ރިޕޯޓް

ޓެކުހުގެ ނިޒާމަށް ބަދަލެއް: ކުދި ވިޔަފާރިއަށް ބުރައެއް!

  • ޖީއެސްޓީ ތްރެޝްހޯލްޑް އުވާލަން ވަނީ ހިމަނާފައި
  • ބީޕީޓީ ގާނޫނަށްވެސް އިސްލާހުތަކެއް ގެންނާނެ
  • ފިޔަވަޅުތަކުގެ ބޭނުމަކީ އާމްދަނީ އިތުރު ކުރުން

އާމްދަނީ އިތުރު ކުރުމަށް އަންނަ އަހަރު ބަޖެޓުގައި ސަރުކާރުން ޓެކުހުގެ ނިޒާމަށް މުހިންމު ބައެއް ބަދަލުތައް ގެންނަން ހުށަހަޅާފަ އެވެ. މާލީ ވަޒީރު، އަހުމަދު މުނައްވަރު އެކަން ވަނީ އިއުލާނު ވެސް ކުރައްވާފަ އެވެ. މިގޮތުން، ގެންނަ އެއް ބަދަލަކީ މުދަލާއި ހިދުމަތުގެ އަގު ނަގާ ޓެކްސް ޓެކްސް (ޖީއެސްޓީ) ގައި މިހާރު ހިމަނާފައިވާ ރެޖިސްޓްރޭޝަން ތްރެޝްހޯލްޑާއި ބަޔާން ހުށަހަޅާ ތްރެޝްހޯލްޑް އުވައިލުމެވެ. އަނެއް ބަދަލަކީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) ގާނޫނަށް އިސްލާހު ގެނައުމެވެ. ސުވާލަކީ މި ބަދަލާއެކު ފެންނާނީ ކޮންކަމެއް ހެއްޔެވެ؟ މިކަމުން ނުކުންނާނެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

"މިހާރު ވެސް ކުދި ވިޔަފާރި ތަކަށް [ހާއްސަކޮށް އަތޮޅުތަކު] ގެ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޓެކްސް ދެއްކުމަށް ވުރެ ބޮޑަށް ވިޔަފާރީގެ ހިސާބު ކިތާބު ބެލެހެއްޓުން. މި ބަދަލުގެ ސަބަބުން އެންމެ ބޮޑު މައްސަލައެއް ދިމާވާނީ މިކަންތައް،" ވިޔަފާރި ހިންގުމާ ގުޅޭ ގޮތުން ގިނަ ކުންފުނިތަކަށް ލަފާދޭ، އެފްޖޭއެސް ކޮންސަލްޓިންގެ، ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހާމިދު ސޯދިގު ވިދާޅުވި އެވެ.

ޓެކުހުގެ ނިޒާމަށް ގެންނަން ނިންމާފައިވާ މި ބަދަލުގެ ތެރެއިން، ރެޖިސްޓްރޭޝަން ތްރެޝްހޯލްޑާއި ބަޔާން ހުށަހަޅާ ތްރެޝްހޯލްޑް އުވާލުގެ ނަތީޖާއަކީ ރާއްޖޭގެ ހުރިހާ ވިޔަފާރިތަކެއް ވެސް ޖީއެސްޓީ ބަޔާން ހުށަހަޅަން ޖެހުމެވެ. އަދި ޖީއެސްޓީ އަށް ރަޖިސްޓްރީ ވެސް ކުރަން ޖެހިގެން ދިއުމެވެ. މި ބަދަލާއެކު ސަރުކާރުން ބުނެފައިވަނީ ޖީއެސްޓީގެ އާމްދަނީ 20 ޕަސެންޓް އިތުރު ވެގެންދާނެ ކަމަށެވެ.

މިހާރު ވެސް ކުދި ވިޔަފާރި ތަކަށް [ހާއްސަކޮށް އަތޮޅުތަކު] ގެ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޓެކްސް ދެއްކުމަށް ވުރެ ބޮޑަށް ވިޔަފާރީގެ ހިސާބުކިތާބު ބެލެހެއްޓުން. މި ބަދަލުގެ ސަބަބުން އެންމެ ބޮޑު މައްސަލައެއް ދިމާވާނީ މިކަންތައް
އެފްޖޭއެސް ކޮންސަލްޓިންގެ، ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހާމިދު ސޯދިގު

