މޯލްޑިވިއަން އައިޑޮލް

އައިޑޮލްގެ ކޯ ސްޕޮންސާ ޕްލަސްއަށް މި ފަހަރުވެސް ވިލާ ކޮލެޖު

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިން ބާއްވަމުން އަންނަ ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ވެސް ކޯ ސްޕޮންސާ ޕްލަސްއަކަށް ވިލާ ކޮލެޖު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. ވިލާ ކޮލެޖަކީ އައިޑޮލް ސީޒަން އެކެއް އަދި ދެ އެއްގެވެސް ކޯ ސްޕޮންސާ ޕްލަސް އެވެ.

މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި ވިލާ ކޮލެޖު ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް އެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ނަޖީބް ވިދާޅުވީ ވިލާ ކޮލެޖަކީ ޒުވާނުންނަށް ހާއްސަ ސަމާލުކަމެއްދޭ އިންސްޓިޓިއުޓެއް ކަމަށާއި މޯލްޑިވިއަން އައިޑޮލް މެދުވެރިކޮށް ހުނަރުވެރި ޒުވާނުންނާ ހަަމައަށް ވާސިލް ވެވޭނެ ކަމަށެވެ. އަދި މިދިޔަ ދެ ސީޒަނުގައި ވެސް ހުނަރުވެރި އެތައް ޒުވާނުންނެއް ފެނިގެން ދިޔަ ކަމަށެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގައި ބައިވެރިވާން ހުޅުވާލުމަށްފަހު އޮޑިޝަންތައް ބާއްވާނެ ރަށްތައްވެސް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. މި ސީޒަންގައި އައިޑޮލްގެ އޮޑިޝަން ބާއްވަނީ އައްޑޫ ސިޓީ، ހިތަދޫ އާއި ރ. އުނގޫފާރު އަދި މާލޭގަ އެވެ.

މި އަހަރުގެ ސީޒަންގެ މެއިން ސްޕޮންސަރަކަށް ވެސް އެލައިޑް އިންޝުއަރެންސް ވަނީ ހަމަޖައްސާފަ އެވެ. ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ.