލަވަތައް ހަދާފައިވަނީ އެކި ރަށްރަށުގައި ބޭނުންކުރާ ބަހުރުވަތައް ބޭނުންކޮށްގެންނެވެ.

ބަހުރުވަ އަލްބަމްގެ ލަވައެއް. --

އެ އަލްބަމްގައި ހިމެނޭ ހުރިހާ ލަވަޔަކީވެސް އަމިއްލަ ރާގުގެ ލަވަތައް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ރާގުތައް އުފައްދާފައި ވަނީ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުންނެވެ. އަދި މި އަލްބަމްގެ ލަވަތަކަށް ވީޑިއޯ ތައްޔާރުކޮށްފައިވަނީވެސް އެމްއެންޑީއެފްއިންނެވެ.

އެ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލުންނާއި އެމްއެންޑީއެފް ފޭސްބްކް ޕޭޖް އަދި އެމްއެންޑީއެފް ސައުންޑް ކްލައުޑް ޕޭޖުން މިހާރު ޑައުންލޯޑްކުރެވޭނެއެވެ.