އެކްސިޑެންޓް

ފުވައްމުލަކުގައި އެކްސިޑެންޓެއްވެ ކުއްޖަކު މަރުވެއްޖެ

  • މަރުވީ 17 އަހަރުގެ ކުއްޖެއް
  • ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ
  • އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސަކަތް ދަނީ ކުރަމުން

ދެކުނުގެ ފުވައްމުލަކު ސިޓީގައި މިރޭ ސައިކަލްތަކެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކު މަރުވެއްޖެ އެވެ. މި އެކްސިޑެންޓްގައި މަރުވީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ މަރުވި އިރު އިތުރު ބަޔަކަށް ވެސް ވަނީ ސީރިއަސް އަނިޔާތައް ވެފަ އެވެ.

އެ އެކްސިޑެންޓް ހިނގީ ފުވައްމުލަކު ލިންކް ރޯޑް، ނުވަތަ ތާރު އެޅި މަގުން އެއާޕޯޓް ސަރަހައްދުގައި މިރޭ 7:00 އެހާކަންހާއިރު އެވެ.

އެ އެކްސިޑެންޓް މެދުވެރިވެގެން އައީ އެކީގައި ދުއްވާފައި ދިޔަ ތިން ސައިކަލްގެ ތެރެއިން އެއް ސައިކަލް ކޮންޓްރޯލް ނުވެ ކައްސާލައިގެން ދިއުމުގެ ސަބަބުންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވީ އޭގެ ތެރެއިން ދެ ސައިކަލް ކަމަށާއި އަދި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. ސީރިއަސް އަނިޔާތައް ލިބިފައި ވަނީ 19 އަހަރުގެ ކުއްޖަކަށާއި 16 ކުޑަ ފިރިހެން ކުއްޖަކަށެވެ. އެ ދެ މީހުންގެ ފައި ބިންދައިގެން ދިއުމުގެ އިތުރުވެސް ބޮޑެތި ޒަހަމްތައް ލިބިފައިވާއިރު ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ.