ހަބަރު

ނާސިންގެ ޑިގްރީއާއެކު ވިލާއިން އާ ހަތަރު ކޯހެއް ފަށަނީ

ވިލާ ކޮލެޖުން މުޅިން އާ ހަތަރު ކޯހެއް ތައާރަފްކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން އަލަށް ފަށާ ހަތަރު ކޯސް އިފްތިތާހް ކޮށްދެއްވީ އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ. އަލަށް ތައާރަފް ކުރި ހަތަރު ކޯހުގެ ތެރެއިން ތިން ކޯހަކީ އެ ކޮލެޖްގެ އަމިއްލަ ތިން ކޯހެވެ. އެ ކޯސްތަކަކީ ބްޗްލާ އޮފް ޓީޗިން ދިވެހި ލެންގްއޭޖާއި މާސްޓަ އޮފް އެޑިއުކޭޝަންއިން ޓީޗިން އަދި މާސްޓާސް އޮފް އެޑިއުކޭޝަން އިން ލީޑާޝިޕް އެންޑް މެނޭޖްމަންޓް ކޯހެވެ. އަދި އިތުރަށް ތައާރަފް ކުރި ކޯހަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ބެޗްލާ އޮފް ނާސިން (އޮނަސް) އިންޓަނޭޝަނަލް (ޓޮޕްއަޕް) ކޯހެވެ.

ބެޗްލާ އޮފް ނާސިން ކޯހަކީ ނާސިންގެ ދާއިރާއިން ޑިޕްލޮމާ ފުރިހަމަކޮށް، މިހާރު ހިދުމަތުގައި ތިބި ނަރުހުންގެ އިމްލީ ގާބިލްކަން އިތުރުކޮށް މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ތައާރަފް ކޮށްފައިވާ ކޯހެކެވެ. ކޯހުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އަދި ކޯހުގެ ފީ އަކީ މަހެއްގެ މައްޗަށް 3950 ރުފިޔާ އެވެ.

ވިލާ ކޮލެޖުން އަލަށް ތައާރަފް ކުރި ކޯހުގެ ތެރެއިން ބެޗްލާ އޮފް ޓީޗިން ދިވެހި ލެންގުއޭޖް ކޯހަކީ ކިޔަވައިދިނުމުގެ ދާއިރާއަށް އަންނަ ކުރިއެރުމާއި ބަދަލުތަކާ އެއްގޮތަށް ދަރިވަރުންނަށް ކިޔަވައި ދިނުމަށް ޓީޗަރުން ތަމްރީނު ކުރުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ. ކޯހުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ. އަދި ކޯހުގެ ފީ އަކީ މަހެއްގެ މައްޗަށް 2999 ރުފިޔާ އެވެ. މި ކޯހަކީ ރާއްޖޭގައި މުޅިން އަލަށް ފަށާ ކޯހެކެވެ.

އަލަށް ފެށި ކޯހުގެ ތެރެއިން، މާސްޓަ އޮފް އެޑިއުކޭޝަންއިން ޓީޗިން ކޯހަކީ ޓީޗަރުންނަށް ކިޔަވައި ދިނުމުގެ ދާއިރާއިން އިތުރަށް ކުރިއަށް ދެވޭނެ ގޮތްތަކަށް ސަމާލުކަން ދީގެން ފަރުމާކޮށްފައިވާ ކޯހެކެވެ. އަދި މާސްޓާސް އޮފް އެޑިއުކޭޝަން އިން ލީޑާޝިޕް އެންޑް މެނޭޖްމެންޓް ކޯހަކީ ސުކޫލުތަކުގެ ހިންގުމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންގެ ގާބިލްކަން އިތުރުކޮށް ވަޒީފާގައި އިތުރަށް ކުރިއަށް ދިއުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ކޯހެކެވެ. މި ދެ ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. އަދި ދެ ކޯހުގެ ފީ އަކީ ކޮންމެ ކޯހަކަށް މަހެއްގެ މައްޗަށް 4950 ރުފިޔާ އެވެ.

ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް ވިދާޅުވީ، ވިލާ ކޮލުޖުން އަލަށް މިއަދު އިފްތިތާހް ކުރި ހަތަރު ކޯހުގެ ތެރެއިން ވިލާގެ ތިން ކޯސް ރާއްޖެ ތެރޭގައި ހުރި އެ ކޮލެޖްގެ ސެންޓަރުތަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ނާސިން ކޯސް ވެސް ރާއްޖެތެރޭ ހުރި އެ ކޮލެޖްގެ ސެންޓަރުތަކުގައި އަންނަ އަހަރު މޭ ނުވަތަ ސެމްޓެމްބަރު ހިސާބުގައި ފެށިގެންދާނެ ކަމަށް އަލީ ނަޖީބް ވިދާޅުވި އެވެ.

ވިލާ ކޮލެޖުން އަލަށް މިއަދު ފެށި ހަތަރު ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހު އެވެ. ކޯހުގައި ބައިވެރިވާން ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ މަހު 17 ދުވަހެވެ.