ހަބަރު

ސަރުކާރުގެ މައުލޫމާތުތައް ތޮއްޔިބަށް ދޭ ބަޔަކު ފުލުހުން ހޯދަނީ

Nov 20, 2017
3

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ޓްވިޓާ އާއި ސޯޝަލް މީޑިއާގައި ސަރުކާރާ ގުޅޭގޮތުން ހާމަ ކުރަމުންދާ މައުލޫމާތުތައް އޭނާއަށް ފޯރުކޮށްދެނީ ކޮން ބައެއްތޯ ބެލުމަށް ތޮއްޔިބުގެ ފޯނު ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފި އެވެ.

ތޮއްޔިބު ބޭނުންކުރާ ނަމްބަރުތަކާއި އެ ނަމްބަރުތަކުގެ ކޯޑްތަކާއި އޭނާ ބޭނުންކުރާ ނަމްބަރުތައް މެދުވެރިކޮށް ކުރާ މުއާމަލާތްތަކާއި ލެޕްޓޮޕް އަދި ޓެބްލެޓް ފަދަ ތަކެތިން ކޮށްފައިވާ އެންމެހާ މުއާމަލާތްތަކެއް ހޯދާ ގޮތަށް މި މަހުގެ 11 ވަނަ ދުވަހު ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ދިން އަމުރުގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާ މެދު ހަގީގަތާ ހިލާފު ވާހަކަތައް އޭނާގެ ޓްވިޓާ މެދުވެރިކޮށް ހާމަކުރަމުން އަންނާތީ އެ މައުލޫމާތުތައް އޭނާއަށް ދޭ ބަޔަކު ހޯދުމަށް ކަމަށެވެ.

އެ އަމުރު ނެރުމަށް ފުލުހުން އެދުނީ ފުލުހުންގެ އިދާރާއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އަދި މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ތޮއްޔިބުގެ ފޯނާއި ލެޕްޓޮޕް އަދި ޓެބްލެޓް ފަދަ ތަކެއްތި ހިފަހައްޓާނެ އެވެ. ފުލުހުން މިހާރު ވަނީ އޭނާގެ ފޯނު ހިފަހައްޓައިފަ އެވެ.

ތޮއްޔިބު މީގެ ކުރިން ޓްވިޓާގައި އާންމު ކުރި މައުލޫމާތުތަކަކާ ގުޅިގެން އޭނާ ވަނީ ހައްޔަރުކޮށް ތަހުގީގެއް ވެސް ހިންގައިފަ އެވެ. ތޮއްޔިބަކީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށްވާ އިރު އޭނާ އަންނަނީ ސަަރުކާރަށް ތުހުމަތުވާ ކޮރަޕްޝަންގެ އަމަލުތައް ހާމަކުރުމުގެ އިތުރަށް އެހެން ވެސް ގޮތްގޮތުން ސަރުކާރަށް އެކި ކަންކަމުގައި ޓްވިޓާގައި ފާޑުކިޔަމުން އެވެ.