ހަބަރު

"ހިޔާ" މަޝްރޫއު 6.6 ބިލިއަން ރުފިޔާއަށް ޗައިނާ ކުންފުންޏަކަށް

Nov 21, 2017
10

އެއް ލައްކަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ބުނެ ސަރުކާރުން ބިންގާ އަޅާފައިވާ "ހިޔާ" މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާގެ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކަމަށާއި އެ ކުންފުނިން ބިޑް ކާމިޔާބުކޮށްފައި ވަނީ 434 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ)އަށް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިޔަށް ގެންދާ މި މަޝްރޫއާ ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫއުގެ ދަށުން އަޅަނީ 25 ބުރީގެ 16 ޓަވަރެވެ. ނަމަވެސް އެ މަޝްރޫއާ ގުޅޭ ގޮތުން ޗައިނާގެ ނޫސްތަކުގައި ބުނެފައި ވަނީ ރާއްޖޭގައި ކުރިޔަށް ގެންދަން އިއުލާން ކުރި އެންމެ ބޮޑު ހައުސިން މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާ ސްޓޭޓް ކޮންސްޓުރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށެވެ.

ސީއެސްސީއީގެ ޑިޒައިން ޑިރެކްޓަރާ ހަވާލާދީ އެ ނޫސްތަކުން ބުނާ ގޮތުން އެ މަޝްރޫއާ ގުޅޭ ގޮތުން ޗައިނާގެ ނޫހެއްގައި ބުނެފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޓަވަރުތައް ހުންނާނީ ޗައިނާގެ ކޮންސްޓްރަކްޝަން ފެންވަރަށް ކަމަށާއި ނަމަވެސް އަޅާނީ ދިވެހި ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ. އެގޮތުން 7000 އެޕާޓްމަންޓުތައް ހުންނަ ޓަވަރުތައް އަޅަނީ 450،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ކަމަށް ވެސް އެ ނޫސްތަކުގައި ބުނެފައިވެ އެވެ.

ހިޔާ މަޝްރޫއު ސަރުކާރުން ކުރިޔަށް ގެންދަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެގޮތުން ބޭރުގެ ދެ ކުންފުނި ހިމެނޭ ގޮތަށް 22 ކުންފުންޏެއް އެ މަޝްރޫއުގައި ބައިވެރިވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ އިއުލާން ކުރައްވައިފަ އެވެ.