ހަބަރު

ދިރާސީ އަހަރުގެ ކިޔެވުން ނިންމާލައި ބޮޑު ޗުއްޓީއަކަށް

ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު ސްކޫލްތައް ބަންދުކޮށް ދަރިވަރުންނާއި ޓީޗަރުން މި އަހަރުގެ ބޮޑު ޗުއްޓީ ފަށައިފި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ގަ އެވެ. އެހެން ކަމުން ބަންދުގެ ގޮތުގައި ގާތްގަނޑަކަށް ދޮޅުމަސް ދުވަހުގެ ޗުއްޓީއެއް ދަރިވަރުންނަށާއި ޓީޗަރުންނަށް ލިބޭނެ އެވެ.

މިއަދު ގިނަ ސްކޫލުތަކުން މިއަދު ރިޕޯޓް ފޯމް ދީފައިވާއިރު ހުރިހާ ސްކޫލެއްގައި މިއަދު ހަވީރާ ހަމައަށް ދަރިވަރުންނަށް ރިޕޯޓްފޯމުތައް ހަވާލުކޮށް އެއްކޮށް ނިމޭނެ އެވެ. މިއަދު ޗުއްޓީ ފެށި އިރު މާލެ އިން ވަރަށް ގިނަ އަދަދެއްގެ އާއިލާތައް ރާއްޖެއިން ބޭރަށާއި ރަށްރަށަށް ޗުއްޓީއަށް ދާން ވަނީ ފަށާފަ އެވެ.

އަންނަ އަހަރު ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ޓެކްސްޓް ފޮތުގެ ބަދަލުގައި ޓެބްލެޓް ހޯދައިދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. ސްކޫލް ޑިޖިޓަލައިޒޭޝަން ކުރުމުގެ މަޝްރޫއުގެ ދަށުން، ބައެއް ސްކޫލްތަކުގައި ތަޖުރިބާ ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް މިހާރު ދަނީ ހިންގަމުންނެވެ.

މި އަހަރުގެ ދިރާސީ އަހަރު ފަށާ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވަނީ ޖެނުއަރީ މަހު އަށެއެއްގަ އެވެ.