ހަބަރު

ތިނަދޫގައި އިދިކޮޅާއި ސަރުކާރުގެ ބޮޑު ވާދަވެރިކަމެއް

Nov 23, 2017
3
  • އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް މިރޭ
  • ޕީޕީއެމްގެ ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެ ރޭ
  • ދެފަޅީގެ ސަޕޯޓަރުން މެދުގައި އިއްޔެ ހަމަނުޖެހުން ހިނގި

ގދ. ތިނަދޫގައި މިރޭ އިދިކޮޅުން ބޮޑު ޖަލްސާއަކަށް ތައްޔާރުވަމުން އަންނަ އިރު، ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަން އިން ވެސް އަންނަ ހޮނިހިރު ދުވަހު އެރަށުގައި ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ޓީމެއް މިދިޔަ ބުދަ ދުވަހު އެރަށަށް ގޮސް ހަރަކާތްތެރިވަމުން އަންނަ އިރު މިރޭގެ ޖަލްސާއަށް އިދިކޮޅު ކޯލިޝަންގެ އިސްވެރިންގެ ޓީމެއް ވެސް މިހާރު ވަނީ އެ ރަށަށް ގޮސްފަ އެވެ. މީގެ އިތުރަށް އިއްޔެ ހަވީރުގެ ވަގުތެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އަދި ޕީޕީއެމް ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ހިމެނޭ ސަރުކާރުގެ ވަފުދެއް ވަނީ އެ ރަށަށް ގޮސްފަ އެވެ.

ސަރުކާރު ކޯލިޝަނުން ތިނަދޫގައި ޖަލްސާ ބާއްވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ، "ހެއްޔޯސާ"ގެ ނަމުގަ އެވެ. ހެއްޔޯސާ ޖަލްސާގެ ކުރިން ސަރުކާރުގެ މިނިސްޓަރުން ހިމެނޭ ވަފުދުތަކުން ގެންދަނީ އެ ރަށު ޕީޕީއެމް ސަޕޯޓަރުންނާ ބައްދަލު ކުރަމުން އެވެ. އެ ރަށުގައި ދެ ފަރާތުގެ ވާދަވެރިކަން ގަދަވެފައިވާ އިރު، އިއްޔެ ޕީޕީއެމްގެ ވަފުދުން އެ ރަށަށް ދިޔުމުން އެމްޑީޕީ ސަޕޯޓަރުން އެކަމާ ނުރުހުން ފާޅުކުރުމުން ޕީޕީއެމްގެ ސަޕޯޓަރުންނާ ދެމެދު އެ ރަށުގައި ހަމަނުޖެހުން ވެސް އިއްޔެ ހިނގި އެވެ.

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ، ތިނަދޫއަށް ނިސްބަތްވާ މަޖިލީހުގެ ދެ މެންބަރުން ވެސް ވަނީ މިހާރު އެ ރަށަށް ވަޑައިގެންފަ އެވެ. އިދިކޮޅުން ތުހުމަތު ކުރަނީ ސަރުކާރުން އިދިކޮޅުގެ ކެމްޕޭނަށް ހުރަސް އަޅަމުން އަންނަ ކަމަށެވެ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ އާއި އެ ރަށު ކައުންސިލުން އަތޮޅު ގޭގައި ބައްދަލުކުރުމުން އެ އިމާރާތް ވަނީ ކައުންސިލުން ވަކިކޮށް ފުލުހުންނާ ހަވާލުކޮށްފަ އެވެ. މީގެ އިތުރަށް އެ ރަށުގައި ހަރުކުރި ބިލްބޯޑްތަކެއް ވެސް ކޯޓުއަމުރެއްގެ ދަށުން ނެގުމަށް ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ރުމާލު ދޭއް ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ތިނަދުއަށް އުފަން އަހުމަދު ނިހާން ހުސެން މަނިކު، ވަނީ ސަރުކާރުން އެ ރަށަށް ގިނަ ކަންކަން ކޮށްދީފައި ވާތީ އިދިކޮޅު ޖަލްސާގައި އެއްވެސް ރައްޔިތަކު ބައިވެރިނުވުމަށް ގޮވާލައްވައިފަ އެވެ. އަދި ތިނަދުއަށް ނިސްބަތްވާ ދެ މެންބަރަކު ގައުމަށް ގައްދާރުވެފައިވާ ކަމަށް ނިހާންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އަދި ތިނަދޫގައި އިދިކޮޅަށް ބޮޑު ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ލީޑަޝިޕްގެ އެހެން ބޭފުޅުން ވެސް އެރޭގެ ޖަލްސާގައި އިދިކޮޅަށް ގޮންޖައްސަވާ ވާހަކަފުޅު ދެއްކެވި އެވެ.

އެމްޑީޕީ ސަޕޯޓަރުންނާއި ޕީޕީއެމް ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުން.