ހަބަރު

ބަޖެޓާމެދު އިދިކޮޅުން ދައްކާނެ ވާހަކައެއް ނެތް، ފާސް ކުރާނަން: މެންބަރުން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ބަޖެޓާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ތިބީ ދައްކާނެ ވާހަކައެއް ނެތިފައި ކަމަށާއި ބަޖެޓު ފާސް ކުރާނެ ކަމަށް ސަރުކާރު ތަމްސީލު ކުރައްވާ މަޖިލީސް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި ބަޖެޓު ދިރާސާ ކުރި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި ގިނަކަންކަން ހިމެނޭ ބަޖެޓަށް ވޯޓު ދިނުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުގެ ވިސްނުން ހުރީ ޑްރާމާ ކުޅެ، ސްޓަންޓްތަކެއް ޖެއްސުމަށް ކަމަށާއި އަދި މަޖިލީހަށް ބަޖެޓު ހުށަހެޅި ދުވަހާއި ކޮމިޓީ މަރުހަލާގައި ވެސް އެ މެންބަރުން ކުރެއްވީ އެ މަސައްކަތް ކަމަށެވެ. ނަމަވެސް ސަރުކާރު މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއެކު ބަޖެޓު ފާސް ކުރާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ބަޖެޓު ސަރުކާރުން ފޮނުވި ގޮތުން ވެސް ވަރަށް ސާފުކޮށް ފެނޭ އަޅުގަނޑުމެން އަމާޒު ހިފި ލަނޑުތައް ހާސިލު ކުރެވި ރާއްޖޭގެ އެތެރެއާ ބޭރުގެ ދަރަނި ކުޑަ ކުރެވި ރައްޔިތުންގެ ދުޅަހެޔޮ ތަރައްގީއަށްޓަކައި މުހިންމު މަޝްރޫއުތަކެއް ހިމެނިފައިވޭ،" ނިހާން ވިދާޅުވި އެވެ. "އަޅުގަނޑު އެދެން މިއަދު ހާޒިރުވި ހުރިހާ މެންބަރުން ވެސް މި ފުރިހަމަ ބަޖެޓަށް ވޯޓު ދެއްވަން،"

ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ބަޖެޓާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ހަގީގަތެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް އޮޅުވާޅުމުގެ މަގްސަދުގައި ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބަޖެޓު ބަހުސްގައި ބައިވެރިނުވަނީ ފާޑު ކިޔާނެ ކަމެއް ބަޖެޓުގައި ނެތުމުން ކަމަށާއި އެއަށް ވުރެ ބަޖެޓު ފުރިހަމަ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ. އަދި ބަޖެޓުގައި ހުރިހާ މެންބަރުންގެ ދާއިރާތަކަށް ގިނަ މަޝްރޫއެއް ނެތް ކަމުގައިވީ ނަމަވެސް ޖުމުލަކޮށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިމެނި ވަރަށް އުންމީދީ ބަޖެޓެއް ކަމަށާއި ބަޖެޓު ހަރަދުކޮށް ނިމޭއިރު މެންބަރުން ހިތްހަމަޖެހިވަޑައިގަންނަވާ ވަރުގެ ތަރައްގީ ދާއިރާތަކަށް އަންނާނެ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.

