ހަބަރު

39 މެންބަރުންގެ ވޯޓާއެކު 27.9 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

  • 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް
  • އިދިކޮޅުން ވޯޓުގައި ބައިވެރިއެއް ނުވޭ
  • ފާސްކުރީ އިތުރު އިސްލާހަކާ ނުލާ

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 27.9 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި އެވެ.

މަޖިލީހުން ބަޖެޓު ފާސްކޮށްފައި 39 މެންބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވަޑައިގަތީ ވެސް 39 މެންބަރުންނެވެ. އެ ވޯޓުގައި އިދިކޮޅު ޕާޓީތަކުގެ އެއްވެސް މެންބަރަކު ބައިވެރިއެއް ނުވެ އެވެ. އިދިކޮޅު ފަރާތްތަކުން ވަނީ ބަޖެޓަކީ ހާސިލް ވާނެ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ބޮއިކޮޓް ކުރަން ނިންމަވާފަ އެވެ.

އަންނަ އަހަރުގެ 56 ޕަސެންޓް ހާއްސަކޮށްފައިވަނީ، ރިޔަރަންޓް ހަރަދަށެވެ. ރިކަރެންޓް ހަރަދަކީ 16.1 ބިލިއަން ރުފިޔާ އެވެ. އެއީ މުސާރަ އާއި ޕެންޝަނަށެވެ. އަދި 23 ޕަސެންޓް ހޭދަ ކުރާނީ އާއްމު ހިދުމަތް ފޯރު ކޮށްދޭނެވެ. އަދި ރިކަރަންޓް ހަރަދުގެ ނުވަ ޕަސެންޓް ހޭދަކުރާނީ ލޯނު ދައްކާށެވެ. ސަބްސިޑީ އަށް ހަރަދު ކުރާނީ 12 ޕަސެންޓެވެ. ބަޖެޓުގެ 43 ޕަސެންޓް ހޭދަކުރާނީ ކެޕިޓަލް ހަރަދު ތަކަށެވެ. އެއީ 11.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 59 ޕަސެންޓް ހަރަދު ހިމެނެނީ ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މި އަހަރުގެ ރާއްޖޭގެ އިންފްލޭޝަން ހުރި 3.4 ޕަސެންޓުގައި ކަމަށެވެ. އަދި އަންނަ އަހަރު އެވްރެޖުކޮށް ހުންނާނީ 3.1 ޕަސެންޓުގައި ކަމަށެވެ. އަންނަ އަހަރު ނިމޭއިރު ޖީޑީޕީ ނޫނީ ގައުނީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭވަރު 10،000 ޑޮލަރަށް އަރާމެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބަޖެޓު ދިރާސާ ކުރުމަށް 10 ދުވަހުގެ މުއްދަތެއް ކަނޑައެޅި ނަމަވެސް ފަސް ދުވަސް ތެރޭގައި ވަނީ ކޮމިޓީގެ މަސައްކަތް ނިންމާލައިފަ އެވެ. އެގޮތުން ބަޖެޓާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ކޮމިޓީއަށް ހާޒިރު ކުރެއްވީ ހަމައެކަނި ފިނޭންސް މިނިސްޓަރެވެ. ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރާއި އޮޑިޓާ ޖެނަރަލްގެ ލަފާ ވަނީ ލިޔުމުން ހޯދާފަ އެވެ. އަދި މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަވުމުން އެ މުއައްސަސާތަކުން ވަނީ ކަންބޮޑުވުންތައް ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ހުށަހަޅާފަ އެވެ. ނަމަވެސް އެއްވެސް މުއައްސަސާއެއް ހާޒިރު ނުކޮށް ކޮމިޓީން ނިންމީ މަދުވާ ފައިސާއެއް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ހަމަޖައްސާ ގޮތަށެވެ.

ކޮމިޓީން ފާސް ކުރިއިރު ބަޖެޓުގެ އަދަދަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. ކޮމިޓީ މަރުހަލާއިން ގެނައި ހަމައެކަނި ބަދަލަކީ ކާށިދޫގައި 300 މީހުންގެ ޖަލެއް އަޅަން ބަޖެޓްކޮށްފައިވާ ފައިސާ ހަމަ އެ އަދަދަށް ކ. ހުރާގެ ބިން ހިއްކުމަށް ހޭދަކުރާ ގޮތަށް ބަދަލު ކުރުމެވެ. އިތުރު އެއްވެސް ބަދަލެއް ނުގެނެ އެވެ.

