ހަބަރު

ނިހާން ގދ އަށް: ރައީސްވި ގުރުބާނީގެ އަގު ކޮބާތޯ؟

Nov 22, 2017
12

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލޭގެ އިތުރުން ދެން އެންމެ ބޮޑަށް ތަރައްގީ ކުރުމަށް އިސްކަން ދެއްވީ ގދ. އަތޮޅު ތަރައްގީ ކުރުމަށް ކަމަށާއި އެކަން ކުރުމަށް އެމަނިކުފާނު ވެވަޑައިގަތް އިހްސާންތެރި ގުރުބާނީގެ އަގު ކޮބައިތޯ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ސުވާލު އުފައްދައިފި އެވެ.

ޕީޕީއެމްގެ ރުމާލު ދޭއް ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގައި ނިހާން ވަނީ ގދ. އަތޮޅަށް ނިސްބަތްވާ ރައްޔިތެއްގެ ހައިސިއްޔަތުން އެ އަތޮޅުގެ ރައްޔިތުންނަށް އަމާޒު ކުރައްވާ ނަސޭހަތްތަކެއް ދެއްވައިފަ އެވެ. ނިހާން ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ރައީސް ޔާމީން މުޅި ރާއްޖެ ތަރައްގީ ކުރެއްވި އިރު ވަކިން ހާއްސަ ރަށެއްގެ ގޮތުގައި ދެކިވަޑައިގެން ގދ އަތޮޅު ތަރައްގީ ކުރެއްވި ކަމަށާއި އެގޮތުން މިހާތަނަށް އެ އަތޮޅުގައި ބިލިއަންނެއްހާ ރުފިޔާގެ މަޝްރޫއުތައް ހަނގާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ނަމަވެސް އެ އަތޮޅަށް ނިސްބަތްވާ ދެ މަޖިލީސް މެންބަރުން އެކަން ދެކިވަޑައި ނުގަނެ ސަރުކާރަށް ބޮޑެތި ގެއްލުންތަކެއް ދެމުން ގެންދާ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ރައީސް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ބިލިއަނެއްހާ ރުފިޔާ ގދ އަތޮޅަށް ހަރަދު ކުރުމަށް ހިމަނާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އެހެންކަމުން އެ އަތޮޅު ރައްޔިތުންނަށް ރައީސް ޔާމީން ވެވަޑައިގަތް އިހުސާންތެރި ގުރުބާނީގެ އަގު ކޮބާތޯ ނިހާން ސުވާލު އުފެއްދެވި އެވެ.

"މާލެ ފިޔަވާ އެންމެ ބޮޑު ހަރަދެއް ކުރެއްވީ ގދ. އަތޮޅަށް، ނަމަވެސް ރައީސް ޔާމީންގެ ޕީޖީ ގްރޫޕުގައި ތިބެ މި ގައުމަށް ވަރަށް ބޮޑަށް ގައްދާރުވެ، މި ގައުމު ރާއްޖެއިން ބީވާ ހިސާބަށް ގެންދާ ހަރަކާތުގައި ތިނަދޫގެ ދެ މެންބަރުން ބައިވެރިވޭ،" ނިހާން ވިދާޅުވި އެވެ. "ގދ އަތޮޅުގެ ރައްޔިތުންގެ ހިތުގައި އެއްވެސް އިހުސާންތެރިކަމެއްވާ ނަމަ އިދިކޮޅު ފަރާތްތަކުން އެ އަތޮޅުގައި ބާއްވަން އުޅޭ ޖަލްސާގައި ބައިވެރިވެގެން ނުވާނެ، ރައީސް ޔާމީން ވެވަޑައިގަތް އިހުސާންތެރިކަން ރައްޔިތުން ދައްކާދޭނެ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ގދ އަތޮޅު ތަރައްގީ ކުރުމަށް ހުވަފެންތަކެއް ދެއްކި ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް ހާސިލެއް ނުވާ ކަމަށެވެ. ނަމަވެސް އެ ހުރިހާ ވައުދުތަކެއް ރައީސް ޔާމީން ފުއްދާ ދެއްވަމުން އަންނަ ކަމަށާއި ރައީސްގެ އެ އިހުސާންތެރިކަމަށް ގދ. އަތޮޅުގެ ރައްޔިތުން ވިސްނަވައިފި ނަމަ ރައީސް ޔާމީންއަށް ތާއީދު ނުކޮށް ނުހުންނާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އެހެންކަމުން ގދ. އަތޮޅުގެ ބައި އިލެކްޝަންގެ ގޮނޑި ހާއްސަ ސިފައެއްގައި ކާމިޔާބު ކުރުމުގެ މަސައްކަތް ތައްޔާރުވެފައިވާ ކަމަށާއި ހާއްސަކޮށް އެ ދެ ގޮނޑި ކާމިޔާބު ކުރަން ކޮންމެހެން ވެސް ބޭނުންވާ ކަމަށް ނިހާން ވިދާޅުވި އެވެ.