މިހާރު ޖީއެސްޓީ ގާނޫނު އޮތް ގޮތުން، ޖީއެސްޓީ އަށް ރަޖިސްޓްރީ ކުރަން ޖެހޭނީ، އެއް އަހަރު ތެރޭގައި ވިއްކި މުދާލާއި ފޯރުކޮށްދިން ހިދުމަތްތަކުގެ ޖުމްލަ އަގު އެއް މިލިއަން ރުފިޔާ އަށް ވުރެ އިތުރުވާ ފަރާތްތަކަށެވެ. މިއީ ޖީއެސްޓީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ދީފައިވާ ތްރެޝްހޯލްޑެވެ. ނަމަވެސް އަންނަ އަހަރު ގެންނަން ހުށަހަޅާފައިވާ ބަދަލުގެ ސަބަބުން މި އިސްތިސްނާ އުވިގޮސް ހުރިހާ ވިޔަފާރިތަކުން ވެސް ބަޔާން ހުށަހަޅަން ޖެހޭނެ އެވެ. މި ބަދަލުން ބޮޑެތި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާކަބޮޑު ކަމެއް ފާހަގައެއް ނުކުރެވޭނެ އެވެ. ނަމަވެސް އެންމެ ކުދި ވިޔަފާރިއަށް ގޮންޖެހުން ބޮޑު ކަމަކަށްވާނެ އެވެ.

މި ބަދަލު ގެންނަ ހިސާބުން ފެށިގެން ކުދި ވިޔަފާރިތަކަށް ޖީއެސްޓީ ހިސާބުތައް ހުށަހަޅަން ޖެހޭނެ އެވެ. މިސާލަކަށް ބުނާނަމަ، މަހަކު 4،000ރ. ލިބޭ ކަންމަތީ ވިޔަފާރި އަކުން ވެސް ބަޔާން ހުށަހަޅައި، ރަޖިސްޓްރީ ކުރަން މަޖުބޫރު ވެގެންދާނެ އެވެ. މިއީ އާއިލީ ވިޔަފާރިއެއް ނުވަތަ އެންމެ މީހަކު ކުރާ ކުޑަ ވިޔަފާރި އަކަށް ދިމާވާނެ ބޮޑު ގޮންޖުމަށްވާނެ އެވެ. ސަބަބަކީ ޓެކުހުގެ ބަޔާން ހުށަހެޅުން ފަދަ ކަންތައްތަކަކީ ނިސްބަތުން އަގު ބޮޑު މަސައްކަތަކަށްވުމެވެ. އެކަމުގެ މަސައްކަތުގެ އަގު ބޮޑުވުމެވެ.

ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި މި ބަދަލާއެކު ކުދި ވިޔަފާރިތައް ހުއްޓުމަކަށް އަންނާނެ އެވެ.

"ކުދި ވިޔަފާރިތަކުގައި މި ވަރުގެ މަސައްކަތް ކުރާނެ ކެޕޭސިޓީއެއް ނުހުންނާނެ. ކޮންމެ ރަށެއްގައި މިކަމުގެ [ޓެކުހު] ގެ ފަންނީ މީހުންނެއް ވެސް ނުތިބޭނެ. އެހެންވެ މިވާނީ ބޮޑު މައްސަލައަކަށް،" ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަމުން ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކުގައި މި ވަރުގެ މަސައްކަތެއް ކުރާނެ ކެޕޭސިޓީއެއް ނުހުންނާނެ. ކޮންމެ ރަށެއްގައި މިކަމުގެ [ޓެކުހު] ގެ ފަންނީ މީހުންނެއް ވެސް ނުތިބޭނެ. އެހެންވެ މިވާނީ ބޮޑު މައްސަލައަކަށް
ވިޔަފާރިވެރިއެއް

ތްރެޝްހޯލްޑް އުވާލުމާއެކު ޓެކުހުގެ ނިޒާމަށް ގެންނަ ބަދަލުގެ މައްޗަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު ނަސީރު ވެސް ވަނީ އަލިއަޅުއްވައި ރައްޔިތުން މަޖިލިހަށް ޕްރޮފެޝަނަލް އޮޕީނިއަނެއް ވެސް ދެއްވާފަ އެވެ.

ގަވަރުނަރުގެ ނަސީރުގެ ލަފާގައިވާ ގޮތުން، އާމްދަނީ އިތުރު ކުރުމަށް ޓެކްސް ނިޒާމަށް ގެންނަ ބަދަލުތަކަށް އަހުލުވެރި ކުރުވުމަށް ވަގުތު ބޭނުންވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެކަމަށް އިތުރު ހަރަދުތަކެއް ހިނގާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައިވެ އެވެ.

"... މީގެ އިތުރުން، މިފަދަ ބަދަލުތަކެއް ޓެކުހުގެ ނިޒާމަށް ގެނައުމުގެ ކުރިން ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، މިކަމުން އިގްތިސާދަށް ކޮށްފާނެ އަސަރުތައް ދެކެގަތުން މުހިންމެވެ،" ގަވަނަރުގެ ލަފާގައިވެ އެވެ.

