ދަރިންގެ ކަންކަން ހުންނަ ގޮތުން ބައެއް ފަހަރަށް ރުޅިއައިސް އެކުދިންނާއި ދިމާލަށް ހަޅޭލައްވާ ޖެހުންފަދަ އަނިޔާ ކުދިންނަށް ދެވޭ ފަހަރު އާދެ އެވެ. ފަހަރުގައި މިއީ މައިންބަފައިން އެކުދިން ރަނގަޅު ކުރުމަށް ނުވަތަ އެކުރާ ގޯސްކަމެއް ހުއްޓުވޭނީ މިފަދަ އަދަބެެއް ދިނުމުން ކަމަށް ގަބޫލު ކުރެވިގެން ކުރާ ކަމަކަށް ވެސް ވެދާނެ އެވެ.
ނަމަވެސް ދިރާސާ ތަކުން ދައްކާ ގޮތުން ދަރިންނަށް އަނިޔާކޮށްގެން އަދަބު ދިނުމަކީ އެކުދިންގެ އަޚުލާގަށް ބަދަލު އަންނާނެ ކަމެއް ނޫނެވެ. އަދި އެގޮތަށް އަދަބު ދިނުމަކީ ދަރިން އިސްލާހު ވުމުގެ ބަދަލުގައި އެކުދިންގެ އުޅުން އިތުރަށް ގޯސްވާ ސަބަބެއް ކަމަށް ވެއެވެ.
ޖާނަލް ސައިކޮލަޖިކަލް ސައިންސްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ކުދިންގެ އަހުލާގަށް ބަދަލު އަންނަނީ ބެލެނިވެރިން ނުވަތަ އެކުއްޖާ އެ އުޅޭ މާހައުލެއްގެ ސަބަބުން ކަމަށެވެ. ހާއްސަކޮށް ކުދިންނަށް އަނިޔާކޮށް ހަދާނަމަ ކުއްޖާގެ އުޅުމަށް ބަދަލު އަންނަ ކަމަށެވެ.
އެގޮތުން ދަރިން ކުރާ ގޯސް ކަމަކާހެދި އެކަން ހުއްޓުވަން ބޭނުންވާނަމަ ކުއްޖާގެ އުމުރާ ގުޅޭ ގޮތުން އަދަބު ދޭން ދަސް ކުރާށެވެ. އެ އަދަބަކީ އެކުއްޖާއަށް ކުރެވުނު ގޯސްކަން އިހުސާސްވާ ކަހަލަ އަދަބަކަށް ވާންވާނެ އެވެ. އަދަބު ދިނުމުގެ ގޮތުން ތިން މިނެޓް ނުވަތަ ހަތަރު މިނެޓް ވަންދެން ތަނެއްގައި ބައިންދާށެވެ. އެތަނުން ދަރިފުޅު ތެދުވަން އުޅޭނަމަ ފައިނުޖެހޭ ތާކު ބައިންދާށެވެ. މިހެން ހެދުމުން ފަހުން ގޮނޑިއެއްގައި ވަކި އިރެއް ވަންދެން، ނުތެދުވާށޭ ބުނެ ބައިންދައިގެން ވެސް އަދަބު ދެވިދާނެ އެވެ. ނުވަތަ އެކަހެރިކޮށްފައި ކޮޅަށް ތަނެއްގައި ބަހައްޓާށެވެ.
މި ގޮތަށް އަދަބު ދޭއިރު އެ ދަބު ދޭންޖެހުނީ ކީއްވެކަން ބުނެދޭންވާނެ އެވެ. އަދި ކުއްޖާ ހަމައަކަށް އެޅުމުން ކުރެވުނު ކަންތައް ތަކުރާރު ނުކުރުމަށް ނަސޭހަތްދޭށެވެ. އަދި ގޯސްކަމެއް ބުނެދޭން ވާނެ އެވެ.
ކުދިން އެހެން ކުދިން ގައިގަ ތަޅާހަދާނަމަ ވެސް ވަގުތުން ފިޔަވަޅު އަޅަން ވާނެ އެވެ. ނޫންނަމަ ފަހުން އެކަން ހުއްޓުވަން އުނދަގޫވާނެ އެވެ. ނަމަވެސް ކުއްޖާ ޖެހުމުން އޭގެ ބަދަލުގައި އަދަބު ދިނުމުގެ ގޮތުން ކުއްޖާގައިގަ ތަޅާ އަނިޔާކޮށް ނަހަދާށެވެ. އޭގެ ބަދަލުގައި އެހެން ކުދިންނާއި ވަގުތުން އެކަހެރިކޮށް ދުރުގައި ބަހައްޓާށެވެ. އަދި ކުއްޖާ ހަމައަކަށް އެޅުމުން، ޖެހުމުން އެހެން ކުދިންނަށް ވެސް ތަދުވާނެ ކަމަށް ބުނާށެވެ.
ކަމެއް ގޯސްކޮށް ކުރުމުން ވަގުތުން ދަރިފުޅަށް އަދަބު ދިނުމަށްފަހު ނަސޭހަތް ދޭން އުޅޭނަމަ ކުއްޖާ އެވާހަކަ އަޑުނޭހުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން ދަރިފުޅު ހަމައަކަށް އެޅުމުން ނަސޭހަތްދޭން އާދަ ކުރަންވާނެ އެވެ.