ދައުލަތުގެ ބަޖެޓް

ދަރަނި ބޮޑުވެ، ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ: އެމްއެމްއޭ

Nov 20, 2017
13

ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރުމަށް ބޭރުން ދޭ ލޯނުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ކަމަށާއި އޭގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި ދަރަނި ބޮޑުވެ، ދައުލަތުގެ ރަސްމީ ރިޒާވުން ބޮޑު ބައެއް ހޭދަވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާ ބެހޭ ގޮތުން އެމްއެމްއޭއިން ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ލިޔުމުން ފޮނުވި ލަފާގައިވާ ބުނެފައި ވަނީ މި އަހަރުން ފެށިގެެން ބަޖެޓް ފައިނޭންސް ކުރުމަށް ޑޮމެސްޓިކް މާކެޓުން ހޯދޭ މިންވަރު ދަށްވެ، ބޭރުގެ ފައިނޭންޝިއަލް މާކެޓުތަކަށް ބަރޯސާވެފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ނަގާ ލޯނުތަކާއެކު ޖީޑީޕީގެ ނިސްބަތުން ދަރަނި ވެސް އިތުރު ވަމުންދާ ކަމަށެވެ.

އެގޮތުން 2016 ވަނަ އަހަރު ނިމުން އިރު ބޭރުގެ ދަރަނި 760.4 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި މި އަހަރު ނިމޭ އިރު 11 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ލަފާ ކުރާ ގޮތުން އަހަރު ނިމޭއިރު 1.4 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އޭގެ ސަބަބުން ރަސްމީ ރިޒާވުން ކުރިޔަށް އޮތް ތަނުގައި ބޮޑު އަދަދެއް ހޭދަވާނެ ކަމަށެވެ.

އެމްއެމްއޭއިން ބުނީ 2016 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ޑެފިސިޓްއަށް 3.4 ބިލިއަން ރުފިޔާ އަންދާޒާ ކުރި ނަމަވެސް އެ އަދަދު 67 ބިލިއަން ރުފިޔާއަށް މިހާރު މަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެ އަހަރު ބަޖެޓު ޑެފިސިޓް އިތުރުވުމަށް މެދުވެރިވީ ސަބަބު ދެނެގަނެވި، އެކަންކަން ހައްލު ނުކުރެވިއްޖެ ނަމަ މި އަހަރާއި އަންނަ އަހަރަށް ލަފާކޮށްފައިވާަ ބަޖެޓް ޑެފިސިޓް މިހާރު ލަފާކޮށްފައިވާ މިންވަރަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށެވެ.

ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް ބޮންޑާއި ޓްރެޝަރީ ބިލް އަދި ލޯނު ހޯދަމުންދާ އިރު އޭގެ ބޮޑު ބައެއް ހިއްސާ ކުރަނީ ވިޔަފާރި ބެންކުތައް ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ވިޔަފާރި ބެންކުތަކުން ޓްރެޝަރީ ބިލަށް އިންވެސްޓުކޮށްފައިވާ އަދަދު 2.3 ބިލިއަން ރުފިޔާއިން ދަށްވެފައިވާ ކަމަށާއި އޭގެ ސަބަބުން އަންނަ އަހަރު ޑޮމެސްޓިކް މާކެޓުން ޓްރެޝަރީ ބިލާއި ލޯން ފަދަތަކެތިން ޑެފިސިޓް ފޫބެއްދުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރެ އެވެ.

މަރުކަޒީ ބެންކުން އިތުރަށް ބުނެފައި ވަނީ 2016 ވަނަ އަހަރު ބަޖެޓް ޑެފިސިޓް އުފެއްދުންތެރިކަން ހުރީ ނިސްބަތުން 10.4 ގައި ކަމަށެވެ. އެހެންކަމުން މި އަހަރާއި އަންނަ އަހަރުވެސް އެ މިންގަޑުތަކުގެ ތެރޭގައި ޑެފިސިޓް ނުހިފެހެއްޓިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.