ހަބަރު

"ހިޔާ" މަޝްރޫއަކީ އިންތިހާބަށް ދައްކާ ހުވަފެނެއް: އެމްޑީޕީ

Nov 21, 2017
11

އެއް ލައްކަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ބުނެ ސަރުކާރުން ބިންގާ އަޅާފައިވާ "ހިޔާ" މަޝްރޫއަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ދައްކާ ހުވަފެނެއް ކަމަށާއި އެ ހިޔާލީ ވާހަކަތަކުގައި ރައްޔިތުން ނުޖެހުމަށް އިދިކޮޅު އެމްޑީޕީން އެދެފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުގެ ސަރުކާރުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި މުހައްމަދު އަސްލަމް ވިދާޅުވީ، ރައްޔިތުން ގެދޮރުވެރި ކުރުމަށް މި ސަރުކާރަށް މިހާތަނަށް ހިންގިފައި ވަނީ އެމްޑީޕީ ސަރުކާރުން ފަށާފައިވާ ޓާޓާ ފްލެޓުތަކުގެ މަޝްރޫ އާއި ހުޅުމާލޭގައި އަޅާފައި ހުރި ފްލެޓުތަކެއްގެ މަޝްރޫއު ކަމަށާއި އެ މަޝްރޫއުތައް ވެސް އެކަށީގެންވާ ފެންވަރެއްގައި ކުރިޔަށް ގެންދެވިފައި ނުވާ ކަމަށެވެ. އަދި އެގޮތަށް އޮވެފައި ރިޔާސީ އިންތިހާބާ ދިމާކޮށް ކުއްލިއަކަށް އެއްލައްކަ މީހުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދެވޭނެ މަޝްރޫއެއް އިއުލާން ކުރުމަކީ ގަބޫލު ކުރެވޭ ވާހަކައެއް ނޫން ކަމަށާއި އެއީ އިންތިހާބަށް ރައްޔިތުންނަށް ދައްކާ ހުވަފެނެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ރައީސް ޔާމީން އަމިއްލައަށް އެކުލަވާލާ ފައްޓަވައި އަދި ނިންމި އެއްވެސް ހައުސިން މަޝްރޫއެއް މި ހަތަރު އަހަރު ނިމިގެން ދިޔަ އިރުވެސް ނެތް، ދެން ވެރިކަން ނިމި އާ ދައުރަކަށް ކުރިމަތިލާން ނިންމަވާފައި ހުންނަވައިގެން އެއްލައްކަ މީހުންނަށް ފްލެޓު ލިބޭ މަޝްރޫއެއް އިއުލާން ކުރީމަ މިކަން ވަނީ އިންތިހާބަށް ވެވަޑައިގަންނަވާ ހުސް ވައުދެއްގެ ގޮތުގައި، އަޅުގަނޑުމެންނަށް މި ބަލައިގަނެވެނީ އިންތިހާބަށް ދައްކާ ހުވަފެނެއް ގޮތުގައި،" އަސްލަމް ވިދާޅުވި އެވެ. "އަޅުގަނޑަށް ޔަގީން ކަން އެބައޮތް އަންނަ އަހަރު މި ޓަވަރުތައް އަޅާ ބިން ހުސް ކުރާނެކަން، އަދި މީހުންނަށް ލިޔުންތައް ވެސް ދޭނެ، ނަމަވެސް އެ އޮންނާނީ އެވަރަށް ހުއްޓިފައި،"

ހިޔާ މަޝްރޫއާ ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 36 ޓަވަރުގައި 10،080 ހައުސިން ޔުނިޓް އަޅާނެ އެވެ. އަދި އެ ޓަވަރުތައް އަޅާނި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ކަމަށާއި ކުންފުނިތަކުގެ މުއައްޒިފުންނަށް އެ ފްލެޓުތައް ލިބޭނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީން ވަނީ އެކަމާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަސްލަމް ވިދާޅުވީ ސަރުކަރުގެ ގިނަ ކުންފުނިތަކަކީ ރައްޔިތުންނަށް އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނިތަކެއް ކަމަށާއި އެތަންތަނާ ނުގުޅޭ މަސައްކަތްތަކެއް ހަވާލުކޮށްގެން އެ ހިދުމަތްތަކަށް ބުރޫއަރާފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި އެކަމަކީ ދެކޮޅު ނުޖެހޭ ކަމަށާއި އެ ކުންފުނިތަކަށް އެފަދަ މަޝްރޫއެއް ހިންގުމުގެ ގާބިލުކަން ހުރި ކަމާ މެދުވެސް ސުވާލު އުފެދޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެއްވެސް ކުންފުންޏަކީ ހުރިހާ ކަމެއް އެތަނަކުން ކުރެވޭނެ ތަނެއް ނޫން، އެހެންވެ ބަހާލެވިފައި އެކި މީހުންނަށް އެކި ކަންކަން ހަވާލު ކުރެވިފައި މި ހުންނަނީ ވެސް، ސަރުކާރުގެ އޮވޭ ބޯހިޔާވެހިކަަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެއް، އެއީ ހުޅުމާލޭ ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެހެން ނޫނީއާ ސަރުކާރުގެ ނޯވޭ އެކަހަލަަ ކުންފުންޏެވެ،" އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީން މިހެން ބުނި ނަމަވެސް ސަރުކާރުން ބުނެފައި ވަނީ 2019 ގައި ހިޔާ މަޝްރޫއު ނިންމާލެވޭނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ބައެއް ނިމި އަންނަ އަހަރުގެ ތެރޭގައި ވެސް ބައެއް މީހުންނަށް ގެދޮރު ލިބޭނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.