މީގެ އިތުރަށް ބަޖެޓާ އެކު ކޮމިޓީގެ ލަފާތަކެއް ހިމަނަން ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ރެކޮމެންޑޭޝަންއަކީ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓް ހިއްސާ ދިވެހި ސަރުކާރަށް އަނބުރާ ގަތުމެވެ. އަދި ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ނޫނީ ދިވެހިންގެ ކުންފުނިތަކަށް އިސްކަން ދިނުމާއި މިނިވަން މުއައްސަސާތަކަށް ބަޖެޓް ދަތިވާ ނަމަ ފިނޭންސްގެ ހާއްސަ ބަޖެޓުން އެ ފައިސާ ހަމަޖެއްސުމެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ކޮމިޓީ ބައްދަލުވުން ކުރިޔަށް ދިޔަ ގޮތާ މެދުވެސް ކަންބޮޑުވުން ފާޅުކޮށް އެ ބައްދަލުވުންތައް ބޮއިކޮޓްކޮށްފަ އެވެ. އެގޮތުން މެންބަރުން ވާހަކަދެއްކެވުމަށް ތިން މިނެޓުގެ ވަގުތެއް ދިނުމާއި ގަވަނަރާއި އޮޑިޓާ ޖެނަރަލް ހާޒިރު ނުކުރި މައްސަލާގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ބަޖެޓު ދިރާސާ ކުރެއްވި ގޮތުގެ ރިޕޯޓު ހުށަހަޅުއްވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ބަޖެޓުގައި ހުރިހާ މެންބަރުންގެ ދާއިރާތަކަށް ގިނަ މަޝްރޫއެއް ނެތް ކަމުގައިވީ ނަމަވެސް މުޅި ބަޖެޓުން ތަރައްގީގެ ގިނަ ކަންކަން ހާސިލުވެގެންދާ ކަމަށާއި އެކަން އެނގި ހުރެ ސަރުކާރު ކޯލިޝަންގެ ފުރިހަމަ ތާއީދު ލިބުނީތީ އުފާ ކުރާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ބަޖެޓާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށާއި އެ ބޭފުޅުންގެ މަސައްކަތަކީ ޖެއްސުންކޮށް، ކޮމިޓީތަކުގައި ވެސް ސަކަރާތް ޖެހުން ކަމަށް ނިހާން ވިދާޅުވި އެވެ.

"ބަޖެޓު ސަރުކާރުން ފޮނުވި ގޮތުން ވެސް ވަރަށް ސާފުކޮށް ފެނޭ އަޅުގަނޑުމެން އަމާޒު ހިފި ލަނޑުތައް ހާސިލު ކުރެވި ރާއްޖޭގެ އެތެރެއާ ބޭރުގެ ދަރަނި ކުޑަ ކުރެވި ރައްޔިތުންގެ ދުޅަހެޔޮ ތަރައްގީއަށްޓަކައި މުހިންމު މަޝްރޫއުތަކެއް ހިމެނިފައިވޭ،" ނިހާން ވިދާޅުވި އެވެ. "އަޅުގަނޑު އެދެން މިއަދު ހާޒިރުވި ހުރިހާ މެންބަރުން ވެސް މި ފުރިހަމަ ބަޖެޓަށް ވޯޓު ދެއްވަން،"

ތަޅުމުގައި ބަޖެޓު ރިޕޯޓަށް ވާހަކަދެއްކެވި އެހެން ސަރުކާރު މެންބަރުން ވެސް ވިދާޅުވީ ބަޖެޓުން ރައްޔިތުންނާ ގުޅުން ހުރި ގިނަ ކަންކަން ހާސިލުވާ ކަމަށާއި ވަކި ދާއިރާއަކަށް ތަފާތެއް ނެތި ސަރުކާރުން ތަރައްގީގެ ގިނަ ކަންކަން ހިމަނާފައިވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން "ގެއެއްގެ ސިޓިން ރޫމުގައި" ބަޖެޓަށް ބަހުސް ކުރައްވާ ކަމަށް ވިދާޅުވެ އެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ބަޖެޓު ފާސްކޮށްފައިވާ އިރު އެމްޑީޕީން ވަނީ ބަޖެޓް ފާސްކުރުމަށް ނަގާ ވޯޓް ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.