ބޮލީވުޑް

ލޯބީގެ ފިލްމު ކުޅުން ރަންބީރު ހުއްޓާލީ

Nov 23, 2017

ބަތަލާ ކެޓްރީނާ ކައިފްއާ ރުޅިވިފަހުން އެކްޓަރު ރަންބީރު ކަޕޫރު ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭ ކަމަކަށްނުވެ އެވެ. ދޭތެރެއަކުން ރަންބީރު އަންހެން ކުއްޖަކާ ގުޅިގެން އުޅޭކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް އެ ވާހަކަތަކުގެ މާބޮޑު ހަގީގަތެއް ނޯވެ އެވެ. މިފަހަރު ދައްކަން މިއުޅެނީ ރަންބީރުގެ ހަޔާތަށް އާ ލޯބިވެރިޔަކު އައި ވާހަކައެއް ނޫނެވެ.

ދެން އެންމެ އަވަހަށް ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމުން ފެނިގެންދާ ރަންބީރު ވަނީ ލޯބީގެ ފިލްމުތައް ކުޅުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފަ އެވެ.

މިހާރު ރަންބީރު ތައްޔާރުވަމުން އަންނަނީ ސުޕަހީރޯއެއްގެ ރޯލު ކުޅޭ "ބްރަހްމަސްތްރަ" ކިޔާ ފިލްމެކެެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކޮށް، ރަންބީރާ އެކު ބަތަލާގެ ރޯލުން އާލިއާ ބަޓް ފެނިގެންދާ އެ ފިލްމުގައި އޭނާ ފެނިގެންދާނީ ވަރަށް ތަފާތު ރޯލަކުންނެވެ.

އިތުރު ލޯބީގެ ފިިލްމެއް ނުކުޅެން ރަންބީރު ނިންމީ ޖުލައި މަހު ނިކުތް ރޮމޭންޓިކް ކޮމެޑީ ފިލްމު "ޖައްގާ ޖާސޫސް" ފްލޮޕްވުމާ ގުޅިގެންނެވެ.

ރަންބީރު ގާތްފަރާތަކުން ބުނެފައިވާ ގޮތުގައި "ޖައްގާ ޖާސޫސް" ފްލޮޕްވުމުން އޭނާ އަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނެވެ. އެހެންވެ އޭނާ ވަނީ ކުރިއަށް އޮތް ތަނުގައި ލޯބީގެ ފިލްމުތައް ކުޅުން މަޑުޖައްސާލައި، ތަފާތު އެެހެނިހެން ރޯލުތަކުގެ ފިލްމުތައް ކުޅެން ނިންމާފަ އެވެ. އެގޮތަށް ނިންމީ އެހެންކަހަލަ ރޯލުތައް ކުޅެން ހުށަހެޅުން ލިބުން ކުރިއަށް އޮތްތާ ހުއްޓިދާނެތީ އެވެ.

އަދި އޭނާގެ އެންމެ ވާދަވެރި ތަރިން އޭނާ އަށް ވުރެ ކުރިއަށް އަރައި ގޮސްދާނެ ކަމުގެ ބިރަށެވެ.

މިފަހުން ކުޅެން ލިބުނު ލޯބީގެ ދެ ފިލްމެއް ރަންބީރު ވަނީ ދޫކޮށްލާފަ އެވެ. އެ ފިލްމުތަކުން ހުށަހެޅުން ދިން ޑައިރެކްޓަރުން ކުރެން އޭނާ ވަނީ ތަފާތު ރޯލެއް ދެއްކޭނެ ސްކްރިޕްޓަކާ އެކު އޭނާ ކައިރިއަށް އަލުން އައުމަށް އެދިފަ އެވެ.

ދެހާސް ހަތް ވަނަ އަހަރު "ސާވަރިޔާ" އިން ބޮލީވުޑަށް ނިކުތް ރަންބީރުގެ ދިހަ އަހަރުވީ ފިލްމީ ކެރިއަރުގައި އޭނާ ގިނައިން ކުޅެފައިވަނީ ލޯބީގެ ފިލްމުތަކެވެ.