ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ، ޗިޗޯރްގެ ރާނީ ޕަދްމިނީގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމު "ޕަދްމާވަތީ" ގައި ރާނީ ޕަދްމިނީ ވާހަކަ ގެނެސްދީފައިވަނީ އޭނާ އަށް ހުތުރު ނަމެއް ލިބޭ ގޮތަށް ކަމަށް ބުނެ ޖައިޕޫރުގެ އޮގަނައިޒޭޝަނެއްގެ އެކްޓިވިސްޓުންތަކެއް ކަމަށްވާ ކަރްނީ ސޭނާ ކިޔާ ގްރޫޕަކުން ވަނީ މި ފިލްމު ރިލީޒްކުރުމާ ދެކޮޅަށް އިންޑިއާގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ފަށާފަ އެވެ.
ބަންސާލީ އާއި ފިލްމުގައި ރާނީ ޕަދްމިނީގެ ރޯލު ކުޅެފައިވާ ބަތަލާ ދިޕިކާ ޕަދުކޯނަށް އިންޒާރުތަކެއް އެކި ގްރޫޕަތަކުން ދެމުން އައި ދަނޑިވަޅުގައި ފިލްމު ރިލީޒްކުރަން ލަސްކުރަން ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ ވިއަކޮމް 18 އިން ނިންމައިފި އެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް މި ފިލްމު ރިލީޒްކުރުން މުއްދަތެއް ނެތް ގޮތަށް ލަސްކުރަން ޕްރޮޑިއުސަރުން ނިންމީ ފިލްމާ ގޫޅޭގޮތުން ދެމުން އަންނަ އިންޒާރުތަކާ ގުޅިގެންނެވެ.
ވިއަކޮމް 18ގެ ސްޕޯކްސްޕާސަން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިލްމު ރިލީޒްކުރުން ލަސްކުރަން ނިންމި ނިންމުމަކީ ޕްރޮޑިއުސަރުންގެ އަމިއްލަ ނިންމުމެއް ކަމަށެވެ.
"ޑިސެމްބަރު އެކެއްގައި ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް ޕަދްމާވަތީ ރިލީޒްކުރުން ލަސްކުރަން ނިންމުމަކީ އަމިއްލަ ނިންމުމެއް؛" ވިއަކޮމް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ވަނީ ފިލްމާ ދެކޮޅަށް ދެމުން އަންނަ އިންޒާރުތަކާއި ފިލްމު ރިލީޒްކުރަން ކާނި ސެނާއިން އަޅަމުން އަންނަ ހުރަސްތަކަށް ގާނުނާއި ސެންސަރު ބޯޑުން އެމީހުންނަށް އިންސާފު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އަދި ގާނޫނާއި ސެންސަރު ބޯޑުގެ އެއްބާރުލުމާއެކު އެމީހުންގެ ފިލްމު ރިލީޒްކުރުމުގެ މަގެއް ވީހާވެސް އަވަހަކަށް ފަހިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އިންޑިއާގެި ހިނގާފައި ހުރި ތާރީހީ ވާހަކަތައް މުޅި ދުނިޔެ އަށް ގެނެސްދޭން އަހަރުމެން އަތުކުރި އޮޅާލައިގެން މިތިބ. ހުރިހާ ފަރާތްތަކެއް އެއްބާރުލުމާއެކު ފިލްމު ރިލީޒްކުރާނެ ތާރީހު ވަރަށް އަވަހަށް އިއުލާންކުރާނަން، " ވިއަކޮމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސެންސަރު ބޯޑަށް މި ފިލްމު ފާސްކުރަން މިދިޔަ ހަފްތާގައި ހުށަހެޅިއިރު ބައެއް ޑޮކިއުމަންޓްތައް މަދުވެގެން ވަނީ ބޯޑުން ބޭރުކޮށްލާފަ އެވެ. އަލުން ފިލްމު ފާސްކުރަން ލާނެ ދުވަހެއް އަދި ހާމަކޮށްފައެއްނުވެ އެވެ.
ސެންސަރު ބޯޑުގެ ޗީފް ޕްރަސޫން ޖޯޝީ ވަނީ ސެންސަރު ބޯޑަށް ފިލްމު ދެއްކުމުގެ ކުރިން ފިލްމު ބައެއް މީޑިއާގެ ފަރާތްތަކަށް ފިލްމު އުފެއްދި ފަރާތުން ދައްކާފައިވާތީ އެކަމާ ގުޅިގެން ފާޑުކިޔާފަ އެވެ.
އިންޑިއާގެ އެކި ކަންކޮޅުތަކުގައި މި ފިލްމު ރިލީޒްކުރުމާ ދެކޮޅަށް މުޒާހަރާކުރަމުން އަންނައިރު، ބަންސާލީ އާއި ދިޕިކާގެ ބޯ ބުރިކޮށްގެން ގެނެސްދިން މީހަކަށް ފަސް މިލިއަން އިންޑިއާ ރުޕީޒް ދޭނެކަމަށް ކަރްނީ ސެނާއިން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން މުމްބައި ފުލުހުން ވަނީ ބަންސާލީ އާއި ދިޕިކާގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.
"ޕަދްމާވަތީ" އަށް ކަރްނީ ސެނާގެ ފަރާތުން ފިއްތުންތައް ކުރިމަތިވަމުން އަންނަނީ ފިލްމުގެ ޝޫޓިން ފެށި ހިސާބުން ފެށިގެންނެވެ. މިދިޔަ މާޗް މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ރާޖްޕުތްގައި ފަށަން ގޮސް އުޅެނިކޮށް އެ ގްރޫޕުން ވަނީ ފިލްމުގެ ސެޓަށް ވަދެ ބަންސާލީގެ ގައިގައި ތަޅައި ސެޓާއި ބައެއް ސާމާނުތައް ހަލާކުކޮށްލާފަ އެވެ.
އޭގެފަހުން ފިލްމުގެ ޝޫޓިން ކޯލާޕޫރްގައި ކުރިއަށް ދަނިކޮށް ވަނީ ކޮސްޓިއުމްތަކެއް ބަހައްޓާފައި ހުރި ޓެންޓްތަކަށް ޕެޓްރޯލް ބޮން އަޅައި ރޯކޮށްލާފަ އެވެ. އެ ފަހަރު ޝޫޓިން އަށް ބޭނުންކުރަން ހުރި ހުރިހާ ކޮސްޓިއުމްތައް ވަނީ އަނދައި އަޅިއަށް ވެފަ އެވެ.
ކަރްނީ ސޭނާ ކިޔާ ގްރޫޕަކުން މި ފިލްމާ ދެކޮޅުވެރިވެގެން އުޅެނީ "ޕަދްމާވަތީ" ގެ ތާރީޚީ ހަގީގަތްތައް އޮޅުވާލާފައިވާ ކަމަށާއި ރާނީ ޕަދްމިނީއާ ގުޅޭ ދޮގު ވާހަކަތަކެއް ފިލްމުގައި ހިމަނާފައިވާ ކަމަށް ބުނެ އެވެ
"ޕަދްމާވަތީ" އާ ދެކޮޅަށް ކަރްނީ ސެނާއިން މުޒާހަރާކުރަމުން އަންނައިރު މުޅި ބޮލީވުޑް އަންނަނީ މި ފިލްމާ އެއްކޮޅަށް އަޑު އުފުލަމުންނެވެ.
ރާނީ ޕަދްމިނީގެ ރޯލުން ދިޕިކާ ޕަދުކޯން ފެނިގެންދާއިރު، އޭނާގެ ފިރިމީހާގެ ރޯލުން ފެނިގެންދަނީ އެކްޓަރު ޝާހިދު ކަޕޫރެވެ. އަދި ރަންވީރު ސިންގް ފެނިގެންދަނީ ދިޕިކާއާ ހެދި މޮޔަވެފައި ހުންނަ ރަސްކަލެއް ކަމަށްވާ އަލާއުއްދީން ޚިލްޖީގެ ރޯލުންނެވެ.