ހަބަރު

"ބަޖެޓް އޮތް ގޮތުން ކުދި ރަށްތައް ފަޅުވާނެ"

ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓަކީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށާއި އެ ބަޖެޓަކީ ކުދި އާބާދީ ރަށްތައް ފަޅު ކުރުމަށް ހަދާފައިވާ ބަޖެޓެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އަލީ ހުސެއިން ވިދާޅުވީ، ބަޖެޓަކީ ގައުމީ ތަރައްގީގެ ޕްލޭނެއް ނެތި އެކުލަވާލާފައިވާ ބަޖެޓެއް ކަމަށާއި ބަޖެޓަކީ ގާނޫނީ ގޮތުން ވެސް ސައްހަ ނޫން ބަޖެޓެއް ކަމަށެވެ. އަދި ވިދާޅުވީ، ބަޖެޓަކީ ސިޔާސީ ބަޖެޓެއް ކަމަށާއި މިއީ 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށް ހަދާފައިވާ ބަޖެޓެއް ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ރައްޔިތުން މާލެ ގެނެސް މާލެ ތޮއްޖައްސައި ތަކެތީގެ އަގު ބޮޑު ކުރަން ކަމަށެވެ. އަދި މާލޭގެ ދިރިއުޅޭ ގިނަ ރައްޔިތުންގެ މުސާރައިގެ ބޮޑު ބައެއް ހަރަދުވަނީ ކުއްޔަށް ކަމަށާއި އެކަން ހައްލު ކުރެވޭނީ ސަރަހައްދީ ތަރައްގީ ގެނެސްގެން ކަމަށެވެ. ނަމަވެސް ސަހަރައްދީ ތަރައްގީ ގެނައުމަށް އެއްވެސް ޕްލޭނެއް ބަޖެޓްގައި އެކުލަވާލާފައި ނުވާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"މި ބަޖެޓަކީ މެދު އަދި ކުދިފަންތީގެ އާބާދީގެ ރަށްތައް ފަޅުކުރުމުގެ ގޮތުން ހަދާފައިވާ ބަޖެޓެއް، މާލެ ސަރަހައްދަށް ހުރިހާ ރައްޔިތުން ގެންނަށް ކުރާ މަސައްކަތަކީ ރައީސް ޔަމީން ކުރައްވަން އުޅޭ ވަރަށް ބޮޑޫ ޖަރީމާއެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ، މާލެ ތޮއްޖެއްސުމުގެ ސިޔާސަތަކީ މިހާރުވެސް ފެއިލްވެފައިވާ ސިޔާސަތެއް ކަމަށާއި އެއީ މީގެ 50 އަހަރު ކުރިން ފެށީފައިވާ ސިޔާސަތެއް ކަމަށެވެ. އަދި މާލެ ކައިރީގެ ރަށްތައް ތަރައްގީ ކުރުމުގެ ގޮތުން ބޯހިޔާވަހި ކަމުގެ ގިނަ މަޝްރޫއު ތަކެއް ފެނިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް އެކަންކަމުގެ ސަބަބުން ދައްކަން ޖެހޭ ކުއްޔަށް ބަދަލެއް ނާންނަ ކަމަށެވެ. ކުލި ވަނީ ދުވަހެއް ދުވަހަކަށް ބޮޑު ވަމުން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ،

"ފެނުނު ވިލިނގިލީގައި އާބާދު ކުރަން ފެށުނުތަން، ފެނުނު ގުޅީފަޅު ހިއްކައި ތަރައްގީ ކުރަން ފެށުނުތަން،، ހުޅުމާލެގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ވެސް ފެނިގެން ގޮސްފި، ހަގީގަތަކީ މާލޭގެ ކުލީގެ އަގު ދަށަކަށް ނުދާކަން، ހުރިހާ ޕްރޮޖެކްޓެއްގެ ކުރިއަށް ގެންދިޔަ ނަމަވެސް މާލެގެ ކުލީގެ އަގު ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން،" އަލީ ހުސެއިން ވިދާޅުވި އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ކަންކަން ހާސިލް ކޮށްދޭނެ ބަޖެޓެއް އެކުލަވާލަން ޖެހޭ ކަމަށާއި ވަކި ދިމާލެއް ތަރައްގީ ކުރުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ދިމާލެއް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، ބަޖެޓަކީ ވަކި ބައެއްގެ އެޖެންޑާ ހާސިލް ކުރުމަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ.

"ވަކި ބައެއްގެ އެޖެންޑާ ހާސިލްކުރުމަށް ކުރަމުންދާ ކަމެއްގެ ގޮތުގައި ބަޖެޓް ފާހަގަ ކުރެވެނީ، ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއެކު ކަންކަން ހާސިލް ކުރަން އެބަ ޖެހޭ، ވަކި ދިމާލެއް ތަރައްގީ ކުރުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ދިމާލެއް ތަރައްގީ ކުރަން ޖެހޭނެ، އޭގެ ތެރެއިން އަސާސީ ކަންކަމަށް އިސްކަންދޭން ޖެހޭ،" ފައިސަލް ނަސީމް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ކޮންމެ އަހަރެއްގެ ބަޖެޓްގައި ވެސް ރާއްޖޭގެ 70 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ޕްރޮޖެކްޓްތައް ހިމަނާފައިވާ ކަމަށާއި ނަމަވެސް އެކަންކަން ކުރެވިގެންދާތަން ފެނިގެން ނުދާ ކަމަށެވެ. އަދި ވިދާޅުވީ، ބޮޑު ހަރަދުތަކެއް ކޮންމެ އަހަރަކު ކޮށްގެން މާލެ އާއި ހުޅުމާލޭގައި ހޮސްޕިޓަލްތަކެއް އެޅުމުގެ ބަދަލުގައި މުހިންމީ ކޮންމެ ރަށެއްގައި ގާއިމް ކޮށްފައިވާ ސިއްހީ މަރުކަޒުތައް ތަރައްގީ ކުރުން ކަމަށެވެ. އެއީ ބަލިވާ ކޮންމެ ފަހަރަކު މާލެ އަށް އައުމަކީ ދަތި އުނދަގޫ ކަމަކަށް ވާތީ ކަމަށް ފައިސަލް ނަސީމް ވިދާޅުވި އެވެ.