މީގެ އިތުރުން ކުދި ވިޔަފާރިތަކަށް ދިމާވާނެ އަނެއް ގޮންޖުމަކީ ޖޫރިމަނާވުމުގެ ބިރު ބޮޑުވުމެވެ. ޓެކުހުގެ ބަޔާންތައް ހުށަހަޅުން ފަދަ ކަންތައްތަކީ އެކަމުގެ ހާއްސަ ތައުލީމާއި ހުނަރު ހުރި މީހުންނަށް ކުރެވޭ ޒާތުގެ ކަންތައްތަކެކެވެ. މިކަން ކުދި ވިޔަފާރިތައް އަމިއްލައަށްކޮށް ބަޔާން ހުށަހެޅުމުން ގާނޫނީ ގޮތުން "މަޅިއެއް" އެޅުމުގެ ފުރުސަތު ވެސް ކުޑައެއް ނުވާނެ އެވެ. އެއީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގޮސް ވިޔަފާރީގެ ހިސާބުތައް ހާވާލައި ބަލާއިރު ފަހަރުގައި މި މައްސަލަ ނުކުތުމުގެ ފުރުސަތު އޮންނާނެ އެވެ.

މިފަދަ ބަދަލުތަކެއް ޓެކުހުގެ ނިޒާމަށް ގެނައުމުގެ ކުރިން ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، މިކަމުން އިގްތިސާދަށް ކޮށްފާނެ އަސަރުތައް ދެކެގަތުން މުހިންމެވެ
ގަވަރުނަރު ނަސީރުގެ ލަފާ

ޓެކުހުގެ ނިޒާމަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އަނެއް ބަދަލަކީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގާނޫނު އިސްލާހު ކުރުމެވެ. ސަރުކާރުން އަންދާޒާ ކޮށްފައިވާ ގޮތުގައި މި ބަދަލުގެ ސަބަބުން ބީޕީޓީ ދައްކާ މީހުންގެ އަދަދު 39 ޕަސެންޓް އިތުރު ވެގެންދާނެ އެވެ. މީގެ ސަބަބުން މި އަހަރަށް ވުރެ އާމްދަނީ 836.8 މިލިއަން ރުފިޔާ އިތުރު ވެގެންދާނެ އެވެ. ސުވާލަކީ ބީޕީޓީން އާމްދަނީ އިތުރު ކުރެވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ އަނެއްކާ ސަރުކާރުން ބީޕީޓީގެ ގާނޫނަށް ގެންނަން އުޅެނީ ކޮން އިސްލާހެއް ހެއްޔެވެ؟ ބީޕީޓީގެ ރޭޓް ކުޑަ ކުރަނީ ހެއްޔެވެ؟

ބީޕީޓީ މިހާރު ދައްކަން ޖެހެނީ ޓެކްސް ބިނާކުރެވޭ ފައިދާ، އަހަރެއްގެ މައްޗަށް 500،000 ރުފިޔާ އަށް ވުރެ އިތުރުވާނަމަ އެ އިތުރުވާ އަދަދަކުންނެވެ.

ކުރިން ވާހަކަ ދެއްކެވި، އެފްޖޭއެސްގެ، ސީއީއޯ ހާމިދު ވިދާޅުވި ގޮތުގައި ބީޕީޓީ އަށް ގެންނަ ބަދަލު ސީދާ ނޭނގުނު ނަމަވެސް، މި ޓެކްސް އިތުރު ކުރެވޭނެ އެއް ގޮތަކީ "ތްރެޝްހޯލްޑް" ކަނޑައިލުން ނުވަތަ ބީޕީޓީ ދައްކަން ޖެހޭ އަދަދު ދަށް ކުރުން ކަމަށެވެ.

މި ދެ ބަދަލު ގެނައުން ވެސް ވެގެންދާނީ ކުދި ވިޔަފާރިތަކަށް އިތުރު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް، ވަޒީފާއެއްގައި އުޅޭ މީހަކު މަހަކު 30،000 ރުފިޔާ ލިބުނުނަަމަވެސް، އެ މީހެއްގެ ހަރަދުތައް ކަނޑާފައި ޓެކްސްއެއް ދައްކާކަށް ނުޖެހޭ. ނަމަވެސް ވިޔަފާރިއަކުން އެ އަދަދު 30،000ރ. ލިބޭނަމަ ހަރަދުތައް ކަނޑާފައި ބީޕީޓީ ދައްކަން ޖެހޭ. މިހެން ވެއްޖެނަމަވެސް ކުދި ވިޔަފާރިތަކަށް ބޮޑު މައްސަލަ ތަކެއް ދިމާވުމުގެ ފުރުސަތު ބޮޑު،" ހާމިދު ވިދާޅުވި އެވެ.

ކޮންމެއަކަސް އަންނަ އަހަރު މި ބަދަލުތައް ގެންނާނެ އެވެ. ދެން އޮތީ، ދުރާލާ ކުދި ވިޔަފާރިތައް ތައްޔާރު ކުރުމެވެ. އަދި މި ބަދަލު ގެނައުމުގެ ކުރިން ރަނގަޅަށް ދިރާސާ ކުރުމަކީ މުހިންމު ކަމެވެ.