މަދުން ނޫނީ ބޭރުތެރެއިން ނުފެން ބަތަލާ އައިޝްވާރިޔާ ރާއީ ބޭރު ތެރެއިން ފެނުމުން ޕަޕަރާޒީން ހީވަނީ ކެކި އަރައިގަންނަ ހެންނެވެ. އައިޝްވާރިޔާގެ ފޮޓޯއެއް އަތުލައިގަތުމަށް އޭނާ ވަށައި ޕަޕަރާޒީން ބޮނޑިވެގަތުމުން ކޮންމެ ފަހަރަކު އައިޝްވާރިޔާގެ ބޮޑީގާޑުން އޭނާ ހިމާޔަތްކުރެ އެވެ.
އައިޝްވާރިޔާގެ ބައްޕަ ކްރިޝްނަ ރާޖް ރާއީ ދުނިޔޭގައި ހުރިއިރު ވެސް ކޮންމެ އަހަރަކު އޭނާގެ އުފަންދުވަސް ފާހަގަކުރަނީ އުފެދުމުގައި އަނގަމަތީގެ އައިބު ހުންނަ ކުދިންނާ އެކު އެވެ. ސްމައިލް ޓްރެއިން ނަމުގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު 20 ވަނަ ދުވަހު ބާއްވާ އެ އިވެންޓުގައި ފުދުންތެރިކަން ނުހުންނަ އެތަކެއް ކުދިންގެ އޮޕްރޭޝަނަށް ފައިސާ ހަދިޔާކުރެ އެވެ.
މި އަހަރުގެ މާޗް މަހުގެ ތެރޭގައި ކްރިޝްނަރާޖް މަރުވި ނަމަވެސް ބައްޕަ ދުނިޔޭގައި ހުރިއިރު ވަރަށް ލޯބިން ކުރަމުން އައި ކަންތައް މި އަހަރު އައިޝްވާރިޔާގެ ބެލުމުގެ ދަށުން ކުރަން ނިންމީ އަނގަމަތީގައި އައިބު ހުރި 100 ކުއްޖެއްގެ އޮޕަރޭޝަން ސްޕޮންސާކުރަމުންނެވެ.
އެކަމަށް ހޯމަ ދުވަހު މުމްބައިގެ ހޮސްޕިޓަލެއްގައި އޮތް އިވެންޓުގައި ޕަޕަރާޒީންގެ އުޅުން ހުރި ގޮތުން ރުޅި އައިސްގެން އައިޝްވާރިޔާ ވަނީ އެމީހުންނާ ދިމާލަށް ރުޅި އައިސްގެން އެއްޗިހި ކިޔާފަ އެވެ.
ދަރިފުޅު އާރަދްޔާ އާއި މަންމަ ވްރިންދާ ރާއީ އާއެކު އައިޝްވާރިޔާ އެ އިވެންޓު އޮތް ތަނަށް ދިޔުމުން އޭނާ ފަހަތުން ފޮޓޯގްރާފަރުންނާ ވީޑިއޯގްރާފަރުން ފޮޓޯ އަދި ވިޑިއޯ ނަގަމުން އައިސް، އިވެންޓް ކުރިއަށް ދިޔަ ރޫމަށް ވަދެ އަޑު ހަރުކޮށް ވާހަކަދައްކަން ފަށައި އެކަކު އަނެކަކަށް ހަޅާލަވައި ވަނީ އައިޝްވާރިޔާ މެންގެ ފޮޓޯ ކުރިން ނަގަން އުޅެފަ އެވެ.
ކުޑަ ހޯލެއްގެ ތެރޭގައި ކުރިއަށް ދިޔަ އިވެންޓުގައި އެކަން އިންތިޒާމުކުރި ފަރާތުން ދެއްކި ވާހަކަ އަޑުއިވޭ ވަރަށް ވުރެން ފޮޓޯގްރާފަރުންގެ އަޑު ގަދަ އެވެ.
އެތަކެއް ފަހަރު އަޑު މަޑުކުރުމަށް އައިޝްވާރިޔާ އެދުމުން ވެސް އެކަން އެގޮތަށް ނުކޮށް ހޯލްތެރޭގައި އަޑުގަދަކޮށް ފޮޓޯ ނަގަން އުޅުން ރުޅިގަދަވެގެން އައިޝްވާރިޔާ އެމީހުންނާ ދިމާލަށް ހަޅޭލަވައިގަންނަމުން ވަނީ އެއީ ފިލްމެއްގެ ޕްރިމިއާއެއް ނުވަތަ ޕަބްލިކް އިވެންޓެއް ނޫން ކަމަށާއި އެވަގުތު އެތައި ތިބި ކުޑަކުދިންނާ އެހެނިހެން މީހުނަށް އިހުތިރާމްކުރުމަށް އެދިފަ އެވެ.
ސްމައިލް ޓްރެއިންގެ ކޯޕާޓްނަރުގެ އިތުރުން އައިޝްވާރިޔާ އަކީ އެ ޖަމްއިއްޔާގެ ގުޑްވިލް އެމެބެސެޑަރު ވެސްމެ އެވެ.
ކޮންމެ އަހަރަކު ބައްޕަ ކްރިޝްނަރަޖާ އެކު ސްމައިލް ޓްރެއިންގެ ހަފްލާގައި ބައިވެރިވެ، ބައްޕަ މަރުވި ފަހުން ބައިވެރިވި ފުރަތަމަ އިވެންޓުގައި އައިޝްވާރިޔާ ފެނުނީ ވަރަށް ދެރަވެފައި ހުއްޓަ އެވެ. އޭނާގެ ބައްޕަގެ ހަނދާނުގައި ގެނެސްދިން ވީޑިއޯ ޕްރެެންޓޭޝަނަށް ފަހު އައިޝްވާރިޔާ ފެންޚަލިވެފައި ހުއްޓަ ވެސް ވަނީ ފެނިފަ އެވެ.
އައިޝްވާރިޔާގެ ހިތާ ވަރަށް ބޮޑު ގާތްކަމެއް އޮތް މި އިވެންޓުގައި ފޮޓޯގްރާފަރުން އުޅުން ގޮތުން އޭނާ ހުރީ ވަރަށް ދެރަވެފަ އެވެ. އިވެންޓުގައި ހަގީގީ މަގުސަދަށް އެމީހުންގެ ސަބަބުން އޮތީ ވަރަށް ބޮޑަށް ބުރުއަރާފަ އެވެ.
މިދިޔަ އަހަރު ނިކުތް "އޭ ދިލްހޭ މުޝްކިލް" އިން އެންމެފަހުން ފެނިގެންދިޔަ އައިޝްވާރިޔާ މިހާރު އަންނަނީ އަނިލް ކަޕޫރާއި ރާޖްކުމާރު ރާއޯ އާއެކު ފެނިގެންދާ "ފަންނޭ ޚާން" ގެ މަންޒަރުތައް ނަގަމުންނެވެ.