"މި ސަރުކާރަކީ ބަޖެޓުން އެންމެ ރަނގަޅު ގޮތުގައި ހަރަދުކޮށްގެން ރައްޔިތުންނަށް އެ ވަގުތަކަށް އެންމެ ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދާ ސަރުކާރެއް، އެހެންވެ ތިބޭފުޅުން [މެންބަރުން]ގެ ދާއިރާތަކުގައި މަޝްރޫއެއް ނުހިނގާފާނެތީ ކަންބޮޑުނުވޭ، މެންބަރުން ބޭނުންވާ ހުރިހާ ކަމެއް މި ބަޖެޓުން ހާސިލު ވާނެ، އިރާދަ ކުރެއްވީއާ މިއަދު ބަޖެޓު ފާސް ކުރާނަން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުގެ މެންބަރުންނަށް ފާޑު ވިދާޅުވަމުން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ މަނަިކު ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި އިދިކޮޅު ޕާޓީތަކަށް ވެސް ގިނަ އަދަދެއްގެ ފައިސާ ކަނޑައަޅައިގެން ގަވައިދުން ދިން ނަމަވެސް، އެ ޕާޓީތަކުގެ މެންބަރުން އަދާ ކުރަން ޖެހޭ މައްސޫލިއްޔަތު އަދާ ކުރުމަށް މަޖިލީހަށް ހާޒިރު ނުވުމުން އެ ކުރަނީ އިސްރާފެއް ނޫންތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫން އަސާސީ ހިމާޔަތް ކުރާ ބައެއް ގޮތުގައި ރައްޔިތުންނަށް ދައްކަމުން، މ. ކުނޫޒުގައި ބަޖެޓަށް ބަހުސް ކުރާ އިރު ގާނޫން އަސާސީގެ ތެރެއިން އެއީ ކުރެވޭނެ ކަމެއްތޯ ވެސް ސުވާލުކޮށްލަން ޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް ގަބޫލު ކުރަން ބަޖެޓު ފުރިހަމަކަމުން ތަރައްގީގެ މަޝްރޫއުތައް ހުރީމަ އިދިކޮޅުން ބުނާނެ އެއްޗެއް ވެސް ނެތްކަން، އެހެން ނަމަވެސް މިތަނަށް އައިސް ހަޅޭއްލެވިޔަސް މުނިފޫހި ފިލުވުމެއް ލިބޭނެތޯ، މިވީހާތަނަށް ވެސް ކުރީ އެކަންތައް، ރާއްޖޭގައި މިވަރުގެ ކަމެއް ހިނގަމުން ދާއިރު އިދިކޮޅު ފަރާތްތަކުން އެއްޗެއް ނުބުނިކަން ވެސް އެއީ ހިތާމަ ހުރި ކަމެއް އެހެން ނަަމަވެސް ބުނާނެ އެއްޗެއް ނެތީމަ ކުރާނެ ކަމެއް ނޯންނާނެ،" މޫސަ ވިދާޅުވި އެވެ. "2005 ވަނަ އަހަރުގައި މަޖިލީހަށް ބަޖެޓު ހުށަހެޅުމުން ތީމުގޭ ބަޖެޓަށް 142 މިލިއަން ރުފިޔާ ހަރަދުވާތީ އެކަމާ އިހުތިޖާޖު ކުރިން އަޅުގަނޑުމެން، ބަޖެޓު ގޭގައި ބާއްވައިގެން ބޭނުންހާ ކަމެއް ކުރަމުން އަންނަމަށް އޭރު އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުން އައި، އެކަމަކު މިއަދު އެ ހާލަތު ބަދަލުވެ، ރައީސް ބަޖެޓު ހުށަހެޅުމުން އިދިކޮޅު ފަރާތްތަކުން ގެއެއްގައި އަމިއްލަށް ބަހުސްކޮށް ތިމަންނަމެންނަށް ލިބޭ އެތިކޮޅު މަދުވެގެން އުޅޭ މަންޒަރު މިފެންނަނީ،"

އަންނަ އަހަރުގެ 56 ޕަސެންޓް ހާއްސަކޮށްފައިވަނީ، ރިޔަރަންޓް ހަރަދަށެވެ. ރިކަރެންޓް ހަރަދަކީ 16.1 ބިލިއަން ރުފިޔާ އެވެ. އެއީ މުސާރަ އާއި ޕެންޝަނަށެވެ. އަދި 23 ޕަސެންޓް ހޭދަ ކުރާނީ އާއްމު ހިދުމަތް ފޯރު ކޮށްދޭނެވެ. އަދި ރިކަރަންޓް ހަރަދުގެ ނުވަ ޕަސެންޓް ހޭދަކުރާނީ ލޯނު ދައްކާށެވެ. ސަބްސިޑީ އަށް ހަރަދު ކުރާނީ 12 ޕަސެންޓެވެ. ބަޖެޓުގެ 43 ޕަސެންޓް ހޭދަކުރާނީ ކެޕިޓަލް ހަރަދު ތަކަށެވެ. އެއީ 11.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 59 ޕަސެންޓް ހަރަދު ހިމެނެނީ ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މި އަހަރުގެ ރާއްޖޭގެ އިންފްލޭޝަން ހުރި 3.4 ޕަސެންޓުގައި ކަމަށެވެ. އަދި އަންނަ އަހަރު އެވްރެޖުކޮށް ހުންނާނީ 3.1 ޕަސެންޓުގައި ކަމަށެވެ. އަންނަ އަހަރު ނިމޭއިރު ޖީޑީޕީ ނޫނީ ގައުނީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭވަރު 10،000 ޑޮލަރަށް އަރާމެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.