ދުނިޔެ

އަސްކަރީ ހަރަކާތް ހުއްޓާލަން އަސަދާއެކު ޕުޓިން މަޝްވަރާކޮށްފި

އަސްކަރީ ހަރަކާތްތައް ހުއްޓާލައި، ސޫރިޔާއަށް ސިޔާސީ ހައްލެއް ހޯދަން މަސައްކަތް ކުރުމާ ބެހޭ ގޮތުން ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އާއި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު މަޝްވަރާ ކުރައްވައިފިއެވެ.

ސޫރިޔާ ހަނގުރާމައިގައި އަސަދަށް ވާގި ދިނުމަށް ހަނގުރާމައިގެ ގިނަ ޖަރީމާތަކެއް ރަޝިޔާއިން ވަނީ ހިންގާފައެވެ. އަސަދު ސަރުކާރުންް އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ތަކުރާރުކޮށް ކެމިކަލް ހަަތިޔާރު ބޭނުންކުރި މައްސަލަ އދ. އިން ބެލިޔަ ނުދީ ހިފެހެއްޓީވެސް ރަޝިޔާއިންނެވެ.

ރަޝިޔާއަށް ގެންދަވައިގެން އަސަދާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވަނީ ޓެރަރިޒަމާ ދެކޮޅަށް ސޫރިޔާގެ ސަރަހައްދުގައި ހިންގަމުން އައި އަސްކަރީ އޮޕަރޭޝަން މިހާރު ނިމެމުންދާ ކަމަށެވެ. ނަމަވެސް ޓެރަރިސްޓުންގެ މައްޗަށް ފުރިހަމަ ކާމިޔާބެއް ލިބުން އަދި އޮތީ ދުރުގައި ކަމަށާއި ދެން ހޯދަން ޖެހޭނީ ސިިޔާސީ ހައްލެއް ކަމަށް ވެސް އޭނާ ވިދާޅުވެގައި ވެއެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން މިއަދު ބުނީ އަސަދާއި ޕުޓިން ބައްދަލުކުރުއްވީ ކަޅުކަނޑުގެ ބްލެކްސީ ނަމަކަށް ކިޔާ ކަނޑުގެ އައްސޭރީގައިވާ ރަޝިޔާގެ ރިސޯޓެއް ކަމަށްވާ ސޯޗީގައި ހޯމަ ދުވަހުއެވެ. ނަަމަވެސް އަސަދު ރަޝިޔާއަށް ވަޑައިގެންނެވިކަން އިއްޔެގައި ހާމައެއް ނުކުރެއެވެ.

ސޫރިޔާއަށް ސިޔާސީ ހައްލެން ހޯއްދަަވަން އެގައުމުގައި ހިނގަމުންދާ ވަރުގަދަ ހަނގުރާމައިގައި ބައިވެރިވާ ގައުމުތައް ކަމަށްވާ ތުރުކީއާއި އީރާނާއި އެހެން ދެގައުމެއްގެ ލީޑަރުންނާ ވެސް ޕުޓިން ބައްދަލުކުރާނެއެވެ.

ސޫރިޔާ ހަނގުރާމައަށް ހަ އަހަރަށް ވުރެ ގިނަ ދުވަަސް ވެފައިވާއިރު އެހަނގުރާމައިގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ބައި މިލިޔަނަށް ވުރެ މަތިވެފައެވެ. އެ ހަނގުރާމައަކީ ދާހިލީ ހަނގުރާމައެއް ކަމަށް ބައިނަލް އަގުވާމީ މުޖުތަމައުން ސިފަކުރި ނަމަވެސް ، އެހަނގުރާމައިގައި އެމެރިކާ، ރަޝިޔާ، ތުރުކީ އަދި އީރާނުން ވަނީ ސީދާ ގޮތެއްގައި ބައިވެރިވެފައެވެ.